ލަންޑަން (އޮގަސްޓް 29) - އިނގިރޭސި ޕްރިމިއާ ލީގުގައި މެންޗެސްޓާ ޔުނައިޓެޑާއި ނޮޓިމްހަމް ފޮރެސްޓް ވާދަކުރި މެޗުގައި ރެފްރީ ސްޓުއާޓް އަޓްވެލްގެ ނިންމުންތަކާއިމެދު ހިތްހަމަނުޖެހި ނޮޓިމްހަމް ފޮރެސްޓުން ޝަކުވާ ހުށަހަޅައިފި އެވެ.
މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ކުޅުނު މެޗު ޔުނައިޓެޑުން ކާމިޔާބުކުރީ ފޮރެސްޓުން ދެ ލަނޑު ޖަހާފައިވަނިކޮށޤ ފަހަތުން އަރާ ތިން ލަނޑު ޖަހައި 3-2ގެ ނަތީޖާއަކުންނެވެ.
މި މެޗަށްފަހު ގިނަ ބަޔަކު ވަނީ ރެފްރީ ސްޓުއާޓް އަށް ފާޑުކިޔާފަ އެވެ. ވަކިން ހާއްސަކޮށް ފޮރެސްޓުގެ ކުޅުންތެރިންނާ އޮފިޝަލުން ވަނީ ރެފްރީގެ ނިންމުންތަކަށް ހިތްހަމަނުޖެހުން ފާޅުކޮށްފަ އެވެ. މެޗަށްފަހު ފޮރެސްޓުގެ ބެންޗުގައި ތިބި އޮފިޝަލުންވެސް ރެފްރީއާ ދިމާލަށްގޮސް ހިތްހަމަ ނުޖެހުން ފާޅުކުރި އެވެ.
މި މެޗުގައި ރެފްރީ ނިންމި ނިމުންތަކުގެ ތެރެއިން އެންމެ ބޮޑަށް ބަހުސް ކުރެވެނީ ފޮރެސްޓްގެ ކެޕްޓަން ޖޯ ވޮރަލްއަށް ސީދާ ރަތްކާޑެއް ދެއްކުމާއި މެޗުން ޔުނައިޓެޑް މޮޅުވި ޕެނަލްޓީ އެވެ.
ވޮރަލް އަށް ރަތް ކާޑު ދެއްކީ ފެނާންޑޭސް އަށް ގޯލެއް ޖަހަން ލިބުނު ފުރުސަތަށް ހުރަސް އެޅިކަމަށް ބަލާފަ އެވެ. މި ރަތްކާޑާމެދު ބަހުސްކުރާ މީހުން ބުނާ ގޮތުން ފޮރެސްޓުގެ ޑިފެންޑަރު ވިލީ ބޮލީއަށް އެ ފުރުސަތަށް ހުރަސް އަޅަން ޖާގަ އޮތުމުން އެއީ ސީދާ ރަތް ކާޑެއް ނޫންކަމަށެވެ.
އޭގެ ފަހުން ޔުނައިޓެޑަށް ދިން ޕެނަލްޓީއަށް ބަލާއިރު، ޕެނަލްޓީ ދޭން ޖެހޭ ވަރަށް ރަޝްފޯޑު ފައިގައި ފޮރެސްޓްގެ ޑިފެންޑަރު ޑެނީލޯ ނުޖެހޭކަމަށް ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ.
މި ދެ މައްސަލައިގައިވެސް ރެފްރީ ސްޓުއާޓް ނިންމި ނިމުމަށް ވީޑީއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރު)ގައި ތިބި ރެފްރީން ދެކޮޅު ނަހަދަ އެވެ.
ނޮޓިމްހަމް ފޮރެސްޓުން ނެރުނު ބަޔާނުގައި ބުނެފައިވަނީ މި މެޗުގެ ނަތީޖާ ބަދަލުވާވަރުގެ ގޯސް ނިންމުންތަކެއް ނިންމުމަކީ އެޓީމްގެ ކުޅުންތެރިންނާއި އެޓިމަށްވެސް ލިބުނު ބޮޑު ގެއްލުމެއްކަމަށެވެ. އެހެންކަމުން މި މައްސަލަ ރެފްރީންނާއި ބެހޭ ޖަމިއްޔާއިން ރަނގަޅަށް ބަލައިދޭނެކަމަށް އުއްމީދުކުރާކަމަށެވެ.












