ސެޕްޓެމްބަރު 9, ގައި އޮންނަ ރިޔާސީ އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ ނަންތައް ތަރުތީބުކޮށް ރަސްމީކޮށް ކެމްޕޭނަށް ހުޅުވާލީ އިއްޔެ އެވެ.
މިއީ ފެހި ގާނޫނު އަސާސީއަށް އަމަލުކުރަން ފެށިފަހުން ރާއްޖޭގައި ބާއްވާ ހަތަރު ވަނަ ރިޔާސީ އިންތިހާބެވެ. އަދި, މިއީ ރާއްޖޭގެ ތާރީހުގައި ވެރިކަމަށް މިހާ ގިނަ އަދަދެއްގެ ބޭފުޅުން ވާދަކުރައްވާ ފުރަތަމަ އިންތިހާބެވެ. އެގޮތުން, ސިޔާސީ ޕާޓީތަކާއި އަމިއްލަ ގޮތުން ވާދަކުރާ ބޭފުޅުން ހިމެނޭހެން އަށް ކެންޑިޑޭޓަކު މި އިންތިހާބުގައި ވާދަކުރާނެ އެވެ.
އިއްޔެ ހަވީރު އިންތިހަބާ ބެހޭ މަރުކަޒު، ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތުގައި ވަނީ ވޯޓު ކަރުދާހުގައި ކެންޑިޑޭޓުންގެ ނަންތައް އޮންނާނެ ގޮތް ތަރުތީބުކޮށްފަ އެވެ. ނަންތައް ތަރުތީބުކުރަން ގުރުއަތު ނެގުމުގެ ފުރުސަތު ދިނީ އީސީއަށް ފޯމުތައް ހުށަހެޅި ތަރުތީބުންނެވެ.
ކެންޑިޑޭޓުންގެ ތަރުތީބު
- އުމަރު ނަސީރު (އަމިއްލަ ގޮތުން)
- ހަސަން ޒަމީލް (އަމިއްލަ ގޮތުން)
- އިބްރާހިމް މުހައްމަދު ސޯލިހު (މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ)
- ޑރ. މުހައްމަދު މުއިއްޒު (ޕީޕަލްސް ނޭޝަނަލް ކޮންގްރެސް)
- ގާސިމް އިބްރާހިމް (ޖުމްހޫރީ ޕާޓީ)
- އަހްމަދު ފާރިސް މައުމޫން (އަމިއްލަ ގޮތުން)
- އިލްޔާސް ލަބީބް (ދަ ޑިމޮކްރެޓްސް)
- މުހައްމަދު ނާޒިމް (މޯލްޑިވްސް ނޭޝަނަލް ޕާޓީ)
މި ރަސްމިއްޔާތުގައި އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް އިސްމާއީލް ހަބީބު ވަނީ ކެމްޕޭނު ކުރުމުގައި ސަމާލުކަން ދޭންވީ ކަންކަމާ ގުޅޭ ގޮތުން ހާއްސަ އިލްތިމާސްއެއް ކުރައްވައިފަ އެވެ.
ހަބީބު ވިދާޅުވީ މި ފަހަރުގެ އިންތިހާބަކީ އެންމެ ވާދަވެރި ރިޔާސީ އިންތިހާބަށް ވެގެންދާނެ ކަމަށެވެ. އެއީ މިފަހަރުގެ އިންތިހާބުގައި އަށް ކެންޑިޑޭޓުން ވާދަ ކުރައްވާތީ އެވެ.

އެހެންވެ، އިންތިހާބު މިނިވަންކަމާއި އިންސާފުވެރިކަމާއެކު ކުރިއަށް ގެންދިޔުމަށްޓަކައި ކެންޑިޑޭޓުންނާއި ކެންޑިޑޭޓުންނަށް ތާއިދު ކުރައްވާ ފަރާތްތަކުން ގާނޫނާއި ގަވާއިދާ އެއްގޮތަށް އަދި ސުލޫކީ މިންގަނޑަށް އަމަލުކުރުން މުހިންމު ކަމަށް އޭނާ ވިދާޅުވި އެވެ.
