ރިޕޯޓުމަސްވެރިޔާގެ ދުރުމީން ރިޔާސީ ވައުދުތައް

މަސްވެރިޔާގެ ދުރުމީން ރިޔާސީ ވައުދުތައް

ތިން ކެންޑިޑޭޓަކު ފިޔަވައި ހުރިހާ ރިޔާސީ ކެންޑިޑޭޓުންވެސް ވަނީ މަސްވެރިންނާ ގުޅުވައި ވައުދުތައްވެ، ތަސައްވުރު ހާމަކޮށްފަ އެވެ. އަމަލީ ސިފަ ގެންނާނޭގޮތުގެ ތަފްސީލުތައް ހުށަހެޅުން އަދި އޮތީ އެވެ. މަސްވެރިން އަދި މަސްވެރި އާއިލާތަކުން ވޯޓުލާން ނުކުންނާނީ އެކަމަށް ވިސްނުމަށްފަހު އެވެ

މަސްވެރިޔާގެ ދުރުމީން ރިޔާސީ ވައުދުތައް

އެންމެ ފަހުގެ ހިސާބުތަކަށް ބަލާއިރު ދިވެހިރާއްޖޭގައި 17،000 އަށް ވުރެ ގިނަ މަސްވެރިން އުޅެ އެވެ. މަސްވެރިންނަކީ ރާއްޖޭގެ މަސައްކަތްތެރިންގެ 20 ޕަސެންޓެވެ. އެކްސްޕޯޓްކޮށްގެން ރާއްޖެއަށް އެންމެ ގިނައިން ފައިސާ ވައްދަނީ މަސްވެރިކަމުންނެވެ.

އެ ސަބަބުތަކަށްޓަކައި މަސްވެރިންނަކީ ރާއްޖޭގައި މުހިންމު ބަޔަކެވެ. މަސްވެރިންގެ ތާއީދު ނެތި ސިޔާސީ މައިދާނުގެ އެންމެ އުހަށް އައުމަކީ އުނދަގޫ ކަމެކެވެ. ރަށްރަށުގެ ކައުންސިލް އިންތިހާބުތަކުން ފެށިގެން ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާއި ރައީސުލްޖުމްހޫރިއްޔާއަކު ހޮވަން ބާއްވާ އިންތިހާބުތަކުގައި މަސްވެރިން ވޯޓު ދެނީ އެމީހުންގެ ވިޔަފާރިއަށް ވިސްނުމަށްފަހެވެ.

ކުރިއަށް އޮތް ފަސް އަހަރު ވެރިކަން ކުރާނެ ބޭފުޅަކު ހޮވުމަށް އިންތިހާބު ބާއްވަން 15 ދުވަހަށްވެފައިވާއިރު މަސްވެރިންގެ ތާއީދު ހޯދުމަށް އިންތިހާބުގައި ވާދަ ކުރައްވާ ގިނަ ކެންޑިޑޭޓުން ދަނީ މަސްވެރިކަމާ ގުޅޭ ގޮތުން ގެންގުޅުއްވާ ސިޔާސަތުތައް ހާމަ ކުރައްވަމުންނެވެ.

މަސްވެރިކަމާ ގުޅޭ އެއްވެސް ސިޔާސަތެއް ހާމަ ނުކުރައްވާ ތިން ކެންޑިޑޭޓަކު ވެސް އެބަ އުޅުއްވަ އެވެ. އެއީ އަމިއްލަ ގޮތުން ވާދަ ކުރައްވާ ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރާއި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ދަރިކަލުން ފާރިސް މައުމޫނާއި ކެންޑިޑޭޓު ހަސަން ޒަމީލެވެ.

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ

އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އަދި މިހާރުގެ ވެސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ މެނިފެސްޓޯގެ އިޖުތިމާއީ ބައި މިހާތަނަށް އިއުލާނުކޮށްފައެއްނުވެ އެވެ. އެހެންކަމުން ކުރިއަށް އޮތް ފަސް އަހަރަށް މަސްވެރިކަމާ ގުޅޭ ގޮތުން ރައީސް ސޯލިހު ތަންފީޒު ކުރައްވަން ބޭނުންވެވަޑައިގަންނަވާ ސިޔާސަތުތަކެއް އަދި ނޭނގެ އެވެ.

