ރައްޔިތުންގެ ވެރިކަމެއް ކުރުމުގައި މަޖިލީހުގެ ދައުރު މުހިންމު ކަމަށާއި، ވެރިކަމަށް މަޖިލީހުގެ އެއްބާރުލުން ފުރިހަމައަށް ލިބޭނެ ކަމުގެ ޔަގީންކަން އޮތް ކަމަށް އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ހޮނިހިރު ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރުގައި ވާދަކުރައްވައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ މައްޗަށް ކުރި ހޯއްދެވި ޑރ. މުއިއްޒު އާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވަނީ ބައްދަލުކުރައްވައިފަ އެވެ.
މިއަދު ވަޑައިގެން މަޖިލީހުގެ މެހެމާނުން ސޮއިކުރާ ފޮތުގައި ޑރ. މުއިއްޒު ލިޔުއްވެވީ އެމަނިކުފާނު ގަބޫލުކުރައްވާ ގޮތުގައި ރައްޔިތުންގެ ވެރިކަމެއް ކުރުމުގައި މަޖިލީހުގެ ދައުރު މުހިންމު ކަމަށެވެ. އަދި މަޖިލީހުގެ ފުރިހަމަ އެއްބާރުލުން ލިބޭނެ ކަމުގެ ޔަގީންކަން އޮތް ކަަމަށް ވެސް ޑރ. މުއިއްޒު ވިދާޅުވި އެވެ.
އިންތިހާބީ ރައީސް މުއިއްޒު މަޖިލީހަށް ވަޑައިގަތް އިރު އަރިހުގައި، ޕީއެންސީގެ އިންތިގާލީ ކޮމެޓީތަކުގެ ވެރިޔާ އަބްދުއްރަހީމް އަބްދުﷲ އަދި އިންތިހާބީ ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ވަޑައިގެންނެވި އެވެ.
ޑރ. މުއިއްޒު މިއަދު މަޖިލީހުގެ ރައީސް ނަޝީދާ ބައްދަލު ކުރައްވާއިރު ސަރުކާރު ބަދަލުވުމުގެ މަރުހަލާ ކުރިއަށް ގެންދިޔުމަށް ކޮމެޓީތައް އެކުލަވާލައި، އެ މަސައްކަތް މިހާރު ކުރިއަށް އެބަ ގެންދެ އެވެ.

ވެރިކަން ބަދަލުކުރުމުގެ މަރުހަލާއަށް ސަރުކާރުގެ ފަރާތުން އެކުލަވާލި ކޮމެޓީގެ ވެރިޔަކަށް ހަމަޖެއްސީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ސެކްރެޓެރީ، ކޯޕަރޭޓް ސާވިސް ހުސައިން އާމިރެވެ. އަދި ވެރިކަން ބަދަލު ކުރުމުގެ މަރުހަލާގެ ކަންކަން ރައީސް އޮފީހުގެ ފަރާތުން ވިލަރެސް ކުރައްވާނީ ޗީފް އޮފް ސްޓާފް އަލީ ޒާހިރު ކަމަށް ސަރުކާރުން ވަނީ އިއުލާނުކޮށްފަ އެވެ.













