މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)އިން ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ހާއްސަ އިންޓާންޝިޕް ޕްރޮގްރާމެއް ބާއްވައިފި އެވެ.
އެމްއޭސީއެލްގެ އިޖްތިމާއީ ޒިންމާގެ ދަށުން ކުރިއަށްގެންދެވުނު މި ޕްރޮގްރާމުގައި ކެއާ ސޮސައިޓީގެ ހަތަރު ދަރިވަކަށް ވަނީ ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުގެ މަސައްކަތު މާހުލުގެ ތެރެއިން ތަމްރީނާއި މަސައްކަތުގެ ތަޖްރިބާ ހޯދުމުގެ ފުރުސަތު ދީފަ އެވެ.
އެމްއޭސީއެލްއާއި ކެއާ ސޮސައިޓީ ގުޅިގެން މި ޕްރޮގްރާމު ކުރިއަށް ގެންދެއައީ މޭ އެއްވަނަ ދުވަހުން ފެށިގެން މިދިޔަ ޖުލައި މަހުގެ ނިޔަލަށެވެ.
މި ޕްރޮގްރާމުގެ ބައިވެތިންނަށް ވަނީ އެމްއޭސީއެލްގެ އެކިއެކި ސެކްޝަންތަކުގައި މަސައްކަތްކުރުމުގެ ފުރުސަތުގެ އިތުރުން ކޮންމެ މަހަކު ހާއްސަ އެލަވަންސެއް ވެސް ދީފަ އެވެ.
އެމެއޭސއީއެލްއިން ބުނީ ދުވަހުން ދުވަހަށް ކުރަންޖެހޭ އިދާރީ މަސައްކަތާއި ކަސްޓަމާ ސާވިސްގެ މަސައްކަތުގެ އިތުރުން އެހެނިހެން މުވައްޒަފުންނާއި ގުޅިގެން މަސައްކަތް ކުރުމުގެ ފުރުސަތު އިންޓާންޝިޕްގެ ބައިވެރިންނަށް ހޯދައިދެވިފައިވާ ކަމަށެވެ.
މި ޕްރޮގްރާމުގެ ކާމިޔާބީ ފާހަގަކުރުމަށް އިއްޔެ އެއާޕޯޓުގައި ބޭއްވި ރަސްމިއްޔާތުގައި އެމްއޭސީއެލްގެ މެނޭޖިން ޑައިރެކްޓަރ އަދި ސީއީއޯ މަހްޖޫބް ޝުޖާއު ވަނީ ޕްރޮގްރާމުގެ ބައިވެރިންނަށް އިންޓާންޝިޕް ޕްރޮގްރާމް ނިންމާލިކަމުގެ ލިޔުން ހަވާލުކޮށްފަ އެވެ.
މި ހަފްލާގައި އެމްއޭސީއެލްގެ އެކި ޑިޕާޓްމަންޓްތަކުގެ ވެރިންގެ އިތުރުން ކެއާ ސޮސައިޓީގެ އިސްވެރިން ވެސް ބައިވެރިވި އެވެ.
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެމްއޭސީއެލްގެ ޖެނެރަލް މެނޭޖާ ކޯޕަރޭޓް ކޮމިއުނިކޭޝަންސް ހަސަން އަރީފް ވިދާޅުވީ މި ޕްރޮގްރާމަކީ އޭގެ ބައިވެރިންނަށް މަސައްކަތުގެ ތަޖްރިބާ ލިބިގެންދިއުމުގެ އިތުރުން މަސައްކަތުގެ މާހައުލަށް ނިކުތުމަށް އެޅުނު ބިންގަލަކަށް ވެގެންދާނެކަމަށެވެ.
އެމްއޭސީއެލްގެ އިޖުތިމާއީ ޒިންމާގެ ދަށުން ފާއިތުވި އަހަރުގައި ގިނަ މަސައްކަތްތަކެއް ކޮށްފައިވާ އިރު، މިއަހަރު ތެރޭގައި ވެސް މުޖުތަމައުގެ ތަރައްގީއާއި ކުރިއެރުމަށް ގިނަ މަސައްކަތްތަކެއް ކުރުމަށް ރާވާފައިވާކަމުގައި އެ ކުންފުނިން ބުނެ އެވެ.











