އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަން ރިޔާސީ ނިޒާމެއްގައި ފަށައި، އެ ނިޒާމުގެ ތެރެއިން ވެރިކަން ކުރުމުގެ ފުރުސަތު ދޭން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި އެމަނިކުފާނުގެ ދަ ޑިމޮކްރެޓްސް ޕާޓީން އެއްބަސްވެ، މިއަދުގެ އެޖެންޑާއިން ނިޒާމުގެ މައްސަލަ ނަގައިފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ފެށްޓެވުމަށްފަހު ނަޝީދު ވިދާޅުވީ އިއްޔެ އިންތިހާބީ ރައީސް މުއިއްޒާއެކު މަޖިލީހުގައި ބައްދަލު ކުރެއްވިއިރު، ނިޒާމުގެ ވޯޓުގެ ކަންކަން މަޑު ޖައްސާލައްވާނެ ކަމަށް ދަންނަވާފައިވާނެ ކަމަށެވެ.
"ވެރިކަމުގެ ނިޒާމު ބަދަލު ކުރުމާ ގުޅޭ ގޮތުން ވޯޓެއް ނަގާފައި. އަދި އެ މަސައްކަތް މަޖިލީހުގައި އެބަ ދެޔޭ. އެހެންނަމަވެސް މިހާރު އަޅުގަނޑު ވެސް އެ ވޯޓަށް އެދުނު ޑިމޮކްރެޓްސް ޕާޓީގެ މެމްބަރުން ވެސް އެދެނީ އެ މަސައްކަތް މިވަގުތު ނުކުރުމަށޭ. ޑިމޮކްރެޓިކް ޕާޓިން އެދެނީ ޑރ. މުއިއްޒުގެ ސަރުކާރު އެކުލަވާލެވި، އެ ސަރުކާރުން ރިޔާސީ ނިޒާމުގައި މަސައްކަތްތައް ކުރިއަށް ގެންދިޔުމަށޭ،" ނަޝީދު ވިދާޅުވި އެވެ.
ނިޒާމީ ވޯޓުގެ ކަންކަން މަޑުޖައްސާލުމަށް ނިންމެވި ނަމަވެސް އެ މަސައްކަތް ފަހުން ކުރުމަށް ވާހަކަ ދެކެވުނު ކަމަށާއި އެކަމަށް ޑރ. މުއިއްޒު ވެސް ތާއީދު ކުރައްވާ ކަމަށް ނަޝީދު ވިދާޅުވި އެވެ.
"އެހެން ނަމަވެސް އަޅުގަނޑު ދެންނެވިން ނިޒާމީ ވާހަކަ ސިޔާސީ މަސްރަހުން އަދި ދިވެހި މުޖްތަމައުގެ ތެރެއިން ފިލައެއް ނުދެޔޭ. އެހެންވީމާ މިކަމާ ގުޅޭ ގޮތުން މަސައްކަތް ކުރެއްވުމަށް އަޅުގަނޑު އެދެނީ. އެދުނީމާ ވިދާޅުވި އިން ޑިއު ކޯސް ވީ ކޭން ސާކަލް ބެކް ޓު އިޓް އެންޑް އާސްކް ދަ ޕަބްލިކް،" ނަޝީދު ވިދާޅުވި އެވެ.

މިއަދުގެ ޖަލްސާގައި ނަޝީދު އެދިވަޑައިގެންނެވީ ރިޔާސީ ނިޒާމެއްގައި ޑރ. މުއިއްޒަށް ވެރިކަން ކުރުމުގެ ފުރުސަތު ފަހިކޮށްދިނުމަށެވެ.
"އަޅުގަނޑު އިއްޒަތްތެރި މެމްބަރުން ކައިރިން އެދެނީ މި ރިޔާސީ ދައުރު ރީތިކޮށް ފެށުމަށާއި ޑރ. މުއިއްޒަށް ރިޔާސީ ނިޒާމުގައި ރައީސްކަން ރީތިކޮށް ކުރުމުގެ ފުރުސަތު އަޅުގަނޑުމެން އެންމެން ވެސް ފަހިކޮށްދިނުމުގެ ގޮތުންނާއެކުގައި އެބޭފުޅާއަށް މި ޖާގަ އެރުވުން،" އެމަނިކުފާނު ވިދާޅުވި އެވެ.
އޭގެ އިތުރުން، ޑރ. މުއިއްޒުގެ ވެރިކަން ފެށުމުގެ ގޮތުން ރައްޔިތުންގެ މަޖިލީހުން ކުރަންޖެހޭ މަސައްކަތް ފުރިހަމައަށްކޮށްދެއްވާނެކަމުގެ ޔަގީންކަން އިންތިހާބީ ރައީސްއަށް އިއްޔެ އަރުވާފައިވާނެ ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.
"ހުވާ ކުރުމާއި ސަރުކާރު ފަށައިގަތުމަށް ކުރަންޖެހޭ ކަންކަން މި މަޖިލީހުގެ ތަރުތީބުގެ ތެރެއިން އެއްބާރުލުން ދޭނެ ކަމަށް،" ނަޝީދު ވިދާޅުވި އެވެ.
ޑިމޮކްރެޓްސްއިން ހުށަހެޅި ބިލުގައި ވަނީ އޮކްޓޯބަރު 30، ގެ ކުރިން ނިޒާމާ ގުޅޭ ގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދިޔުމަށެވެ. ނަމަވެސް އެ މުއްދަތުގެ ތެރޭގައި އެފަދަ ވޯޓެއް ނުނެގޭނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވެސް ވަނީ ބުނެފަ އެވެ.