އެހެންނަމަވެސް މިހާރު ކުރިއަށްދާ ކެމްޕެއިނުގައި ރަށްރަށަށް ވަޑައިގެން މަސްވެރިކަމާ ގުޅޭ މުހިންމު ބައެއް ވާހަކަތައް އެމަނިކުފާނު ވަނީ ދައްކަވައިފަ އެވެ. އެގޮތުން މަސްވެރިކަމުގެ އިންޑަސްޓްރީ ތަރައްގީ ކުރުން ހަމައެކަނި ޕްރައިވެޓް ސެކްޓާއަށް ދޫކޮށްނުލައްވާނެ ކަމަށް ވިދާޅުވި އެވެ. އަދި ފަހުން އިތުރު ތަފުސީލު ދެއްވަމުން، ކަޅުބިލަމަހުގެ މަސްވެރިކަން ޕްރައިވެޓް ސެކްޓާއަށް ދޫކޮށްލުމަކީ އެންމެ ރަނގަޅު ގޮތް ނޫން ކަމަށް ވެސް ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ ކުރީގެ ސަރުކާރުގެ ސިޔާސަތަކަށް އޭރުވީ ޕްރައިވަޓައިޒްކުރުން. ޕްރައިވަޓައިޒްކޮށް އަމިއްލަ ފަރާތްތަކަށް މަސް ގަނެ ބޭރުކުރުމަށް ފުރުސަތު ދޭން. އެހެން ނަމަވެސް މިއަދާ ހިސާބަށް އައިއިރުގަ ކަޅުބިލަ މަސް ގަނެ ބޭރުކުރުމަށް ޕްރައިވެޓް ސެކްޓާއަިން އެދޭވޭ މަސައްކަތެއް ކުރެވިފަ އޮތްތަނެއް އަޅުގަނޑަކަށް ނުފެނޭ،" ރައީސް ވިދާޅުވި އެވެ.

  • އާންމުންނަށް މިފްކޯގެ ހިއްސާ ވިއްކުން
  • ތިނަދޫގައި ފިޝަރީޒް ކޮމްޕްލެކްސްއެއް އެޅުން
  • ކޫއްޑޫއަށް މަސް ކިރޭ ކެޕޭސިޓީ އިތުރު ކުރުން
  • ވެލިއު އެޑަޑް މަސް އުފެއްދޭ މިންވަރު އިތުރު ކުރުން
  • މަސް ތާޒާކޮށް ހުއްޓާ ގަނެވޭނެ އިންތިޒާމް ހެދުން
  • މަސް ގަނެވޭނެ ކަލެކްޓާ ވެސެލްތަކެއް ދުއްވުން
  • މަސް ކިރާ ތަންތަނުގައި މަހަށް ވެލިއު އެޑް ކުރެވޭނެ އިންތިޒާމް ހަމަޖެއްސުން
  • މަސް ކިރާ ސެންޓަރުތައް މުޅި ރާއްޖޭގައި އިތުރު ކުރުން

މޯލްޑިވްސް ނެޝަނަލް ޕާޓީ

މޯލްޑިވްސް ނެޝަނަލް ޕާޓީގެ ކެންޑިޑޭޓް މުހައްމަދު ނާޒިމްގެ ރިޔާސީ މެނިފެސްޓޯ މިހާރު ނެރެފައިވާއިރު މަސްވެރިކަމާ ގުޅޭ ދާއިރާތަކަށް ހާއްސަ ކަންކަން ވެސް ހިމަނާފައި އެބަހުއްޓެވެ.

