ބަޖެޓުން މީޑިއާތަކަށް ފައިސާ ދޭން މުއިއްޒު ވެސް ވައުދުވެއްޖެ

Sep 15, 2023, 10:12 AM
ޕީއެންސީގެ ކެންޑިޑޭޓު ޑރ. މުއިއްޒު އދ. މަހިބަދޫގައި މީޑިއާގެ ސިޔާސަތާ ގުޅޭ ގޮތުން ވާހަކަ ދައްކަވަނީ - ފޮޓޯ: އަބްދުﷲ އިޔާން / އަދަދު

ޕީއެންސީގެ ކެންޑިޑޭޓު ޑރ. މުއިއްޒު އދ. މަހިބަދޫގައި މީޑިއާގެ ސިޔާސަތާ ގުޅޭ ގޮތުން ވާހަކަ ދައްކަވަނީ - ފޮޓޯ: އަބްދުﷲ އިޔާން / އަދަދު

ދައުލަތުގެ ބަޖެޓުން ވަކި ޕަސެންޓެއް އަމިއްލަ މީޑިއާތަކަށް ކަނޑައަޅައި، އެ ފައިސާ ހަމަޖައްސައިދޭނެ ކަމަށް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު ވައުދުވެވަޑައިގެންފި އެވެ.

އދ. މަހިބަދޫގައި ރޭ ބޭއްވި ކެމްޕެއިން ޖަލްސާގައި މުއިއްޒު ވިދާޅުވީ ސަރުކާރުގެ ކުންފުނިތަކުން ދޫކުރާ ސްޕޮންސާ ފީތަކަށް ނޫސްތައް ބަރޯސާވާން ޖެހުމުގެ ސަބަބުން ނޫސްތައް ހިންގާ ކުންފުނިތަކާއި މީޑިއާތައް އޮންނަނީ ވަރަށް ބޮޑު އަޅުވެތިކަމެއްގެ ތެރޭގައި ކަމަށެވެ.

ސަރުކާރު ޖަވާބުދާރީ ކުރުވުމަށް ނޫސްވެރިންނަށް އެންމެ މިނިވަން މާހައުލެއް ލިބޭނެ އެއް ގޮތަކީ ދައުލަތުގެ ބަޖެޓުން ވަކި ޕަސެންޓެއް ނޫސް ހިންގާ މީޑިއާތަކާއި ނޫސްވެރިކަމުގައި މަސައްކަތް ކުރާ އެކި ފަރާތްތަކަށް ހަމަޖެއްސުމެވެ. ގާނޫނީ ގޮތުން އެ ކަން ކަނޑައަޅައިގެން ކުރިއަށްދާނެ ކަމަށް މުއިއްޒު ވިދާޅުވި އެވެ.

"ދައުލަތުގެ ބަޖެޓުން ސިޔާސީ ޕާޓީތަކަށް ވަކި އިންސަތައެއް ދޭ ގޮތަށް މި އޮންނަނީ، ގާނޫނަށް ބަދަލު ގެނެސްގެން، ދައުލަތުގެ ބަޖެޓުން ވަކި އިންސަތައެއް، މީޑިއާތަކަށާއި ނޫސްވެރިކަމުގައި މަސައްކަތް ކުރާ އެކި ފަރާތްތަކަށް، ދޭ ގޮތަށް އިރާދަކުރެއްވިއްޔާ އަޅުގަނޑު ހުށަހަޅާނަން،" މުއިއްޒު ވިދާޅުވި އެވެ.

ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދުގެ ވެރިކަމުގެ ދެ އަހަރު ދުވަހާއި، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގެ ފަސް އަހަރު ހިމެނޭހެން ޖުމުލަ ހަތް އަހަރު ހައުސިން މިނިސްޓަރުކަން ކުރައްވާފައިވާ މުއިއްޒު ވިދާޅުވީ، ތައުލީމީ އެކިއެކި ރޮނގުތަކުން ނޫސްވެރިންނަށް ފުރުސަތުތައް ފަހިކޮށްދެއްވާނެ ކަމަށެވެ.

"އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ޒަމާނީ ޑިމޮކްރަސީ މި ތަނުގައި ގާއިމްކޮށް، ހިތްހަމަޖެހުމާއި ޔަގީންކަން ރައްޔިތުންނަށް ހޯދައިދިނުމުގައި މީޑިއާއަށް ލިބެން އެބަ ޖެހޭ، މިނިވަންކަމުގެ އިތުރަށް، ތަރައްގީވުމުގެ ފަހި ފުރުސަތުތައް ވެސް،" މި ވަގުތު މާލޭގެ މޭޔަރުގެ މަގާމު ވެސް ފުރުއްވާ، މުއިއްޒު ވިދާޅުވި އެވެ.

މުއިއްޒު މިމޭރުމުން ވާހަކަދެއްކެވުމުގެ މާ ކުރިން، އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ އެމަނިކުފާނުގެ މެނިފެސްޓޯގައި މީޑިއާއަށް ދެން އަންނަ ދައުރެއްގައި ގެންގުޅުއްވާނެ ސިޔާސަތުތައް ލިޔުއްވައިފަ އެވެ. އޭގައި، ދައުލަތުގެ ބަޖެޓުން ވަކި ޕަސެންޓެއް މީޑިއާތަކަށް ދިނުމަށް ވެސް ހިމަނާފައިވެ އެވެ.

ދިވެހި ނޫސްވެރިންގެ ޖަމިއްޔާ، މޯލްޑިވްސް ޖާނަލިސްޓު އެސޯސިއޭޝަން (އެމްޖޭއޭ) އާއި ދިވެހި އެޑިޓަރުންގެ ޖަމިއްޔާ ކަމަށްވާ އެޑިޓާސް ގިލްޑް އިން މީގެ ކުރިން ވެސް ވަނީ އެފަދަ އުސޫލަކުން އަމިއްލަ މީޑިއާތަކަށް ދައުލަތުގެ މާލީ އެހީތެރިކަން ދޫކުރުމަށް ގޮވާލައިފަ އެވެ.

އެނގިފައިވާ ގޮތުގައި ރިޔާސީ އިންތިހާބުގައި ވާދަކުރާ މައި ދެ ޕާޓީގެ ކެންޑިޑޭޓުންނަށް ވެސް މި ޖަމިއްޔާތަކުން އެ ކަން ހުށަހަޅާފައިވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބޮޑު އަގުގައި ޑޮލަރު ވިއްކުމުގެ ތުހުމަތުގައި 3 ބިދޭސީން ބަންދަށް

ހުއްދަނެތި ބޮޑު އަގުގައި ބޭރު ފައިސާ ގަނެވިއްކާ ކަމުގެ ތުހުމަތުގައި ބަންގްލަދޭޝްގެ ތިން މީހަކު ފުލުހުންނާއި އިމިގްރޭޝަން ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ވަނީ އަތުލައިގަނެފަ. މި މީހުން އަތުލައިގަތީ ކަޅު ބާޒާރުގައި ޑޮލަރުގެ މުއާމަލާތްކުރާ ފަރާތްތައް ހޯދުމަށް ސަރުކާރުން އެކުލަވާލާފައިވާ ހާއްސަ ޓާސްކްފޯހަށް ލިބުނު މައުލޫމާތަކާ ގުޅިގެން.

ޖަރުމަނު ކޮންސުލޭޓު ބަންދުކުރީ ސަރުކާރާ ހެދި: ނަޝީދު

ނަޝީދު ތުހުމަތުކުރައްވާފައިވާ ގޮތުގައި ޖަރުމަނު ސަރުކާރުން ރާއްޖޭގައި ހުންނަ އެ ގައުމުގެ ކޮންސިއުލޭޓް ބަންދުކުރީ، އޮނަރަރީ ކޮންސުލްގެ މަގާމަށް ވަކި މީހަކު އައްޔަންކުރުން ދިވެހި ސަރުކާރުން ނުފޫޒު ފޯރުވުމުން.

