ބެއިޖިން، ޗައިނާ (އޯގަސްޓް 13) - އުތުރު ޗައިނާގައި ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން ހިނގި ބިންގަނޑު ކަނޑައިގެން ދިޔުމުގެ ހާދިސާއެއްގައި މަރުވި މީހުންގެ އަދަދު 21 އަށް އަރައިފި އެވެ.
އާދީއްތަަ ދުވަހު އިދާރާތަކުން ބުނީ އިތުރު ހަ މީހުން ގެއްލިގެން ހޯދަމުންދާ ކަމަށެވެ.
ހުކުރު ދުވަހު ބިންގަނޑު ކަނޑައިގެން ދިޔުމުގެ ހާދިސާ ހިނގީ ޝާންޝީ ޕްރޮވިންސްގެ ޝިއާންގެ ދެކުނުން އޮންނަ ފަރުބަދަ މަތީ އަވަށް، ވެއިޒިޕިންގަ އެވެ.
އެ އަވަށުގެ ދެ ގެޔެއް ބިމާ ހަމަވެ، މަގުތަކާއި، ބްރިޖުތަކާއި، ކަރަންޓު ވިޔުގަ އާއި އެހެން މުހިއްމު އިންފްރާސްޓްރަކްޗާއަށް ގެއްލުން ލިބުނެވެ.
ހާލުގައި ޖެހިފައިވާ މީހުންނަށް އެހީވުމަށް ސިފައިންނާއި ވޮލަންޓިއަރުން ދަނީ ހަރަކާތްތެރިވަމުންނެވެ.
ފާއިތުވި ހަފުތާތަކުގެ ތެރޭގައި ޗައިނާއަށް ބޯކޮށް ވާރޭވެހި، ނުރައްކާތެރި ފެންބޮޑުވުމުގެ ހާދިސާތައް ހިނގާފައިވެ އެވެ. ޗައިނާގެ އުތުރަށް ކުރިމަތިވެފައިވާ ތޫފާންތަކުގައި ގިނަ ބަޔަކު ވަނީ މަރުވެފަ އެވެ.










