ލަންޑަން (އޮގަސްޓް 11) - ބްރައިޓަން އަށް ކުޅެމުން އަންނަ އެކުއެޑޯގެ މިޑްފީލްޑަރު، މޮއިސަސް ކައެސޭޑޯ، 140 މިލިއަން ޑޮލަރުގެ ޑީލެއްގެ ދަށުން ގަންނަން ލިވަޕޫލުން އެއްބަސްވުމަކަށް އަތުވެފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
ކައެސޭޑޯ، 21، އަކީ މި ފަހަރުގެ ޓްރާންސްފާގައި ޗެލްސީން އެންމެ ބޮޑަށް ފާރަލި ކުޅުންތެރިޔާ އެވެ. ޗެލްސީން ކުރި ތިން ބިޑެއް ބްރައިޓަން އިން އަނބުރާ ފޮނުވާލި އެވެ. ލިވަޕޫލުން މި ފަހަރުގެ ޓްރާންސްފާގައި އެންމެ ބޮޑަށް ގެންނަން މަސައްކަތް ކުރި އެއް މިޑްފީލްޑަރު، ރޮމެއޯ ލަވީއާ ހޯދަން ލިވަޕޫލުން ކުރި ބިޑްތައް ސައުތެމްޓަން އިން ވެސް ބަލައިނުގަތްއިރު، އެންމެ ފަހުން އެ ޑީލްގެ ތެރެއަށް ޗެލްސީ ވެސް ވަނީ ވަދެފަ އެވެ.
ބްރައިޓަން އިން ކައެސޭޑޯ ވިއްކާލާނީ އެންމެ ބޮޑު ބިޑެއް ކުރާ ކްލަބަކަށް ކަމަށް ނިންމުމާ އެކު، ލިވަޕޫލުން ކުރަން ނިންމީ 140 މިލިއަން ޑޮލަރުގެ ބިޑެކެވެ. ޗެލްސީން ކުރީ 128 މިލިއަން ޑޮލަރުގެ ބިޑެކެވެ. އެ ރޭހުގައި ކުރިން އޮތް ޖަރުމަނުގެ ބަޔާން މިއުނިކް އިން 115 މިލިއަން ޑޮލަރު ދައްކަން ތައްޔާރަށް އޮތް ކަމަށް ބުނެފައިވެ އެވެ.
އެކަމަކު، ބްރައިޓަން އިން ވަގުތު އޮއްވައި، ކައެސޭޑޯގެ ޑީލް ނިންމައި، އާ ކުޅުންތެރިން ގަންނަން ބޭނުންވާތީ، ލިވަޕޫލްގެ އޮފާ ގަބޫލުކުރަން ނިންމީ އެވެ. ކައެސޭޑޯ މިއަދުގެ ވަގުތެއްގައި ލިވަޕޫލްގެ މެޑިކަލްގައި ބައިވެރިވާނެ ކަމަށް ސްކައި ސްޕޯޓްސް އިން ވަނީ ރިޕޯޓްކޮށްފަ އެވެ.
މީގެ ދެ އަހަރު ކުރިން، ބްރައިޓަން އިން ކައެސޭޑޯ ސޮއިކުރީ، އެކުއެޑޯގެ އިންޑިޕެންޑެންޓް ޑެލް ވޯލް އަށް ހަތް މިލިއަން ޑޮލަރު ދީފަ އެވެ.
ކައެސޭޑޯ، ލިވަޕޫލަށް ސޮއިކޮށްފިނަމަ އޭނާ ވެގެންދާނީ މި ޓްރާންސްފާގައި ބްރައިޓަން ދޫކޮށް ލިވަޕޫލާ ގުޅޭ ދެ ވަނަ ކުޅުންތެރިޔާ އަށެވެ. ލިވަޕޫލުން ވަނީ ބްރައިޓަން އަށް ކުޅުނު އާޖެންޓީނާގެ މިޑްފީލްޑަރު، އަލެކްސިސް މެކް އަލިސްޓާގެ ސޮއި ވެސް ހޯދައިފަ އެވެ.