  • އިންޓްރެސްޓް ފްރީ ލޯނުގެ ދަށުން ރާޑަރު ސިސްޓަމް ދޫކުރުން
  • ސަރުކާރުގެ ކުންފުނިތަކުން ބޮޑުކަންނެލި ގަނެ އެކްސްޕޯޓް ކުރުން
  • މަސްވެރިންގެ ޓްރޭޑް ސެޓިފިކޭޝަން ޕްރޮގްރާމެއް އެކުލަވާލުން
  • ވަކި ސަރަހައްދެއްގައި، ކަނޑައެޅޭ މުއްދަތަކަށް މިޔަރުގެ މަސްވެރިކަމަށް ހުއްދަ ދިނުން
  • ކުދި އަދި މެދު ފަންތީގެ ޕްރޮސެސިން ޕްލާންޓްސް ހެދުން
  • ބޭރުގައި ރާއްޖޭގައި މަސް މާކެޓް ކުރުން
  • މަސް ކިރުމާއެކު ވަގުތުން ފައިސާ ލިބޭނެ އިންތިޒާމު ހަމަޖެއްސުން
  • ސެޓަލައިޓުން މަސް ހޯދޭނެ ޓެކްނޮލޮޖީއަށް މަސްވެރިންނަށް އެކްސެސް ދިނުން
  • މަސްވެރިންގެ ޕެންޝަން ސްކީމަކާއެކު އިންޝުއަރަންސް ދިނުން
  • މަސްވެރިކަމަށް ހާއްސަ އިދާރާއެއް ގާއިމް ކުރުން

ދަ ޑިމޮކްރެޓްސް

މުހިންމު ދާއިރާއެއް ނަމަވެސް ގައުމީ އުފެއްދުންތެރިކަމުގައި މަސްވެރިކަން ހިމެނޭ މިންވަރު ދަށްވަމުންދާކަމަށް މުޅިން އަލަށް ރިޔާސީ އިންތިހާބުގައި ވާދަ ކުރައްވާ ދަ ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓް އިލްޔާސް ލަބީބްގެ މެނިފެސްޓޯގައި ބުނެފައި ވެ އެވެ.

އޭގެ އިތުރުން، މަސް އޮޑިފަހަރަށް އަރާނެ ދިވެހިން ނެތުމުގެ މައްސަލަ އާއި މަހުގެ އެކްސްޕޯޓުގެ ބޮޑު ބަޔަކީ އަދިވެސް ޕްރޮސެސްނުކޮށް، ގަނޑުކޮށްގެން ވިއްކާ މަސް ކަމަށްވާތީ އެންމެ ފުރިހަމަ އަގު މަހަށް ނުލިބޭ މައްސަލަ ވެސް އެ މެނިފެސްޓޯގައި ފާހަގަކޮށްފައި އޮތެވެ.

މަސްވެރިކަމަށް މިފަހުން ދިމާވި އެންމެ ބޮޑު އެއް މައްސަލައަކީ ޑިމޮކްރެޓްސްގެ މެނިފެސްޓޯގައިވާ ގޮތުން މަސްވެރިން އެއްގަމަށް އެރުމެވެ. އެހެންވަނީ ސިޔާސީ ބޭނުމަށް ސަރުކާރުން ވަޒީފާ ދޭތީ ކަމަށް އެ ޕާޓީން ބުނެ އެވެ.

  • ރާއްޖެއިން އާންމުކޮށް ބާނާ މަހަށް އެކަށީގެންވާ އަގު ހޯދައިދިނުން
  • މަސް ގަތުމުގައި ސަރުކާރުގެ ދައުރު ކުޑަކޮށް ޕްރައިވެޓް ސެކްޓާގެ ދައުރު ފުޅާ ކުރުން
  • ޔޫރަޕަށް އޮންނަ އެކްސްޕޯޓް ޓެރިފް ކަނޑާލަން މަސައްކަތް ކުރުން
  • މަސްވެރިންނަށް ބޭނުންވާ އިޖުތިމާއީ ރައްކާތެރިކަން ފޯރުކޮށްދިނުން
  • އެކައުކަލްޗާ އަދި މެރިކަލްޗާގެ ސިނާއަތް ފުޅާ ކުރުމަށް މަސައްކަތްތެރީންނަށް މާލީ އެހީ ފޯރުކޮށްދީ ވަސީލަތްތައް ދިނުން
  • ދޮށީގެ މަސްވެރިކަމުގައި ގަންނަ މަހުގެ އަގު 25ރ. އިން މަތީގައި ހިފެހެއްޓުން
  • ރާއްޖެއިން ބޭރުގައި ސިނާއަތް އިސްތިހާރު ކުރުން
  • މިފްކޯއިން ގަންނަ މަސް ދިވެހި ކުންފުނިތަކަށް ވެސް ވިއްކުން
  • މަސް ޕްރޮސެސް ކުރާ ކުދި އަދި މެދުފަންތީގެ މަސައްކަތް އިތުރު ކުރުން
  • މަސްވެރިންނަށް މާލީ ކްރެޑިޓް ފެސިލިޓީތައް ލިބޭނެ ގޮތް ހަމަޖެއްސުން

