މޮނާކޯ (ސެޕްޓެމްބަރު 1) - މި ސީޒަންގެ ޗެމްޕިއަންސް ލީގުގެ ގުރު ރޭ ނެގިއިރު، ކުރީގެ ދެ ޗެމްޕިއަނުން ކަމަށްވާ ބަޔާން މިއުނިކާއި މެންޗެސްޓާ ޔުނައިޓެޑް އެއް ގްރޫޕެއްގައި ލައްވާލައިފި އެވެ.
މި ދެ ޓީމު ހިމެނުނު ގުރޫޕް އޭގައި ދެން އޮތީ ތުރުކީގެ ޗެމްޕިއަން ގަލަޓަސަރާއީ ޑެންމާކްގެ އެފްސީ ކޯޕަންހޭގަން އެވެ.
ޔުނައިޓެޑާއި ބަޔާންގެ ކުރިމަތިލުމަކީ ޗެމްޕިއަންސް ލީގުގައި ތާރީހެއް އޮތް މެޗުތަކެކެވެ. އެންމެ ފާހަގަކޮށްލެވެނީ 1999 ވަނަ އަހަރުގެ ޗެމްޕިއަންސް ލީގުގެ ފައިނަލްގައި މި ދެ ޓީމު ބައްދަލުކުރި މެޗެވެ.
ޔުނައިޓެޑާ ދެކޮޅަށް ނުކުންނަ ބަޔާންގެ އެޓޭކް ލީޑު ކުރާނީ އިންގްލެންޑްގެ ކެޕްޓަން ހެރީ ކޭން އެވެ. ޓޮޓެންހަމް ހޮޓްސްޕާސް ދޫކޮށް ކޭން ބަޔާނަށް ބަދަލުވީ މި ސީޒަންގަ އެވެ. ކޭންގެ ސޮއި ހޯދަން ޔުނައިޓެޑުން ވެސް މަސައްކަތްކޮށްފައިވެ އެވެ.
މި ސީޒަންގެ ޗެމްޕިއަންސް ލީގުގެ މަރުގެ ގުރޫޕްގެ ގޮތުގައި އޮތީ ގުރޫޕް އެފް އެވެ. އެ ގުރޫޕްގައި ފްރާންސްގެ ޗެމްޕިއަން ޕީއެސްޖީއާ އެކު އޮތީ ޖަރުމަންގެ ބޮރޫޝިއާ ޑޯޓްމަންޑް އާއި ނިއުކާސަލް ޔުނައިޓަޑް އަދި އޭސީ މިލާން އެވެ. މިއީ 20 އަހަރުގެ ތެރޭގައި ޗެމްޕިއަންސް ލީގުގައި ނިއުކާސަލް ވާދަކުރާ ފުރަތަމަ ފަހަރެވެ.
މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީއާ އެކު ގުރޫޕް ޖީގައި އޮތީ އާރްބީ ލައިޕްޒިގާއި ރެޑް ސްޓާ ބެލްގްރޭޑް އަދި ސްވިޒަލެންޑްގެ ޔަންގް ބޯއީސް އެވެ.
ޗެމްޕިއަންސް ލީގުގައި 2016 / 2017 ވަނަ އަހަރުގެ ސީޒަނަށް ފަހު ފުރަތަމަ ފަހަރަށް ވާދަކުރާ އާސެނަލް ލައްވާލީ ގުރޫޕް ބީގަ އެވެ. މި ގުރޫޕްގައި ދެން އޮތީ ޔޫރޮޕާ ލީގުގެ ޗެމްޕިއަން ސެވިއްޔާ އާއި ޕީއެސްވީ އަދި ލޯންސް އެވެ.
މުބާރާތުގެ އެންމެ ކާމިޔާބު ޓީމު ކަމަށްވާ ރެއާލް މެޑްރިޑާ އެކު ގުރޫޕް ސީގައި އޮތީ އިޓާލިއަން ލީގުގެ ޗެމްޕިއަން ނަޕޯލީ އާއި ބްރާގާ އަދި ޖަރުމަނުގެ ޔޫނިއަން ބާލިން އެވެ.












