މުއިއްޒަށް ބާރު ދިނުމުން ޔާމީނަށް ވާނެ ގޮތް ނަޝީދު ގުޅުވައިލީ އެމަނިކުފާނުގެ ސިޔާސީ ހަޔާތާ!

ރައީސް މުހައްމަދު ނަޝީދު ދަ ޑިމޮކްރެޓްސްގެ ޖަލްސާއެއްގައި - ފޮޓޯ: އަބްދުﷲ އިޔާން / އަދަދު

ރައީސް މުހައްމަދު ނަޝީދު ދަ ޑިމޮކްރެޓްސްގެ ޖަލްސާއެއްގައި - ފޮޓޯ: އަބްދުﷲ އިޔާން / އަދަދު

އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ޓިކެޓު ޑރ. މުހައްމަދު މުއިއްޒަށް ދިނުމަކީ، މިހާރު ޖަލުގައި އޮންނެވި ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ބޭވަފާތެރިވުން ކަމަށް ޑިމޮކްރެޓްސްގެ ނަމުގައި އާ ސިޔާސީ ޕާޓީއެއް ލީޑްކުރައްވާ، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ތުހުމަތު ކުރައްވައިފި އެވެ.

ޕީޕީއެމް/ޕީއެންސީ ކޯލިޝަންގެ ލީޑަރު އަދި އެ ކޯލިޝަންގެ ރިޔާސީ ޓިކެޓު ލިބިވަޑައިގެންނެވި ޔާމީނަށް އިންތިހާބުގައި ވާދަކުރެއްވުމުގެ ޝަރުތު ގެއްލިގެން ދިޔައީ ތަންފީޒުކުރަމުން ގެންދާ 11 އަހަރުގެ ޖަލު ހުކުމެއް އޮތުމުންނެވެ.

ޔާމީނަށް އިންތިހާބުގައި ވާދަކުރެވޭނެ ގޮތް ނުވުމުން، އިދިކޮޅު ކޯލިޝަންގެ ކެންޑިޑޭޓެއްގެ ގޮތުގައި ވެގެން ދިޔައީ، ޕީއެންސީގެ ރިޔާސީ ޓިކެޓު ހަވާލުކޮށްފައިވާ މާލޭގެ މޭޔަރު މުއިއްޒެވެ.

Advertisement

ރިޔާސީ ކެންޑިޑޭޓުންގެ ރަސްމީ ކެމްޕެއިން ފަށާފައި ވާއިރު، ދަ ޑިމޮކްރެޓްސް އިން ބުރާސްފަތި ދުވަހު ގދ. ގައްދޫގައި ބޭއްވި ކެމްޕޭން ޖަލްސާއެއްގައި ނަޝީދު ތުހުމަތު ކުރެއްވީ ޕީޕީއެމް/ޕީއެންސީގެ ލީޑާޝިޕްގައި ތިއްބެވި ބޭފުޅުން ޔާމީން މިނިވަންކުރަން ބޭނުން ނުވާ ކަމަށެވެ.

"ރައީސް ޔާމީން ފަސް އަހަރު ޖަލުގައި ހުންނެވީ މިއަދު ޕީޕީއެމްގެ ލީޑާޝިޕްގައި އެ ތިއްބެވި އެތައް ބޭފުޅުންނެއް އެ ގޮތަށް އެކަން އޮތުމަށް އެދިވަޑައިގެން ތިއްބެވީމާ،" ރާއްޖޭގެ ވެރިކަން ތިން އަހަރެއްހާ ދުވަހު ކުރެއްވި، ކުރީގެ ރައީސް ނަޝީދު ވިދާޅުވި އެވެ.

ޔާމީނަށް އިންތިހާބުގައި ވާދަނުކުރެވޭ ގޮތް ވުމުން، މުއިއްޒާއެކު ރިޔާސީ ކެމްޕެއިން ކުރަމުން ދިޔުން ނަޝީދު ސިފަކުރެއްވީ ބޭވަފާތެރިވުން ގޮތުގަ އެވެ.

"ބޭވަފާތެރިކަން. ރައީސް ޔާމީނަށް ބޭވަފާވެރިވީމާ އަދި ދެން އުފެދިދާނެ ސަރުކާރެއްގައި ރައީސް ޔާމީނަށް އެއްވެސް ފަހި ފުރުސަތެއް ނެތިގެން ދިޔުމަށް މި ކަންކަން އެ މަގަށް ދާ ތަން ޕީޕީއެމްގެ އެތައް މެންބަރުންނަކަށް އެބަ ފެނޭ،" ނަޝީދު ވިދާޅުވި އެވެ.

