އާބަންކޯއިން ޔޫތް މިނިސްޓްރީ އާއެކު ތިލަފުށީގައި މޮޓޯ ސްޕޯޓްސް އެރީނާއެއް ތަރައްގީކުރުމަށް ބިން ހަމަޖައްސައި އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފި އެވެ.
މި އެއްބަސްވުމުގައި އާބަންކޯގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު އަހުމަދު އާތިފްއެވެ. އަދި ޔޫތް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ މިނިސްޓަރު އަޒްމޫން އަހްމަދު އެވެ. މި ރަސްމިއްޔާތުގައި ރޭސިން އެސޯސިއޭޝަންގެ ރައީސް މުހައްމަދު ޝާމިހް ވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ.
އާބަންކޯ އިން ބުނީ މި އެރީނާ ތަރައްގީ ކުރެވިގެންދާނީ ތިލަފުށީގެ ފޭސް ދޭއްގައި ކަމަށެވެ. އެގޮތުން ތިލަފުށިން 10 ހެކްޓަރުގެ ބިން މި މަޝްރޫއަށް ހާއްސަކުރެވިގެންދާނެ ކަމަށް ބުންޏެވެ.
މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އާތިފް ވިދާޅުވީ މި މަޝްރޫއާ އެކު ހުޅުމާލެ ގައި ވަރަށް ދަތިކޮށް ކުރަމުން އައި ކަމެއް ހައްލުވެ ބައިނަލްއަގުވާމީ މިންގަނޑަށް ފެތޭ ޓްރެކެއްގައި ރޭސް ޖެހޭނެ ފުރުސަތު ލިބިގެންދާނެ ކަމަށެވެ.
ރޭސިން އެސޯސިއޭޝަންގެ ރައީސް ޝާމިހް ވިދާޅުވީ މި މަޝްރޫއުގެ މައިގަނޑު މަގުސަދަކީ ޒުވާނުންނަށް، އެކަށޭނެ ސަރަހައްދެއް މޮޓޯ ސްޕޯޓްސް އަށް ތަރައްގީކުރެވިފައި ނުވާތީ ދިމާވާ ދަތިތަކަށް ހައްލެއް ހޯދަދިނުން ކަމަށާއި އެ އެރީނާގައި ހަމަ އެކަނި ރޭސްޖެހުމުގެ ބަދަލުގައި މޮޓޯ ސްޕޯޓްސްގެ އެކި ޑިސިޕްލިންތައް ކުޅެވިގެންދާނެ ކަމަށް ވިދާޅުވި އެވެ.