ޖުމްހޫރީ ޕާޓީ

ޖުމްހޫރީ ޕާޓީގެ މެނިފެސްޓޯގައި އެއްވެސް ދާއިރާއަކާ ގުޅޭ ގޮތުން ތަފުސީލީ ވާހަކަތަކެއް ލިޔެފައެއް ނެތެވެ. އެ ދާއިރާތަކުގައި ހުރި މައްސަލަތަކާއި އެކަންކަމުގައި ޕާޓީގެ ވިސްނުމަކީ ކޮބައިކަން މާބޮޑަކަށް ނޭނގެ އެވެ.

ނަމަވެސް މަސްވެރިކަމުގެ ދާއިރާއަށް ޕާޓީގެ ކެންޑިޑޭޓް ގާސިމް އިބްރާހިމް ވެވަޑައިގަންނަވާ ވަރަށް މުހިންމު ވައުދުތައް މެނިފެސްޓޯގައި ހިމަނާފައިވެ އެވެ.

އޭގެ ތެރޭގައި ކަޅުބިލަމަސް ކިލޯއެއްގެ އަގު 26ރ. ގައި ހިފެހެއްޓުން ހިމެނެ އެވެ. އަދި މަސްވެރިކަމަށް ބޭނުންވާ ބޮޑެތި އުޅަނދުފަހަރު ސަރުކާރުން ބަނުމަށްފަހު ރައްޔިތުންނަށް ހެޔޮ އަގެއްގައ ވިއްކުން ވެސް ގާސިމްގެ ވައުދުތަކުގެ ތެރޭގައި ހިމެނެ އެވެ.

  • މިފްކޯގެ ޝެއާ އަމިއްލަ ފަރާތްތަކަށް ވިއްކުން
  • ލޮނު މަހުން މަސް ފިނި ކުރެވޭނެ ނިޒާމު ކަޅުބިލަމަސް ބާނާ ހުރިހާ ދޯންޏެއްގެ ހަރުކުރުން
  • އުތުރާއި ދެކުނުގައި ދެ ކޭނަރީ ގާއިމް ކުރުން
  • 100 މޭލުން ބޭރުގައި މަސްވެރިކަން ކުރުމުގެ ގާބިލް ހުރި 50 އުޅަނދު ގަނެ، ރައްޔިތުންނަށް ވިއްކުން
  • ރާއްޖެއިން ބޭރުގައި ދިވެހި މަސް މާކެޓް ކުރުން
  • ރާއްޖޭގެ ހަތް ސަރަހައްދެއްގައި އެކުއަކަލްޗާގެ ޕްރޮޖެކްޓުތައް ހިންގައި ރައްޔިތުންނަށް ސީދާ ނަފާ ހޯދައިދިނުން
  • ތިން ސަރަހައްދެއްގައި ލެބޯޓަރީ ގާއިމްކޮށް މަހުގެ ބާވަތްތައް ދިރުވުމާއި އާލާ ކުރުން
  • ބޮޑުކަންނެއްޔާއި ކަޅުބިލަމަސް ބާނާ އުޅަނދުތަކަށް ލުއި އަގެއްގައި ލޯނުު ދިނުން
  • ރާއްޖޭގެ ހަތް ސަރަހައްދެއްގައި އެން ބާޖު ބެހެއްޓުން
  • ހިކިކަނޑުމަހުގެ ބާވަތްތައް ބޭރަށް އެކްސްޕޯޓް ކުރެވޭނެ ގޮތް ހަމަޖެއްސުން
  • ތުތިބޯވަދިލަމަސްވެރިކަން ފުޅާކޮށް ބޭރުން މާކެޓް ހޯދުން
  • މަސްވެރިކަން ކުރާ ކޮންމެ ސަރަހައްދަކުން 15 މޭލަށް ނުދުއްވައި ތެޔޮ ލިބޭނެ ގޮތަށް ހެދުން
  • މަސްވެރިންނާއި މަސް އެކްސްޕޯޓް ކުރާ ފަރާތްތަކަށް ފައިދާވާ ގޮތަށް އަގުތައް ހަމަޖެއްސުން
  • ކަޅުބިލަމަސް ކިލޯއެއްގެ ގަންނަ އަގު 26ރ. އަށް ހަމަޖެއްސުން
  • މަސްވެރިންނަށް އިންޝުއަރެންސް ޕްރޮގްރާމެއް ހަމަޖެއްސުން

