ހުޅުމާލެ ރަށު މާރުކެޓުން ގޮޅި ކުއްޔަށް ދޫކުރަން، އެ ކަމަށް ޝައުގެވެރިވާ މީހުނަށް އެ ފުރުސަތު ހުޅުވާލައި އާބަންކޯއިން މިއަދު އިއުލާންކޮށްފި އެވެ.
އާބަންކޯއިން ނެރުނު އިއުލާނެއްގައި ވަނީ ގޮޅި ކުއްޔަށް ދޭނެ ފަރާތެއް ކަނޑައަޅާނީ ބީލަމުގެ އުސޫލުން، ބީލަން ހުށަހަޅާ ފަރާތްތަކުގެ ތެރެއިން އެންމެ މަތީ އަގު ހުށަހަޅާ ފަރާތަކަށް ކަމަށެވެ.
ބީލަން ބަލައިގަތުމުގެ ކަންކަން ކުރިއަށް ދާނީ އޮގަސްޓް 30 ގައި، ހެނދުނު 9:30 އިން 11:00 އަށް ހުޅުމާލެ ރެހެންދި ސްކޫލް ހޯލުގަ އެވެ. ބީލަން ހުޅުވާލާނީ އެ ދުވަހު 11:00 ޖަހާއިރެވެ.
ރަށު މާރުކޭޓުގައި ކުރުމަށް ހުއްދަ ކުރާ ވިޔަފާރީގެ ތަފުސީލު:
- ރޯ ތަކެތި (ކަނޑާއި އެއްގަމު މަހާއި ގުޅުން ހުރި ތަކެތި)
- މޭވާއާއި ތަރުކާރީ
- ރާއްޖޭގައި އުފައްދާ ކާބޯތަކެތި
- އާޓްސް އަދި ކްރާފްޓްސް
- ދެވަނަ ފަހަރަށް ބޭނުން ކުރެވޭ ތަކެތި
- އިލެކްޓްރޯނިކްސް އަދި ގޭގައި ގެންގުޅޭ ސާމާނު
- ޕެޓް ފުޑް
- ސުވެނިއާ އަދި އާސާރީ ތަކެތި
- ރީޓެއިލް ފިހާރަ
- ތައްޔާރުކޮށްފައިވާ ކާބޯތަކެތި ވިއްކާ ކިއޮސްކު
ގޮޅި ކުއްޔަށް ހިފުމަށް އެދި ހުށަހަޅާ މީހުންނަކީ ދިވެހިން ކަމުގައި ވާން ޖެހޭނެ އެވެ. އަދި އެމީހުންނަކީ މިހާރު ރަށު މާރުކޭޓުގައި ގޮޅި ހިންގަމުންދާ މީހަކަށް ވެގެން ނުވާނެ އެވެ.
އެންމެ މަތިން އަގު ހުށަހަޅާ ފަރާތްތަކަށް ތަރުތީބުން ގޮޅި ކުއްޔަށް ދޫކުރުމަށް ނިންމާފައިވާއިރު, ގިނަ ފަރާތްތަކަކުން އެއް އަގެއް ހުށަހަޅާފައި ވާނަމަ ގޮތެއް ނިންމާނީ އެފަރާތްތަކުގެ މެދުގައި ގުރުއަތު ނެގުމަށްފަހު އެވެ.










