މިއުނިކް (ސެޕްޓެމްބަރު 21) - ޔުއާފާ ޗެމްޕިއަންސް ލީގުގައި ރޭ ބަޔާން މިއުނިކް ދަނޑުގައި 4-3 އިން މެންޗެސްޓާ ޔުނައިޓެޑް ބަލިވީ އޭނާއާ ހެދި ކަމަށް އެ ޓީމުގެ ކީޕަރު އަންދްރޭ އޮނާނާ ބުނެފި އެވެ.
ކެމަރޫން ގައުމީ ޓީމުގެ ގޯލްކީޕަރު އޮނާނާ، އިންޓަ މިލާން ދޫކޮށް 60 މިލިއަން ޑޮލަރުގެ ޑީލެއްގައި ޔުނައިޓެޑަށް ބަދަލުވުމަށް ފަހު، މި ސީޒަނުގައި ދައްކަމުން އަންނަ ކުޅުމަށް ގިނަ ބަޔެއްގެ ފާޑުކިޔުން އަންނަނީ އަމާޒުވަމުންނެވެ.
ރޭ ޗެމްޕިއަންސް ލީގުގައި ބަޔާނުން ޔުނައިޓެޑް ބަލިކުރިއިރު، މި މެޗުގައި ޔުނައިޓެޑް ބޭނުންވި ގޮތަށް ކަންކަން ނުދިޔައީ އޮނާނާ ހެދި ގޯސްތަކެއްގެ ސަބަބުންކަން ގިނަ ބަޔަކު ފާހަގަކުރި އެވެ.
ރޭގެ މެޗަށް ފަހު އަމިއްލަ އަށް އިސްނަގައިގެން އޮނާނާ ވަނީ މީޑިއާ އަށް އިންޓަވިއުއެއްދީފަ އެވެ. އޮނާނާ، އެ އިންޓަވިއުގައި ބުނެފައިވަނީ ކީޕަރަކަށް ކުޅޭއިރު އެންމެ މުހިންމީ ސަމާލުވެގެން ހުރިހާ ދަނޑިވަޅެއްގައި ހުރުން ކަމަށާއި އެ ހުރިހާ ކަމަކަށް ބަލާއިރު، ރޭ ޔުނައިޓެޑް ބަލިވީ އޭނާއާ ހެދި ކަމަށް ބުނެވުމުގެ ޖާގަ އެބައޮތް ކަމަށެވެ.
"މިއީ ކީޕަރަކަށް ދިމާވާނެ ކަހަލަ ކަންކަން. ވަރަށް އުނދަގޫ އަސްލު. އަހަންނަށް ހެދުނު ގޯހެއްގެ ސަބަބުން މެޗުގައި ޔުނައިޓެޑަށް ކޮންޓްރޯލް ގެއްލުނީ. މިއީ އަހަންނަށް ވަރަށް އުނދަގޫ ހާލަތެއް، އަހަރެންގެ ސަބަބުން ޓީމު ބަލިވެފައި މި އޮތީ، އެ ޒިންމާ އަހަރެން ނަގަން، އަހަރެމެން މި މެޗުން މޮޅުނުވީ އަހްނަނާ ހެދިއޭ ބުނެވޭނެ،" އޮނާނާ ބުންޏެވެ.
ބާރަ އަހަރު ވަންދެން ޔުނައިޓެޑްގެ ގޯލު ބެލެހެއްޓި ސްޕެއިންގެ ގޯލްކީޕަރު، ޑޭވިޑް ޑެހެއާ ވަނީ ޔުނައިޓެޑްގެ ކޮންޓްރެކްޓް ހަމަވުމުން އެ ޓީމު ދޫކޮށްލައިފަ އެވެ. ޑެހެއާ އަދިވެސް ހުރީ ކްލަބަކާ ނުގުޅި އެވެ. ރިޕޯޓްތައް ބުނާގޮތުން ރެއާލް ބެޓިސްއާ އެކު ކުރު މުއްދަތެއްގެ ކޮންޓްރެކްޓެއްގައި ސޮއިކުރަން ޑެހެއާ އަންނަނީ މަޝްވަރާ ކުރަމުންނެވެ.












