އިންޑިއާގައި އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ އެކްޓިވިސްޓަކު ދިގު މުއްދަތަކަށް ބަންދުކޮށްގެން އުޅެމުން ދާތީ އދ. ގެ ހާއްސަ މަންދޫބަކު ކަންބޮޑުވުން ފާޅުކޮށްފި އެވެ.
އިންސާނީ ހައްގުތަކުގެ ދިފާއުގައި އުޅޭ މީހުންގެ ހާލަތު ވަޒަންކުރަން އދ. އިން ކަނޑައަޅާފައި ހުންނަ ހާއްސަ ރެޕަޓުއާ މޭރީ ލޯލޯ ވަނީ ގޮކާރަކޮންޑާ ނާގާ "ޖީއެން" ސައިބާބާ ޖަލުގައި ބެހެއްޓުން ކުށްވެރިކޮށްފަ އެވެ.
ނުކުޅެދުންތެރިކަމެއް ހުންނަ ޖީއެން ސައިބާބާ ދިގު މުއްދަތަކަށް ބަންދުގައި ބެހެއްޓުމަކީ "ލާއިންސާނީ" އަަމަލެއް ކަމަށާއި އޭނާގެ ސިއްހަތާ މެދު ކަންބޮޑުވުންތައް އުފެދެމުން ދާތީ ވަގުތުން މިނިވަން ކުރުމަށް ލޯލޯ ގޮވާލެއްވި އެވެ.

ޖީއެން ސައިބާބާއަކީ އިންޑިއާގެ މައިނޯރިޓީންގެ ހައްގުގައި އުޅޭ އެކްޓިވިސްޓެކެވެ. އޭނާ ބަންދުކޮށްގެން އުޅޭތާ މިހާރު 10 އަހަރު ފުރެން ގާތްވެއްޖެ އެވެ.
ދިއްލީ ޔުނިވާސިޓީގެ ކުރީގެ އިނގިރޭސި ޕްރޮފެސަރެއްގެ ގޮތުގައި އުޅުނު ޖީއެން ސައިބާބާ އިންނަން ޖެހެނީ ފުރޮޅުލީ ގޮނޑީގަ އެވެ. ކުޑައިރު ޕޯލިއޯ ޖެހި، ފަހުން މައިބަދައިގެ މައްސަލަ ދިމާވެފައިވާ އެކްޓިވިސްޓް ހައްޔަރުކުރީ 2014 ގަ އެވެ.
އެކި ދައުވާތައް އުފުލައި އުމުރު ދުވަހުގެ ޖަލު ހުކުމެއް އިއްވި ނަމަވެސް، ތަހުގީގާއި ޝަރީއަތުގައި އިންސާފުވެރިކަމާ މެދު ގިނަ ބަޔަކު ސުވާލު އުފައްދަ އެވެ.