ޕީޕީއެމް/ޕީއެންސީ

އެންމެ ބޮޑު އިދިކޮޅު ކޯލިޝަންގެ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒުގެ މެނިފެސްޓޯ ވެސް ރަސްމީކޮށް ލޯންޗު ކުރި ނަމަވެސް އެކަން ކުރަން ނިންމާފައި އޮތީ ބައި ބަޔަށެވެ. އެހެންކަމުން އަދި އޭނާ މަސްވެރިކަމާ ގުޅޭ ގޮތުން ގެންގުޅޭނެ ސިޔާސަތުތަކުގެ ތަފުސީލެއް ނޭނގެ އެވެ.

މަސްވެރިކަމާ ގުޅޭ ސިޔާސަތުތަކުގެ ތަފުސީލު ޕާާޓީން ހާމަ ނުކުރި ނަމަވެސް މެނިފެސްޓޯ ލޯންޗިން އިވެންޓުގައި މުއިއްޒު ވަނީ އޭނާގެ މުހިންމު ވައުދެއް ހާމަކުރައްވައިފަ އެވެ. އޭގެ ތެރޭގައި މަސް ގަންނަ އެންމެ ދަށް އަގު 20ރ. އިން މަތީގައި އަބަދުވެސް ހިފެހެއްޓުން ވެސް ހިމެނެ އެވެ. އަދި ބޮޑުކަންނެލީގެ އަގު ކިލޯއެއް 80ރ. އިން މަތީގައި ހިފަހައްޓަވާނެ ކަމަށް ވެސް ވިދާޅުވި އެވެ.

"މަސް ގަންނަން ހުންނަ އަގުތަކަށް ރިއާޔަތްކޮށް އަޅުގަނޑުމެންގެ އަމާޒަކަށް ވާނީ ދިވެހިރާއްޖޭގައި ރޯމަސް ގަންނަ އަގު 20ރ. އަށް ހެދުން އެއީ އަޅުގަނޑުމެން ގަސްދުކުރާ ކަން، އެދޭ ގޮތްކަން އަޅުގަނޑުމެން އިއުލާނުކުރަން،" ޑރ. މުއިއްޒު ވިދާޅުވި އެވެ.

މަސްވެރިކަމާ ގުޅޭޭ މުހިންމު ވައުދުތަކެއް ފަހުން ހާމަ ކުރައްވާނެ ކަމަށް ވެސް މުއިއްޒު ވަނީ ވިދާޅުވެފަ އެވެ.

  • ބައެއް ރަށްރަށުގައި ސިނާއީ މަސްވެރި ބަނދަރު ހަދައިދިނުން
  • މަސްވެރިންގެ ދަފުތަރެއް އެކުލަވާލައި، ބޭންކުން ލޯނު ނެގޭނެ ގޮތް ހަމަޖެއްސުން
  • މަސްވެރި އުޅަނދުތަކުގެ ބޭނުމަށް އިމްޕޯޓު ކުރާ ތަކެތިން ޑިއުޓީ ކެނޑުން
  • ދ. މާދެލީގައި މަސްކާރުހާނާއެއް އެޅުން
  • މަސްވެރިންގެ ކޯޕަރޭޓިވް ސޮސައިޓީއެއް އުފައްދައި މިފްކޯގެ ހިއްސާ ދިނުން

