ލަންޑަން (ސެޕްޓެމްބަރު 2) - ޓްރާންސްފާ މާކެޓްގެ ފަހު ދުވަހު ލިވަޕޫލުން ބަޔާން މިއުނިކްގެ ނެދަލެންޑްސްގެ މިޑްފީލްޑަރު، ރަޔާން ގްރަވެންބާކްގެ ސޮއި ހޯދިއިރު، ފިއޮރެންޓީނާ އަށް ކުޅެމުން އައި މޮރޮކޯގެ މިޑްފީލްޑަރު ސޯފްޔާން އަމްރަބަތު، ލޯން އެއްބަސްވުމެއްގެ ދަށުން މެންޗެސްޓާ ޔުނައިޓެޑާ ގުޅިއްޖެ އެވެ.
ފަސް އަހަރުގެ ކޮންޓްރެކްޓެއްގައި ގްރަވެންބާކް، 21، ލިވަޕޫލަށް ސޮއިކުރީ 45 މިލިއަން ޑޮލަރުގެ ފީ އަކަށެވެ. މިދިޔަ އަހަރު 20 މިލިއަން ޑޮލަރުގެ އަގަކަށް އަޔަކްސް އިން ބަޔާނަށް ބަދަލުވި ގްރަވެންބާކް ލިވަޕޫލާ ގުޅުނީ ގިނަ މަޝްވަރާތަކަކަށް ފަހު އެވެ. ބަޔާނުން ގްރަވެންބާކް ނެތްތަނަށް ފުލަމް އަށް ކުޅެމުން އަންނަ ޕޯޗުގީސް މިޑްފީލްޑަރު، ޔާއޯ ޕަލީނިއާ ހޯދަން ކުރި މަސައްކަތް ކާމިޔާބެއްނުވި އެވެ.
ގްރަވެންބާކް ހޯދަން ޔުނައިޓެޑުން ވެސް މަސައްކަތްކުރި އެވެ. އެކަމަކު، އެ ޑީލަށް އެޅުނު އެންމެ ބޮޑު ހުރަހަކީ ބަޔާނުން ޔުނައިޓެޑަށް ގްރަވެންބާކް ވިއްކާލަން ބޭނުމެއް ނުވުމެވެ.
ގިނަ ޓީމުތަކަކުން އަމްރަބަތު، 27، ހޯދަން މަސައްކަތް ކުރި ނަމަވެސް ފިއޮރެންޓީނާ އިން ބޭނުންވާ އަގުދޭން އެއްވެސް ޓީމަކުން ބޭނުމެއް ނުވި އެވެ. ޖެނުއަރީ ޓްރާންސްފާގައި އަމްރަބަތު، ބާސެލޯނާ އަށް ބަދަލުވުމާ ގާތަށް ޖެހިލި އެވެ. އެކަމަކު، ބާސެލޯނާ އަށް އޭރު ޓްރާންސްފާ ފީއެއް ދެއްކޭ ގޮތްނުވި އެވެ.
ޔުނައިޓެޑުން އަމްރަބަތުގެ ލޯން ފީއެއްގެ ގޮތުގައި 10 މިލިއަން ޑޮލަރު ދައްކާނެ އެވެ. އަދި މި ސީޒަނަށް ފަހު ކޮންޓްރެކްޓް ދާއިމީ ކުރާނަމަ އިތުރު 30 މިލިއަން ޑޮލަރު ދޭން ވަނީ އެއްބަސްވެފަ އެެވެ. ޔުނައިޓެޑުން ވަނީ ލޯން ޑީލެއްގައި ޓޮޓެންހަމް އަށް ކުޅޭ ސްޕެއިނުގެ ވާތުބެކް، ސާޖް ރެގީޔޯން ގެނެސްފަ އެވެ.
ޓްރާންސްފާގެ ފަހު ދުވަހު ދެން ކުރިއަށް ގޮސްފައިވާ ޑީލްތަކަށް ބަލާއިރު، ގެވެށި އަނިޔާގެ މައްސަލަ އަށް ފަހު ޖަލުން މިނިވަންވި ފަހުން ޔުނައިޓެޑް ޓީމުން ފުރުސަތު ލިބުމުގައި ހުރަސްތަކެއް ދިމާވެފައިވާ ޒުވާން ފޯވާޑް، މޭސަން ގްރީންވުޑް ވަނީ ސްޕެއިނުގެ ގެޓަފޭ އަށް ލޯން ޑީލެއްގެ ދަށުން ބަދަލުވެފަ އެވެ. ގްރީންވުޑް ފުރަތަމަ މަސައްކަތްކުރީ އިޓަލީގެ ލާޒިއޯ އަށް ދިއުމަށެވެ. އެކަމަކު، އެ ޑީލް އެ ގޮތަށް ނުހިނގި އެވެ.
ޓޮޓެންހަމް އިން ވަނީ 50 މިލިއަން ޑޮލަރުގެ ޑީލެއްގައި ނޮޓިންހަމް ފޮރެސްޓްގެ ބްރެނަން ޖޯންސަން ސޮއިިކޮށްފަ އެވެ. ނޮޓިންހަމް ފޮރެސްޓުން ލޯން އެއްބަސްވުމެއްގެ ދަށުން އޭސީ މިލާނަށް ކުޅެމުން އައި ޑިވޮކް އޮރީގީ އާއި އާސެނަލްގެ ނޫނޯ ޓަވަރޭސްގެ ސޮއި ހޯދިއިރު، ނޮޓިންހަމް އިން ވަނީ 40 މިލިއަން ޑޮލަރަށް ޕީއެސްވީގެ މިޑްފީލްޑަރު، އިބްރާހިމް ސަންގާރޭ އަދި ޗެލްސީގެ ކަލުމް ހޮޑްސަން އޮޑޯއި ސޮއިކޮށްފަ އެވެ.
ބްރެންޓްފޯޑް އިން ލޯން ޑީލެއްގައި ނީލް މޯޕޭގެ ސޮއިހޯދިއިރު، އެވަޓަން ދޫކޮށް 28 މިލިއަން ޑޮލަރުގެ ޑީލެއްގައި އަލެކްސް އިވޯބީ ވަނީ ފުލަމްއާ ގުޅިފަ އެވެ.












