މަޝްހޫރު މަހުޖަނު، އިލޮން މަސްކުގެ ސްޓާ ލިންކަށް މިއަދު ރާއްޖެއިން އައިއެސްޕީ ލައިސެންސް ދޭން ނިންމާފައިވާކަން އިއުލާނުކޮށްފި އެވެ.
ސްޓާ ލިންކް މޯލްޑިވްސްއަށް ލައިސެންސް ދޫކުރުމަށް މިއަދު ހަވީރު ބާއްވާ ހާއްސަ އިވެންޓަށް ކޮމިއުނިކޭޝަންސް އޮތޯރިޓީއިން ވަނީ މީޑިއާތަކަށް ދައުވަތު ވެސް ފޮނުވައިފަ އެވެ. އެ ދައުވަތުގެ އިތުރުން އެކަމާ ގުޅޭ އިތުރު އެއްވެސް މައުލޫމާތެއް އެ އޮތޯރިޓީއިން ހާމަކޮށްފައެއް ނުވެ އެވެ.
ދުނިޔޭގެ 60 އަށްވުރެ ގިނަ ގައުމުތަކަށް މިހާރު ވެސް ހިދުމަތް ދެމުންދާ ސްޓާ ލިންކަކީ ދުނިޔޭގެ ސަތަހައާ އެންމެ ކައިރި ފަށަލައަށް ކުދި ސެޓެލައިޓުތަކެއް ފޮނުވައިގެން މުޅި ދުނިޔެއަށް ހަލުވި ސްޕީޑުގައި އިންޓަނެޓުގެ ހިދުމަތް ދިނުމަށް އަމާޒު ހިފައިގެން ދެމުން އަންނަ ހިދުމަތެކެވެ.

އެކަމަށް ހާއްސަކޮށް ސްޕޭސް އެކްސް އިން ވަނީ 2019 ވަނަ އަހަރު ޖައްވީ ފަށަލައަށް ސެޓެލައިޓުތައް ފޮނުވަން ފެށި އެވެ. މި މަހުގެ ނިޔަލަށް އެ ކުންފުނިން ވަނީ 5,000 އަށްވުރެ ގިނަ ސެޓެލައިޓު ދުނިޔެއިން ބޭރަށް ފޮނުވައިފަ އެވެ. އެ ކުންފުނިން އަމާޒު ހިފާފައި ވަނީ ޖުމުލަ 12،000 ސެޓެލައިޓު މެދުވެރިކޮށް ސްޓާ ލިންކުގެ ހިދުމަތް ފޯރުކޮށްދިނުމަށެވެ.
ދިވެހިރާއްޖެއަށް ސްޓާ ލިންކުގެ ހިދުމަތް ލިބެން ފެށުމުން މިހާރަށްވުރެ އިންޓަނެޓުގެ އަގު ހެޔޮ ވާނެ ކަމަށް އަންދާޒާ ކުރެވެެ އެވެ.
ސްޕޭސް އެކްސް ކުންފުނިން ވަނީ މިދިޔަ މޭ މަހުގެ ނިޔަލަށް އެ ކުންފުނީގެ ހިދުމަތަށް ސަބްސްކުރައިބު ކޮށްފައިވާ 1.5 މިލިއަން މީހުން ތިބިކަން އިއުލާނު ކޮށްފަ އެވެ.










