މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ހަ ބައިވެރިންނާއެކު ރާއްޖޭގައި ފުރަތަމަ ފަހަރަށް އޭޓީސީ ރާޑާ ކޮންޓްރޯލް ޓްރެއިނިން (އޭރިއާ ކޮންޓްރޯލް ސަވައިލަންސް ކޯސް - އައިކާއޯ 054) ކޯހެއް ފަށައިފިއެވެ.
އެމްއޭސީއެލް އިން މިއަދު ބުނި ގޮތުގައި އެ ކޯސް ފެށީ މިދިޔަ ޖުލައި 30، ގައެވެ. އަށް ހަފުތާގެ މި ކޯސް އަންނަ ސެޕްޓެމްބަރު 21، އާއި ހަމައަށް ކުރިއަށް ދާނެއެވެ.
އެ ތަމްރީނުތައް ފޯރުކޮށްދެނީ ލީޑް އިންސްޓްރަކްޓަރެއްގެ ގޮތުގައި ގްލޯބަލް އޭޓީއެސް/ ޔޫކޭގެ ރިޗަޑް ތޯމަސް ސްމިތު އަދި އިންސްޓްރަކްޓަރުންގެ ގޮތުގައި އެމްއޭސީއެލްގެ މުހައްމަދު އަތުހަރު އަދި އަހުމަދު ނަޒީރެވެ.
އެމްއޭސީއެލް އަކީ ރާއްޖޭގެ ހުރިހާ އެއާޕޯޓަކަށް އެއާ ނެވިގޭޝަންގެ ހިދުމަތްދޭ ކުންފުންޏަށްވުމާއެކު، އެ ކޯހަކީ ކުންފުނީގެ ހިދުމަތްތައް ހަރުދަނާކޮށް ފުޅާކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން މުހިންމު މަސައްކަތެއް ގޮތުގައި އެ ކުންފުނިން ފާހަގަކުރެ އެވެ.
އެމްއޭސީއެލް އިން ވަނީ މި އަހަރު އެއާ ޓްރެފިކް ކޮންޓްރޯލް ސެންޓަރު ލައިސަންސްގެ ދެ ކޯހެއްވެސް އިފްތިތާހުކޮށްފައެވެ. އެއީ އޭރިއާ ކޮންޓްރޯލް ޕްރޮސީޖަރަލް ކޯސް (އައިކާއޯ 055) އާއި އެޕްރޯޗް ކޮންޓްރޯލް ޕްރޮސީޖަރަލް ކޯސް (އައިކާއޯ 053) އެވެ. މިއީ އެމްއޭސީއެލް އިން އެއްފަހަރާ ދެ އޭޓީސީ ރޭޓިން ޓްރެއިނިން ކުރިއަށް ގެންދިޔަ ފުރަތަމަ ފަހަރެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގައި ރާއްޖޭގެ ފުރަތަމަ އެއާ ޓްރެފިކް ކޮންޓްރޯލް (އޭޓީސީ) ޓަވަރު ސިމިއުލޭޓަރު އެމްއޭސީއެލް އިން ހުޅުވީ 2021 ވަނަ އަހަރުއެވެ. މި ސިމިއުލޭޓަރަކީ އެއާ ޓްރެފިކް ކޮންޓްރޯލް އޮފިސަރުން ތަމްރީނު ކުރުމުގައި މުހިންމު ދައުރެއް އަދާކުރާ ސިމިއުލޭޓަރެކެވެ.
އެމްއޭސީއެލްއިން ބުނީ އެ ކުންފުނިން ކަސްޓަމަރުންނަށް އެންމެ މަތީ ފަންތީގެ ތަމްރީނާއި ހިދުމަތްތައް ފޯރުކޮށްދިނުމަށް މަސައްކަތް ކުރަމުން އަންނަ އިރު، ފުރަތަމަ ފަހަރަށް އޭޓީސީ ރާޑާ ކޮންޓްރޯލް ޓްރެއިނިން ދެވެން ފެށުމަކީ ކުންފުންޏަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް ކަމުގަ އެވެ.










