ރިޔާސީ އާ ދައުރަކަށް އިންތިހާބުވެފައިވަ ޑރ. މުހަައްމަދު މުއިއްޒުގެ ރިޔާސީ ދައުރު ފެށުމާ ހަމައަށް މި ހިނގާ އިންތިގާލީ މުއްދަތުގައި ދައުލަތުގެ ކުންފުނި (އެސްއޯއީ)ތަކާއި ސަރުކާރުގެ ވިޔަފާރި ކުރާ ތަންތަނުން އާއްމުކޮށް ހިންގާ ވިޔަފާރި މުައާމަލާތްތައް ފިޔަވައި އެހެން މުއާމަލާތްތައް ނުކުރަން ޕްރައިވެޓައިޒޭޝަން ބޯޑުން އަންގައިފި އެވެ.
އިންތިހާބީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުއިއްޒު ނޮވެމްބަރު 17 ގައި ހުވާކުރެއްވުމަށް ހަމަޖެހިފައިވާއިރު ވެރިކަން ބަދަލުވުމުގެ ކަންތައްތައް ކުރިއަށްގެންދާ މި ދަނޑިވަޅުގައި އެސްއޯއީތަކުން އަމަލުކުރަންވީ އެންމެ ރަނގަޅު ގޮތްތައް ބަޔާންކޮށް ޕީސީބީއިން ވަނީ އިއްޔެ ސާކިއުލާއެއް އާންމުކޮށްފަ އެވެ.
ޕީސީބީން ކުންފުނިތަކަށް އެންގި އެންގުންތައް
- ކުންފުނިތަކުން އާންމުކޮށް ހިންގާ ވިޔަފާރީގެ މުއާމަލާތްތައް ފިޔަވައި މުޅިން އަލަށް އެއްވެސް މަޝްރޫއެއް ނުވަތަ ކުންފުނިން ބޮޑު ހަރަދެއް ކުރަން ޖެހޭ އާ އެއްވެސް ކަމެއް ނުކުރުން
- ކުންފުނީގެ އާމްދަނީއަށް އަސަރު ކުރާނެ ގަވާއިދުތަކާއި އުސޫލުތަކާއި ނިންމުންތަކަށް އެއްވެސް ބަދަލެއް ނުގެނައުން
- ކުންފުނީގެ މުވައްޒަފުންނަށް މުސާރަ އާއި އިނާޔަތް ދިނުމަށް ކަނޑައަޅާފައިވާ އުސޫލުތައް އަދި މުސާރަ އާއި އިނާޔަތްތަކަށް އެއްވެސް ބަދަލެއް ނުގެނައުން
- ކުންފުނީގެ މުވައްޒަފުންނާ ގުޅޭ ގަވާއިދުތަކާއި އުސޫލުތަކަށް އެއްވެސް ބަދަލެއް ނުގެނައުން
- ކުންފުނީގެ ވަޒީފާގެ އޮނިގަނޑަށް ބަދަލު ނުގެނައުން
މީގެ އިތުރުން އިންތިހާބީ ރައީސް މުއިއްޒުގެ ފަރާތުން އިންތިގާލީ މަރުހަލާގައި މަސައްކަތް ކުރަމުން ގެންދާ އިންތިގާލީ ކޮމެޓީއަށް ބޭނުންވާ މައުލޫމާތު ފޯރުކޮށްދިނުމަށާއި އެ ކޮމެޓީއަށް ބޭނުންވާނެ ލިޔެކިޔުންތަކާއި މައުލޫމާތު ފަސޭހައިން ލިބޭނެ އިންތިޒާމުތައް ހަމަޖައްސައިދިނުމަށް ވެސް ޕީސީބީއިން ވަނީ އެދިފަ އެވެ.











