އުރީދޫން ކަސްޓަމަރުންގެ ވެރިފިކޭޝަންގެ ވަސީލަތެއްގެ ގޮތުގައި ރާއްޖޭގެ ގައުމީ ޑިޖިޓަލް އައިޑެންޓިޓީ ޕްލެޓްފޯމް، އީފާސް އިންޓަގްރޭޓު ކޮށްފި އެވެ.
އުރީދޫއިން ބުނީ އެ ކުންފުނީގެ ހިދުމަތްތަކަށް އެދޭއިރު، ކަސްޓަމަރުންގެ ވެރިފިކޭޝަންގެ ވަސީލަތެއްގެ ގޮތުގައި އީފާސް ހަމަޖެހިގެންދިއުމަކީ ހިދުމަތް ހޯދުމުގައި ކަސްޓަމަރުންނަށް ލިބިގެންދާނެ ވަރަށް ބޮޑު ރައްކާތެރިކަމެއް އަދި ފަސޭހައެއް ކަމަށެވެ.
ނޭޝަނަލް ސެންޓާ ފޯ އިންފޮމޭޝަން ޓެކްނޮލޮޖީއާ ގުޅިގެން ކުރިއަށްގެންދާ މި މަސައްކަތުގެ ސަބަބުން ކަސްޓަމަރުންގެ ތަޖުރިބާއަށް އިންގިލާބީ ބަދަލެއް އައިސް، އުރީދޫގެ ތަފާތު އެކި އެކި ހިދުމަތްތައް ހޯދުމުގައި ރައްކާތެރި އޮތެންޓިކޭޝަން ޕްރޮސެސްއެއް ކަށަވަރުވެގެންދާނެ ކަމުގެ ޔަގީންކަން އެ ކުންފުނިން ދެ އެވެ.
"އީފާސް އިންޓިގްރޭޝަން އަޅުގަނޑުމެންގެ ޕްލެޓްފޯމްތަކަށް ތައާރަފު ކުރުމަކީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް. އަޅުގަނޑުމެން މަސައްކަތް ކުރަމުން މިދަނީ ކަސްޓަމަރުންނަށް މިހާރަށްވުރެ ފަސޭހަ އަދި ރައްކާތެރި ވެރިފިކޭޝަނެއް ގާއިމުކުރުމަށްޓަކާ އަޅުގަނޑުމެންގެ ހުރިހާ ހިދުމަތަކަށް އީފާސް ވެރިފިކޭޝަން އިންޓަގްރޭޓު ކުރަން،" އުރީދޫ މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ ހާލިދު އަލް ހަމާދީ ފާހަގަކުރެއްވި އެވެ.
އޭގެ އިތުރުން, އުރީދޫ އިން ބުނީ އެ ކުންފުނީގެ ހިދުމަތްތަކަށް އީފާސް އިންޓަގްރޭޓް ކުރުމަކީ ޑިޖިޓަލްކޮށް ބާރުވެރި ގައުމެއްގެ ގޮތުގައި ރާއްޖެ ބިނާ ކުރުމަށް ސަރުކާރުން ގެންގުޅޭ ތަސައްވުރާ އެއްގޮތްވާ ގޮތުގެ މަތިން އުރީދޫ މޯލްޑިވްސް އިން ދޭ އަހަންމިއްޔަތު ކަމުގެ ހެއްކެއް ކަމަށެވެ.
ގައުމީ ޑިޖިޓަލް އައިޑެންޓިޓީ ކަމުގައިވާ އީފާސް އުރީދޫއިން ބަލައިގަތުމަކީ ޑިޖިޓަލް ޓެކްނޮލޮޖީން ބާރުވެރިވެފައިވާ ރާއްޖެއެއްގެ ތަސައްވުރު ހާސިލްކުރުމަށް އުރީދޫއިން ސަރުކާރާއި އެކު ކުރި މުހިންމު މަސައްކަތެއް ކަމަށް އެންވަޔަރަންމަންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު ޝަރީފް ވިދާޅުވި އެވެ.
ކަސްޓަމަރުންނަށް މިހާރު ޕޯސްޓްޕެއިޑް ޕްލޭން އަޕްގްރޭޑް ކުރުން އަދި ފިސިކަލް ސިމް ކާޑް އީސިމް އަކަށް ބަދަލު ކުރުމުގައި ކަސްޓަމާ ވެރިފިކޭޝަންގެ ގޮތުގައި އީފާސް މެދުވެރިކޮށް އުރީދޫ ވެބްސައިޓަށް ލޮގް އިން ކޮށް ހޮދުމަތައް އެދެވޭނެ އެވެ.
އަދި ކުރިއަށް އޮތްތަނުގައި މި ހިދުމަތް އިތުރަށް ފުޅާކޮށް، އީފާސް ބޭނުންކޮށްގެން ކަސްޓަމަރުންނަށް އުރީދޫ ގެ ހުރިހާ ހިދުމަތަކަށް ވެސް އެދެވޭނެ ކަމުގައި އެ ކުންފުނިން ބުނެ އެވެ.










