އަގުހުރި އިނާމުތަކާއިއެކު "އުރީދޫ ނޭޝަން - ގޭމާސް ލޭންޑް" ގެ ނަމުގައި އަންނަ އޮކްޓޯބަރު މަހު ގޭމިން ފެސްޓިވަލެއް ބާއްވަން އުރީދޫ އިން ނިންމައިފި އެވެ.
އަންނަ އޮކްޓޯބަރު 19، 20 އަދ 21 ވަނަ ދުވަހު ބާއްވަން ނިންމާފައިވާ "އުރީދޫ ނޭޝަން - ގޭމާސް ލޭންޑް" ގައި ބައިވެރިވެ، އެކި ވަނަތަކަށް ދާ ފަރާތްތަކަށް ޖުމުލަ 185،000 ރުފިޔާގެ އިނާމު ހޯދުމުގެ ފުރުސަތު އޮތް ކަމަށް އުރޫދޫއިން ބުނެ އެވެ.
އުރީދޫއިން ބުނީ އެ ކުންފުނީގެ ހެޑްކުއާޓާސްގައި ބޭއްވުމަށް ހަމަޖެހިފައިވާ މި އިވެންޓްގައި ހުރިހާ ވައްތަރެއްގެ ގޭމް ކުޅޭ ފަރާތްތަކަށް ވެސް އެކަށީގެންވާ ހަރަކާތްތައް ކުރިއަށްދާނެ ކަމަށެވެ. އުރީދޫ ނޭޝަން ގޭމާސް ލޭންޑް ގައި އުރީދޫ ނޭޝަން ޕަބްޖީ މޮބައިލް ފައިނަލް މެޗް ތަކުގެ އިތުރުން، ރޭސިން ސިމް، ފީފާ، ކޮސްޕްލޭ އަދިޓެކަން ޓޯނަމެންޓެއް ވެސް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފަ އެވެ.
މުބާރާތްތަކަށް ކަނޑައެޅިފައިވާ އިނާމުތަކުގެ އަގު:
- 40،000ރ. ގެ އިނާމާއެކު އީއޭއެފްސީ (ފީފާ)
- 25،000ރ. ގެ އިނާމާއެކު ރޭސިން ސިމް ޗެލެންޖް
- 10،000ރ. ގެ އިނާމާއެކު ޓެކެން މުބާރާތް
- 10،000ރ. ގެ އިނާމާއެކު ކޮސްޕްލޭ މުބާރާތް
އުރީދޫ ނޭޝަން ޕަބްޖީ މޮބައިލް ގްރޭންޑް ފިނާލޭ
ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ޕަބްޖީ މުބާރާތް ކަމަށްވާ އުރީދޫ ނޭޝަން ޕަބްޖީ މޮބައިލް ޗެމްޕިއަންޝިޕްގެ ފައިނަލް މެޗުތައް ވެސް ބޭއްވުމަށް ހަމަޖެހިފައިވަނީ 'އުރީދޫ ނޭޝަން –ގޭމާސް ލޭންޑް ގޭމިން ފެސްޓިވަލް' ގަ އެވެ.
އުރީދޫއިން ބުނީ 2022 ވަނަ އަހަރު އެކުންފުނިން ބޭއްވި ރޯޑް ޓު 100ކޭ ކޮލިފައިން މުބާރާތްތައް ކަމުގައިވާ ކޮންޓެންޑާ ސީރީޒް 1، 2 އަދި 3 ގެ އިތުރުން، ވައިލްޑް ކާޑް އެންޓްރީ ސީރީޒް ކާމިޔާބުކުރި ޖުމްލަ 16 ޓީމެއް ފައިނަލްގައި އެއްލައްކަ ރުފިޔާގެ ބޮޑު ޕްރައިޒް ޕޫލަށް ވާދަކުރާނެ ކަމަށެވެ.
އުރީދޫއިން ބުނީ މި ގޭމިން ފެސްޓިވަލަށް ޒިޔާރަތްކުރާ ފަރާތްތަކަށް ކްލޯ މެޝިނާއި، އެންމެ ފަހުގެ ވީޑިއޯ ގޭމްތައް ތަޖުރިބާކުރުމުގެ އިތުރުން، ޖަސްޓް ޑާންސްއަށް ރައްޓެހިންނާއެކު ނަށާލުމާއި، ތުރޯ ދަ ހޫޕް ފަދަ ތަފާތު ހަރަކާތްތަކުގައި ބައިވެރިވުމުގެ ފުރުސަތު ލިބޭނެ ކަމަށެވެ.
މީގެ އިތުރުން ކިޑްސް އެރީނާގައި ގޭމް ކުޅެން ބޭނުންވާ ކުދިންނަށް ހާއްސަ ގޭމްތަކާއި ޔޫވީ ފޭސް ޕެއިންޓިންގ ފަދަ ހަރަކާތައް ވެސް ކުރިއަށްދާނެ އެވެ. އަދި ފޮޓޯ ބޫތުތަކުގައި ފޮޓޯ ނެގުމުގެ ފުރުސަތު ވެސް ލިބޭނެ ކަމަށް އުރީދޫއިން ބުނެ އެވެ.
އުރީދޫ ނޭޝަން ޕަބްޖީ މޮބައިލް ޗެމްޕިއަންޝިޕްގެ ގްރޭންޑް ފައިނަލްގެ އިތުރުން މި ފެސްޓިވަލްގައި ތަފާތު މުބާރާތްތަކަށް ރަޖިސްޓްރީވުމުގެ ފުރުސަތު ވެސް ހުޅުވާލާނެ އެވެ. ރަޖިސްޓްރީ ކުރާނޭ ގޮތުގެ ތަފްސީލު އުރީދޫ ނޭޝަން ވެބްސައިޓާއި، އުރީދޫ ނޭޝަން ގެ ރަސްމީ ސޯޝަލް މީޑިއާ ޕޭޖުތަކުގައި ހިއްސާ ކުރާނެ އެވެ.











