ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ގައި އެންމެ ރަނގަޅަށް މަސައްކަތްކުރި މުވައްޒަފުންގެ އަގުވަޒަންކޮށް، އެ ބޭންކުން އެވޯޑް ދީފިއެވެ.
ރޭ ބޭއްވި ހަފްލާގައި މުވައްޒަފުންނާ އެވޯޑް ހަވާލުކޮށްދެއްވީ ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑައިރެކްޓަރު ކާލް ސްޓުމްކަ ގެ އިތުރުން ބޯޑު ޑިރެކްޓަރުންނާއި ބޭންކުގެ އެގްޒެކްޓިވް މެނޭޖްމަންޓުގެ މެންބަރުންނެވެ.
މުވައްޒަފުންގެ ތެރެއިން ފާހަގަކޮށްލެވޭ ހިދުމަތް ކޮށްފައިވާ ފަރާތްތަކާއި ޓީމުތަކުގެ އަގު ވަޒަންކުރުމުގެ ގޮތުން ބީއެމްއެލްއިން ވަނީ އެކި ދާއިރާތަކުން އެވޯޑް ދީފަ އެވެ.
އޭގެ ތެރޭގައި އެމްޕްލޯއީ އޮފް ދަ އިޔާ، ސީއީއޯ އެވޯޑް ފޯ އައުޓްސްޓޭންޑިން އެޗީވްމަންޓް، ބެސްޓް ލީޑާ، ބޭސްޓް މެނޭޖާ އެވޯޑުގެ އިތުރުން ބެސްޓް އެޓޯލް ބްރާންޗް، ބެސްޓް ޓީމް، ކަސްޓަމާ ސަރވިސް ސްޓާ އަދި އެވޯޑް ފޯ އިނޮވޭޝަން ހިމެނެ އެވެ.
އެ ހަފްލާގައި ވާހަކަދައްކަވަމުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑައިރެކްޓަރު ކާލް ސްޓުމްކަ ވިދާޅުވީ ގާބިލް، މަސައްކަތަށް އިސްކަންދޭ އަދި ކަސްޓަމަރުންނަށް އަމާޒުކޮށްގެން ހިދުމަތްދޭ މުވައްޒަފުންގެ ޓީމެއް ބީއެމްއެލަގައި ގާއިމްކުރެވިފައިވާ ކަމަށެވެ.
ބީއެމްއެލްއަކީ ރާއްޖޭގެ އެންމެ ބޮޑު ބޭންކުގެ އިތުރުން ދިވެހިންނަށް އެންމެ ގިނައިން ވަޒީފާ ދެމުންދާ އެއް ކުންފުންޏެވެ. އެގޮތުން ބީއެމްއެލްގެ 99 އިންސައްތަ މުވައްޒަފުންނަކީ ދިވެހިންނެވެ. އަދި މީގެ ތެރެއިން ތިންބައިކުޅަ އެއްބަޔަކީ ރާއްޖޭގެ އެކި ރަށްތަކުގައި މަސައްކަތް ކުރާ މުއައްޒަފުންނެވެ.











