އަމިއްލަ މީޑިއާތައް ހިންގުމަށް މާލީ އެހީތެރިކަން ދިނުމަށްޓަކައި ދައުލަތުގެ ބަޖެޓުގެ ވަކި ޕަސެންޓެއް ކަނޑައަޅަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވައުދުވެވަޑައިގެންފި އެވެ.
ރައީސް ސޯލިހުގެ ދެ ވަނަ ދައުރެއް ހޯއްދަވަން ކުރައްވަމުން ގެންދަވާ ކެމްޕޭނުގައި ބ. ދަރަވަންދޫގައި މިރޭ ބޭއްވި ޖަލްސާގައި އިއުލާނު ކުރި "ހެޔޮވެރިކަން" މެނިފެސްޓޯގައި މީޑިއާތަކަށް ދައުލަތުން ފައިސާގެ އެހީ ދިނުމަށް ކަނޑައަޅާފައި އޮތަސް، ދޭނެ ވަކި ޕަސެންޓެއް ނެތެވެ.
"މީޑިއާތަކުގެ މާލީ ގާބިލުކަމަށް ވަކި ފަރާތަކަށް ބަރޯސާވުން ނައްތާލުމަށްޓަކައި ގާނޫނުގައި ކަނޑައަޅާ ވަކި ޝަރުތުތަކެއް ފުރިހަމަވާ މީޑިއާތަކަށް ދައުލަތުގެ ބަޖެޓުން ކަނޑައެޅޭ އިންސައްތައެއްގެ ފައިސާ އެލޮކޭޓްކުރާނެ. މި ފައިސާ ދޫކުރެވެނީ ހަމަހަމަކަމާއި ނުފޫޒުން އެއްކިބާވެފައިވާ ނިޒާމަކުންކަން ކަށަވަރުކުރުމަށް، ބައިނަލްއަގުވާމީ މިންގަނޑުތަކާއި އުސޫލްތަކާއި އެއްގޮތަށް އޮންނަ ރޭޓިންގް ނިޒާމެއް ކަނޑައަޅާނެ،" މެނިފެސްޓޯގައި ބުނެފައިވެ އެވެ.
ބަޖެޓުން ފައިސާ ދޭން ރައީސް ސޯލިހު ވައުދުވެވަޑައިގެންނެވިއިރު، މީޑިއާގެ ހައްގުގައި މަސައްކަތްކުރާ ދިވެހި ބައެއް ޖަމިއްޔާތަކުން މީގެ ކުރިން މިފަދަ އެހީއެއް ހަމަޖެއްސުމަށް ސަރުކާރަށް ހުށަހަޅާފައިވެ އެވެ.
އެސްއެމްއީ ބޭންކު މެދުވެރިކޮށް ވެސް މީޑިއާތަކަށް މާލީ އެހީ ފޯރުކޮށް ދިނުމަށް ވެސް މެނިފެސްޓޯގައި ހިމަނާފައިވެ އެވެ.

މީޑިއާގެ ދާއިރާ ތަރައްގީ ވެފައިވާ އެހެން ވައުދުތައް
- މީޑިއާތަކުގެ ސެލްފް ގަވަރނަންސް އަދި ރެޖިސްޓްރޭޝަން ޕްރޮސެސްގައި ހުރި މައްސަލަތައް ހައްލުކުރުމަށް މީޑިއާ ތަކާގުޅިގެން މީޑިއާގެ ދަފްތަރުގައި ހުރި މައްސަލަތައް ހައްލުކުރާނެ.
- ކޮމިއުނިޓީ-ބޭސްޑް ޖާނަލިޒަމް، ފްރީލާންސް ޖާނަލިޒަމް، ޑިޖިޓަލް ކޮންޓެންޓް ކްރިއޭޝަން ފަދަ ދާއިރާތަކުން ކުރިއެރުމަށް ބެނުންވާ، ތަމްރީނާއި، ތައުލީމީ ފުރުސަތު ފަހިކޮށްދެވޭނެ.
- ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ހާއްސަ ކޮންޓެންޓު ދައުލަތުގެ މީޑިއާއިން އުފެއްދުން
- ދިވެހި ސްޓްރީމިން ސާވިސްތަކާއި، ޕޮޑްކާސްޓިން، އަދި އެހެނިހެން އޮންލައިން މީޑިއާ ޕްލެޓްފޯމް ތަކުގައި ކޮންޓެންޓް ކްރިއޭޓްކުރާ ފަރާތައް ކުރިއެރުމަށް ބެނުންވާ ގާނޫނީ ރައްކާތެރިކަމާއި އެހީތެރިކަން ފޯރުކޮށްދެވޭނެ.
- މީޑިއާގެ ދަފުތަރުގައި ހުރި މައްސަލަތައް ހައްލުކުރުން












