ބާސެލޯނާ (އޮގަސްޓް 27) - ފީފާ އަންހެން ވޯލްޑް ކަޕްގެ އިނާމް ދިނުމުގެ ރަސްމިއްޔާތުގައި ސްޕެއިންގެ އަންހެން ކުޅުންތެރިއަކަށް ބޮސްދިން މައްސަލައެއްގައި ހޫނުު ފެނަށްވެއްޓިފައިވާ ސްޕެއިން އެފްއޭގެ ރައީސް ލުއިސް ރުބިއާލޭސް ސަސްޕެންޑް ކުރަން ފީފާ އިން ނިންމައިފި އެވެ.
ސްޕެއިންގެ ގައުމީ ޓީމްގެ ފޯވާޑް ޖެނީ ހާމޯސާ އަށް ބޮސްދިން މައްސަލަ ފެންމަތިވެ ގިނަ ބައެއްގެ ނުރުހުން ރުބިއާލޭސް އަށް އައީ އަމާޒުވަމުންނެވެ. މިގޮތުން ސްޕެއިންގެ ގައުމީ ޓީމްގެ ކުޅުންތެރިންނާއި އެކި އުމުރުފުރާތަކުގެ ކޯޗުން އަދި ދުނިޔޭގެ އެކި ގައުމުތަކުގެ ކުޅުންތެރިންވެސް އަންނަނީ ރުބިއަލޭސްގެ އިސްތިއުފާއަށް ގޮވަމުންނެވެ.
ފީފާ އިން ރުބިއާލޭސްގެ މައްސަލަ ބެލި ނަމަވެސް އޭނާ ހުރީ އިސްތިއުފާ ދޭކަށެއް ނޫނެވެ. މިގޮތުން އިސްތިއުފާ ނުދޭނެކަމަށް ބުނެ ރުބިއާލޭސް ބަޔާނެއްވެސް ނެރުނެވެ.
މި މައްސަލައިގައި ސްޕެއިންގެ އެފްއޭއިން ނެރުނު ބަޔާނުގައި ގޯސްކޮށްފައިވަނީ ހާމޯސާ އެވެ. ސްޕެއިންގެ އަންހެން ގައުމީ ޓީމަށް އެންމެ ގިނަ ގޯލު ޖަހައިދިން ހާމޯސާގެ މައްސަލަ ބަލާނެކަމަށް ބުނެ އެސޯސިއޭޝަނަށް ޖަވާބުދާރީވާން އެފްއޭއިން ވަނީ ހާމޯސާއަށް އަންގާފަ އެވެ.
ސްޕެއިން އެފްއޭގެ ރައީސްގެ މަގާމުގައި ރުބިއާލޭސް ހުރެއްޖެނަމަ ގައުމީ ޓީމަށް ނުކުޅޭނެކަން ސްޕެއިންގެ 81 ކުޅުންތެރިއަކު ވަނީ އިއުލާންކޮށްފަ އެވެ.
ދާދި ފަހުން ސްޕެއިންގެ ގައުމީ ޓީމްގެ ކޯޗު ފިޔަވައި ކޯޗިން ޓީމްގައި ހިމެނޭ ހުރިހާ މެންބަރުން ވަނީ ގައުމީ ޓީމުން ވަކިވާން ނިންމާފަ އެވެ. އޭގެ ތެރޭގައި ތިން އެެސިސްޓަންޓް ކޯޗުންނާއި، ޓީމް ޑޮކްޓަރު އަދި ގޯލްކީޕަރު ކޯޗުވެސް ހިމެނެ އެވެ. އަދި އެގައުމުގެ އެކި އުމުރުފުރާތަކުގެ އަންހެން ޓީމްތަކުގެ ކޯޗުންވެސް ވަނީ އިސްތިއުފާ ދީފަ އެވެ.
ދުނިޔޭގެ އަންހެން ފުޓްބޯޅަ އެންމެ ބޮޑު މުބާރާތްކަމަށްވާ ފީފާ ވޯލްޑްކަޕްގެ ތަށި އެގައުމުން މިދިޔަ ހަފްތާގައި ހޯދި ނަމަވެސް ރުބިއާލޭސްގެ އަމަލުތަކާހުރެ އެގައުމުގެ ފުޓްބޯޅައަށް ނޭދެވޭ އަސަރެއްކުރާނެކެމަށް ބެލެވެ އެވެ. ފީފާއިން އަންނަނީ މިކަން ހައްލުކޮށް ސްޕެއިންގެ އަންހެން ކުޅުންތެރިންނަށް އެހީވާނެކަމަށް ބުނެފަ އެވެ. ފީފާއިން ސްޕެއިން އެފްއޭ ރައީސް ސަސްޕެންޑްކުރިއިރު، އެގައުމުގެ ފުޓްބޯޅަ އިދާރާއިން ހަމޯސާއަށް ގުޅުންވެސް މިހާރު ފީފާއިން ވަނީ މަނާކޮށްފަ އެވެ.