މަސްވެރިކަން އޮތް ހާލަތު

ދިވެހިންގެ އެންމެ ބޮޑު އެކްސްޕޯޓަކީ އަދިވެސް މަހެވެ. އެކަމަކު، މަހުގެ ތެރެއިން އަހަރުމެން އެކަށީގެންވުމާ ގާތް ކުރާ މިންވަރަކަށް ވެސް އެކްސްޕޯޓް ކުރެވެނީ ކަޅުބިލަމަހާއި ބޮޑުކަންނެއްޔެވެ. ނަމަވެސް އިންޑިއާ ކަނޑުގައި އެ ދެ ބާވަތުގެ މަސް ވެސް ދަނީ މަދުވަމުންނެވެ.

ދިވެހިން ބާނާ ކަނޑުމަހުގެ ސައިޒާއި އަދަދު ވެސް އިތުރުނުވެ ދަނީ ކުޑަވަމުން, ދަށްވަމުންނެވެ. އޭގެ ސަބަބަކީ، އިންޑިއާ ކަނޑުން މަސް ބާނާ ގައުމުތަކުން ހައްދެއް ނެތި މަސް ބޭނުމެވެ.

ދިވެހިން އެންމެ ގިނައިން ބާނާ މަހުގެ ސްޓޮކު ދަށްވަމުންދާއިރު ވެސް ފަހުގެ މޯލްޑިވްސް ކަސްޓަމްސްގެ އެނަލައިޒްކޮށްފައިވާ އެންމެ ފަހުގެ ހިސާބުތަކުން ދައްކަނީ އަހަރުމެންގެ އެންމެ ބޮޑު ފަސް އެކްސްޕޯޓުގެ ތެރޭގައި މުޅިން ވެސް ހިމެނެނީ ކަޅުބިލަމަހާއި ބޮޑުކަންނެލި ކަމަށެވެ. އެއީ ގަނޑު ކުރި މަހާއި އެކި ގޮތް ގޮތަށް ޕްރޮސެސްކޮށްފައި ހުރި މަހެވެ. އޭގެ ތެރެއިން ވެސް އެންމެ ގިނައީ ގަނޑުކުރި މަހެވެ.

ދެން އެންމެ ގިނައިން އެކްސްޕޯޓު ކުރީ ކުންޏާއި ބާދަގަނޑެވެ.

ކަނޑުމަހުގެ ސްޓޮކް މަދުވަމުން ދިޔުމުގެ ސަބަބުން އިންޑިއާ ކަނޑުން ބާނާ މަސް ގަތުން ހުއްޓާލުމަށް ބޮޑެތި ކެމްޕެއިންތައް ވެސް ކުރެ އެވެ. އެގޮތަށް މަސައްކަތް ކުރާ މީހުންގެ ބުނަނީ ގައުމުތަކުން ދާ އެޅުން މަދުކުރަންޖެހޭ ކަމަށާއި އެކަމުގައި ވަކި ގައުމެއް އިސްތިސްނާ ކުރުން ނެތް ކަމަށެވެ. ނަމަވެސް ދާދިފަހުން މަހުގެ ކޯޓާ ބައިނަލްއަގުވާމީ ކަމާބެހޭ ފަރާތްތަކުން ކަނޑައެޅިއިރު މަސް އެކްސްޕޯޓު ކުރެވޭ އެކަށީގެންވާ ބޮޑު ކޯޓާއެއް ރާއްޖެއަށް ލިބުނެވެ.

ރާއްޖެއިން ބާނާ މަހުގެ ސްޓޮކް ދަށްވަމުންދާތީ އެކަމުގެ ޕްލޭނެއް މީގެ އަހަރުތަކެއް ކުރިން ޖަޕާނު ސަރުކާރުގެ އިސްނެގުމުގެ މަތިން ރާއްޖޭގައި ހިންގި އެވެ. ވަރަށް ބޮޑު ދިރާސާއަކަށްފަހު، ހަމައެކަނި ކަޅުބިލަހާއި ބޮޑު ކަންނެއްޔަށް ބަރޯސާވުމުގެ ބަދަލުގައި މަސްވެރިކަމުގެ އެހެން ދާއިރާތަކުން ދިވެހިންނަށް ކުރިއަށްދެވޭނެތޯ ބެލި އެވެ.