ނަޝީދު ދެން އިޝާރާތް ކުރެއްވީ އެމަނިކުފާނުގެ ސިޔާސީ ހަޔާތަށެވެ. ދެހާސް އަށާރައިގެ ރިޔާސީ އިންތިހާބުގައި ވާދަނުކުރެއްވޭ ގޮތްވުމުގެ ސބަބުން އެ ޕާޓީގެ ރިޔާސީ ޓިކެޓު ހަވާލު ކުރެއްވީ އޭރު އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕުގެ ލީޑަރު، ހިންނަވަރު ދާއިރާގެ މެމްބަރު އިބްރާހިމް މުހައްމަދު ސޯލިހުއާ އެވެ. އިންތިހާބު ކާމިޔާބު ކުރައްވައި، އެމްޑީޕީގެ ތާއީދާއި ބާރުވެރިކަން ރައީސް ސޯލިހު ހޯއްދަވައި، މި ފަހަރުގެ ރިޔާސީ ޕްރައިމަރީން ވެސް ނަޝީދު ބަލިކުރެއްވި އެވެ.

މެއި 6، 2021 ގައި ދިން ބޮމުގެ ހަމަލާއަށް ވެސް ނަޝީދު އިޝާރާތް ކުރެއްވި އެވެ.

"ޕީޕީއެމްގެ އެތައް މެންބަރުންނަށް އެބަ ފެނޭ، އަޅުގަނޑަށް ވީ ގޮތް، ބޮމަކާ ހިސާބުން، އައިސް މިއަދާ ހަމައަށް. ދެން އުފެދޭ ސަރުކާރެއްގައި ޕީޕީއެމްގެ މެންބަރުންނަށް ވެސް ނޭދޭ ރައީސް ޔާމީނަށް ދެރަ ގޮތެއް ވާކަށް،" އެމަނިކުފާނު ވިދާޅުވި އެވެ.

ޔާމީނުގެ ވެރިކަމުގައި ޖަލުން ނުކުމެ، ބޭސްފަރުވާއަށް ރާއްޖޭން ބޭރަށް ވަޑައިގަތުމަށް ފުރުސަތު ހޯއްދެވުނީ އެމްޑީޕީގެ މެމްބަރުން ކުރި ބުރަ މަސައްކަތުން ކަމަށާއި ޔާމީން މިނިވަން ކުރާނެ ގޮތް ވެސް ވަރަށް ސާފުކޮށް އެނގިވަޑައިގަންނަވާ ކަމަށް ނަޝީދު ވިދާޅުވި އެވެ.

"އަޅުގަނޑު ޕީޕީއެމްގެ މެންބަރުންނަށް ޔަގީންކޮށް އަރުވަން، މިއަދު ވެސް ރައީސް ޔާމީން ޖަލުން ނެރުމަށް، ހަގީގީ މަސައްކަތެއް ކޮށްދެވެން އޮތީ އަޅުގަނޑުމެންނަށް، ޕީޕީއެމަކަށް ނޫން، ޕީޕީއެމްގެ ލީޑަޝިޕުން އެ މަސައްކަތް ކޮށްދޭން ހުރި ނަމަ ރައީސް ޔާމީން ޖަލުގައި ނުހަންނަވާނެ،" ނަޝީދު ވިދާޅުވި އެވެ.

ދެހާސް ފަނަރަ ވަނަ އަހަރު ނަޝީދު 13 އަހަރަށް ޖަލަށްލީ އެ މަނިކުފާނުގެ ވެރިކަމުގައި ކްރިމިނަލް ކޯޓުގެ އޭރުގެ އިސް ގާޒީ، އަބްދުﷲ މުހައްމަދު ހައްޔަރުކުރި މައްސަލައިގައި، ޓެރަރިޒަމް ކުށް ސާބިތުވާ ކަމަށް ކަނޑައެޅުމަށް ފަހު އެވެ. އެ ހުކުމް ބައިނަލްއަގުވާމީ މުޖުތަމައުން ބަލައި ނުގަނެ، ނަޝީދު މިނިވަން ކުރަން ގޮވާލަމުން ދިޔަސް، މިނިވަނެއް ނުކުރެ އެވެ.

ޔާމީން ޖަލަށް ލާފައި ވަނީ އެ މަނިކުފާނުގެ ވެރިކަމުގައި ވ. އާރަށް ކުއްޔަށް ދޫކުރުމުގެ މުއާމަލާތުގައި ރިޝްވަތު ހިފާފައިވާ ކަމާއި އެ ފައިސާ ލޯންޑަކުރިކަމުގެ ކުށް ސާބިތުވުމުންނެވެ. އެ ކުށުގެ އަދަބެއްގެ ގޮތުގައި 11 އަހަރަށް ޖަލަށް ލުމާއެކު 5 މިލިއަން ޑޮލަރުން ޖޫރިމަނާކުރި އެވެ.

އެ ހުކުމް އިސްތިއުނާފުކޮށްފައިވާއިރު، އަޑުއެހުންތައް ވަނީ ހައިކޯޓުގައި ފަށައިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox