ލަންޑަން (އޮގަސްޓް 15) - މެޗުގެ ދެ ވަނަ ހާފުގައި ޑިފެންޑަރު ރަފައެލް ވަރާން ޖެހި ލަނޑާ އެކު، އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ވުލްވްސް އަތުން 1-0 އިން މެންޗެސްޓާ ޔުނައިޓެޑް މޮޅުވެއްޖެ އެވެ.
ޔުނައިޓެޑްގެ ދަނޑުގައި ކުޅުނު މެޗު ނިމެން 14 މިނިޓަށްވެފައި ވަނިކޮށް ވަރާން ޖެހި ލަނޑު އެ ޓީމު މޮޅުވިޔަސް، މި މެޗަކީ ޔުނައިޓެޑަށް ފަސޭހަ މެޗެއް ނޫނެވެ.
ވުލްވްސް އަށް މެޗުގައި ގިނަ ފުރުސަތުތަކެއް ލިބި ބޭކާރުވި އެވެ. އަދި ޔުނައިޓެޑްގެ ގޯލްކީޕަރު އަންދްރޭ އޮނާނާ ވެސް ވަނީ ބައެއް ހަމަލާތައް ދިފާއުކޮށްފަ އެވެ.
ޕްރިމިއާ ލީގުގެ އާ ސީޒަންގައި ކުޅުނު ފުރަތަމަ މެޗުން ޔުނައިޓެޑް މޮޅުވިޔަސް، މި މެޗުގައި ޔުނައިޓެޑްގެ ފަރާތުން ފެނުނީ އުންމީދީ ކުޅުމެއް ނޫނެވެ. އެކަމަކު މެޗަށް ފަހު ކޯޝު އެރިކް ޓެން ހާގް ބުނީ ކުރިއަށް އޮތް މެޗުގައި ޔުނައިޓެޑްގެ ކުޅުން ރަނގަޅުވާނެ ކަމަށެވެ.
"ޕްރިމިއާ ލީގުގައި ފަސޭހަ މެޗެއް ނޯންނާނެ. އަދި ވަކިން ހާއްސަކޮށް ވުލްވްސްއާ ދެކޮޅަށް ކުޅުމަކީ ފަސޭހަކަމެއް ނޫން،" ޓެން ހާގް ބުންޏެވެ.
"ކޮންމެ މެޗެއްގައި ވެސް މޮޅުވާން ވަރަށް މަސައްކަތް ކުރަންޖެހޭ. ކުރިއަށް އޮތް މެޗުތަކުގައި ކުޅުން ރަނގަޅުވާނެ ކަމަށް އުންމީދުކުރަން."
ޓެން ހާގް ބުނީ ފުރަތަމަ މެޗުގައި ދެއްކި ކުޅުމަށް ބަލާއިރު ޓީމުގެ ޑިފެންސްލައިން އިން ވަރަށް ރަނގަޅު ކަންތައްތަކެއް ފެނުނު ކަމަށެވެ.
"ޑިފެންސްގެ އޯގަނައިޒޭޝަން ވަރަށް ރަނގަޅު. މުހިންމު ކަމަކީ މި މެޗުން މޮޅުވުން،" ޓެން ހަގް ބުންޏެވެ.-