އެގޮތުން ތުތިބޯވަދިލަމަސްވެރިކަން ކުރެވިދާނެތޯ އެކްސްޕެރިމެންޓްކޮށް ބެލިއިރު ރާއްޖޭގެ ހުރިހާ ދިމާލަކުން ވެސް ތުތި ބޭނޭކަން ޔަގީންވި އެވެ. އެފަދަ ބޮޑެތި ދިރާސާތަކަސްފަހު ދެމެހެއްޓެނިވި މަސްވެރިކަން ތަރައްގީ ކުރެވޭނެ ވަރަށް ބިޔަ ޕްލޭނެއް ދިވެހި ސަރުކާރާ ގުޅިގެން ޖަޕާނުން އެކުލަވާލި އެވެ. މާސްޓާ ޕްލޭން ފޯ ސަސްޓެއިނަބަލް ފިޝަރީޒް ނުވަތަ މަސްޕްލޭނުގައި ތަރައްގީ ކުރެވިދާނެ ސަބް ސެކްޓާތަކެއް ފާހަގަކޮށް އެކަން ކުރާނެ ޕްލޭނެއް ވެސް އޮތީ ލިޔެފަ އެވެ.

  • އޯޝަނިކް ފިޝެރީޒް ސަބް-ސެކްޓާ
  • ރީފް ފިޝެރީޒް ސަބް-ސެކްޓާ
  • އެކުއާކަލްޗާ ސަބް-ސެކްޓާ
  • ވެލިއު އެޑީޝަކް ސަބް-ސެކްޓާ

ކޮންމެ ކެންޑިޑޭޓެއްގެ ވައުދުތައް ވެސް ގޯހެއް ނޫނެވެ. މަސް ގަންނަ އަގު ބޮޑު ކުރުމާއި ޖުމްލަކޮށް ދާއިރާއަށް އެކި ކަންކަން ކޮށްދިނުމަކީ މަސްވެރިންނަށް ރަނގަޅެކެވެ. އެކަމަކު މަސް ގަންނަ އަގު ބޮޑުކުރެވުން ބިނާވާނީ ދުނިޔޭގެ ބާޒާރުގައި މަހުގެ އަގު ހުންނަ ގޮތެއްގެ މައްޗަށްކަން މަސްވެރިންވެސް ގަބޫލުކުރަން ޖެހެ އެވެ. އަގު ބޮޑުކޮށް ގަންނަ މަހަކީ އަގުބޮޑުކޮށް ވިއްކޭނޭ އެއްޗަކަށްވެސް ވާންޖެހެ އެވެ. އެގޮތެއް ހޯދައި ދެކޮޅު ޖައްސާނީ ކިހިނެއްކަން ވައުދުގެ ތަފްސީލުގައި ކެންޑިޑޭޓުން ހާމަކުރަންޖެހޭނެ އެވެ.

ސެޕްޓެމްބަރު 9، ގައި މަސްވެރިން އަދި މަސްވެރި އާއިލާތަކުން ވޯޓުލާން ނުކުންނާނީ އެ ހުރިހާ ކަންކަމަށް ވިސްނުމަށްފަހެވެ.

ހަސަން މުހައްމަދު

އެޑިޓަރ

ނޫސްވެރިކަމުގެ ދާއިރާއާ 2007 ވަނަ އަހަރު ގުޅުނު ހަސަން މުހައްމަދަކީ ޝަރުއީ އަދި ގާނޫނީ ދާއިރާގެ ކަވަރުކުރުމުގައި ގިނަ ބަޔެއްގެ ރުހުން ހޯދި ނޫސްވެރިއެކެވެ. ފަހުން ބޮޑަށް ކަވަރުކުރީ ކޮރަޕްޝަނާއި އިންސާނީ ހައްގުތަކުގެ ދާއިރާ އެވެ. ކުރިން މަސައްކަތްކުރީ "ހަވީރު، "ސަން"، "މިހާރު" އަދި "މޯލްޑިވްސް އިންޑިޕެންޑެންޓް" ގަ އެވެ.

ކޮމެންޓް

Stay in the loop

Get the latest news and reports delivered straight to your inbox