ހަތް އަހަރުގެ މުސްލިމް ކުއްޖެއްގެ ގައިގައި ޖެހުމަށް ދަރިވަރުންނަށް އެންގި މައްސަލައިގައި ހިމެނޭ އިންޑިއާގެ އުއްތަރް ޕްރަދޭޝް ސްޓޭޓްގެ ޕްރައިވެޓް ސްކޫލެއް ބަންދުކޮށްފި އެވެ.
އޮފިޝަލުން ބުނީ ނޭހާ ޕަބްލިކް ސްކޫލް ބަންދުކުރީ އެޑިއުކޭޝަން ޑިޕާޓްމަންޓުގެ ޝަަރުތުތައް ފުރިހަމަ ނުވާތީ ކަމަށެވެ. ދަރިވަރުން ދެން ކިޔަވަން ދާން ޖެހޭނީ ސަރުކާރުގެ ސްކޫލަކަށް ނުވަތަ ކައިރީގައި ހުރި އެހެން ޕްރައިވެޓް ސްކޫލުތަކަށެވެ.
ދަރިވަރުން ލައްވާ މުސްލިމް ކުއްޖާގެ ގައިގައި ޖެހުވީ ހިސާބު ފިލާވަޅު ގޯސްވުމުންނެވެ. ފުލުހުން ތަހުގީގު ފެށީ އެ މަންޒަރު ފެންނަ ވީޑިއޯއެއް އާންމުވުމާ ގުޅިގެންނެވެ.

މުސްލިމް ކުއްޖާއަށް އަނިޔާކުރަން އެންގި ޓީޗަރު ޓްރިޕްތާ ޓިޔާގީ އެންޑީޓީވީއަށް ބުނީ އޭނާ ލަދުނުގަންނަ ކަމަށާއި އަމަލުކުރީ ރަނގަޅަށް ކަމަށެވެ.
ސޯޝަލް މީޑިއާގައި ބޮޑު ސަމާލުކަމެއް ލިބުނު ވީޑިއޯއާ ގުޅިގެން ގިނަ ބަޔަކު ވަނީ ނުރުހުން ފާޅުކޮށްފަ އެވެ. މުސްލިމް ދަރިވަަރުގެ ބައްޕަ ވަނީ ފުލުހުންނަށް މައްސަލަ ރިޕޯޓުކޮށް، ކުއްޖާ ސްކޫލުން ކަނޑާލައިފަ އެވެ.
ޓިޔާގީއާ މެދު ފިޔަވަޅު އަޅަން ގިނަ ބަޔަކު ސޯޝަލް މީޑިއާގައި ގޮވި އިރު، ފުލުހުން ވަނީ އޭނާގެ މައްސަލަ ބަލަމުންދާ ކަމަށް ބުނެފަ އެވެ. އެކަމަކު ހައްޔަރެއް ނުކުރެ އެވެ.