ޔާމީނަށް ހުކުމް އިއްވުން މި މަހު 29 އަށް ތާވަލުކޮށްފި

ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ކުރީގެ ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ ޝަރީއަތް ނިންމާލައިފި. ޔާމީންގެ ފަރާތުން ހުލާސާ ބަޔާން ހުށަހަޅަމުން ވަކީލުން ވިދާޅުވީ، އެމަނިކުފާނާ ދެކޮޅަށް ދައުލަތުން ހުށަހެޅި ހެކިތަކުގައި ފުށުއެރުންތަކެއް ހުރި ކަމަށާއި ކުށް ސާބިތުވާވަރުގެ ހަރުދަނާ ހެއްކެއް ނެތް ކަމަށް.

މީހުންގެ އަގުވައްޓާލަން އޭސީސީއަށް ހުށަހެޅުން ހުއްޓުވަން އުސޫލެއް

އޭސީސީން ބުނީ އަސާސެއް ނެތް ކަންކަމުގައި މީހުންގެ އަގުވައްޓާލުމަށް ހުށަހަޅާ މައްސަލަތަކުގައި އަމަލުކުރާނެ ހާއްސަ އުސޫލެއް އެކުލަވާލުމުގެ މަސައްކަތް މިހާރު އޮތީ ފަހު މަރުހަލާގައި ކަމަށް. އީޔޫގެ އެހީތެރިކަމާއެކީ އެކުލަވާލާ މި ސްޓްރެޓެޖީގެ ސަބަބުން ނުބައި ނިޔަތުގައި ހުށަހަޅާ މައްސަލަތަކަށް ހައްލެއް ލިބޭނެ ކަމަށް އެ ކޮމިޝަނުން ބުނި.

ގަވާއިދާ ހިލާފަށް ވަދެ އުޅުނު ތިން މަސް ބޯޓު ހިފަހައްޓައިފި

ރާއްޖޭގެ ސަރަހައްދަށް ގަވާއިދާ ހިލާފަށް ވަދެ އުޅުނު ބޭރުގެ ތިން މަސް ބޯޓު އަތުލައިގަތީ އެމްއެންޑީއެފް ކޯސްޓްގާޑާއި އެއާ ކޯ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި. އަރިއަތޮޅުގެ ހުޅަނގުން އަތުލައިގަތް މި ބޯޓުތައް މިހާރު މާލެ ސަރަހައްދަށް ގެނައުމުގެ މަސައްކަތް ދަނީ ކުރަމުން.

ގޯތި ދޫކުރުމުގެ އުސޫލު ބަދަލުކޮށް ކުރިމަތިލާން ހުޅުވާލައިފި

ކ. ހުރާއިން 150 ގޯތި ދޫކުރުމުގެ އުސޫލަށް ބޮޑެތި ބަދަލުތަކެއް ގެނެސް، ގޯއްޗަށް ކުރިމަތިލުމުގެ ފުރުސަތު އެ ރަށު ކައުންސިލުން އަލުން ވަނީ ހުޅުވާލައިފި. އައު އުސޫލުގެ ދަށުން ރަށުގައި ދިރިއުޅޭ އާއިލާތަކަށާއި އުފަން ރަށްވެހިންނަށް އިސްކަންދޭ ގޮތަށް ޕޮއިންޓް ދިނުމުގެ މިންގަނޑުތަކަށް ވަނީ ބަދަލުތަކެއް ގެނެސްފައި.

ރަސްމާލޭގެ ތަންތަން ދާއިމީކުރުމުގެ ފުރުސަތެއް ނެތް: މުއްތަލިބު

ރަސްމާލެ މަޝްރޫއަކީ އިޒްރޭލު މީހުން ވަޒަންވެރިކުރުވަން ހިންގާ މަޝްރޫއެއް ކަމަށް ބުނެ ދެކެވޭ ވާހަކަތައް ދޮގުކުރައްވައި، މުއްތަލިބު ވިދާޅުވީ ބިންތައް އަބަދުވެސް އޮންނާނީ ދިވެހި ދައުލަތުގެ ފުރިހަމަ ބާރުގެ ދަށުގައި ކަމަށް. އަދި، މި ޝަހަރުގައި ދިވެހިންގެ ނިސްބަތް ގިނަ ކުރަން ތަންތަން ވިއްކާއިރު ދިވެހިންނަށް އިސްކަން ދޭން ކަމަށް އޭނާ ވިދާޅުވި.

Newsletter

Get the latest news delivered straight to your inbox