އިންތިހާބުގެ ހަރަކާތްތައް ކުރިއަށް ގެންދިޔުމުގައި ސަމާލުކަން ދޭންވީ ބައެއް ކަންކަން ހަބީބު ފާހަގަ ކުރެއްވެވި އެވެ. އެއީ،
- ގާނޫނާއި ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތިން ބައްދަލުވުންތައް ބޭއްވުން
- އެއްބަޔަކު ބާއްވާ ބައްދަލުވުމަށް ހުރަސް ނޭޅުން
- ދެ ޕާޓީއަކުން އެއް ފަހަރާއި އެއްތަނެއްގައި ބައްދަލުވުން ނުބޭއްވުން
- ބައްދަލުވުން ހިނގަމުންދާ ވަގުތު އުނދަގޫކޮށް އިންތިޒާމު ނަގާލަން މަސައްކަތް ނުކުރުން
- ވަކި ގޮތަކަށް ވޯޓުލުމަށް، ނުލުމަށް މަޖުބޫރު ކުރުވައި ބިރު ދައްކައި ނުހެދުން
- ވަކި މީހަކަށް ވޯޓުލުމަށް، ނުވަތަ ނުލުމަށް ބުނެ ރިޝްވަތުގެ ގޮތުން ފައިސާ، ހަދިޔާ، މާލީ ގޮތުން ނުވަތަ މާއްދީ ގޮތުން ފައިދާއެއް ވެދާނެ އެއްވެސް ކަމެއް ކޮށް ނުދިނުން، އަދި އެފަދަ ކަމެއް ހުށަނޭޅުން
"ރިޝްވަތުގެ ގޮތުގައި ހިމެނޭ ކަންކަން އެއީ ދުރުހެލިވާންޖެހޭ ކަންކަން،" ހަބީބު ވިދާޅުވި އެވެ.
ހިޔާލު ފާޅުކުރުމުގެ ހައްގު ބޭނުންކުރުމަކީ ތަރުހީބު ދޭ ކަމެއް ކަމަށާއި ނަމަވެސް ހިޔާލު ފާޅުކުރުމުގެ މިނިވަންކަން ބޭނުން ކުރެއްވުމުގައި ކެންޑިޑޭޓުންގެ އަބުރަށް ހުތުރުވާ ގޮތަށް ސާބިތު ނުހިފޭ ވާހަކަ ދެއްކުމާއި ދޮގު އިލްޒާމް އެޅުވުމަކީ ސުލުހަވެރި ސިޔާސީ ހަރަކާތުގެ ހަމަތަކާ ހިލާފު، އަދި ހަމަނުޖެހުމަށް މަގުފަހިވާނެ ކަމެއް ކަމަށް ހަބީބު ވިދާޅުވި އެވެ.
"ތިމާއަށް ލިބިދޭ ހައްގު ބޭނުންކުރުމުގައި އަނެކާގެ ހައްގަށް އިހުތިރާމު ކުރުމަކީ ތަހުޒީބު މުޖުތަމައުގެ އަސާސް. އެހެންވެ އިލެކްޝަންސް ކޮމިޝަނުން މި އެދެނީ މި ފަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަ ކުރައްވާ ކެންޑިޑޭޓުންނާއި ސިޔާސީ ހަރަކާތްތެރިން ތާއިދު ހޯދުމުގެ މަސައްކަތްކުރުމުގެ ސުލުހަވެރިކަން އިސްކޮށް ދިނުން،" ހަބީބު ވިދާޅުވި އެވެ.
އިންތިހާބު އަމާންކަމާއެކު ބޭއްވޭނީ އެންމެން އެއްބާރުލުން ދެއްވައިގެން އަދި ކެންޑިޑޭޓުންގެ ހައްގަށް ހުރުމަތްތެރިކޮށް ހިތައިގެން ކަމަށް ހަބީބު ވިދާޅުވި އެވެ.
ރައީސް ސޯލިހު ކެމްޕޭނު ދަތުރުގައި ގދ. މަޑަވެއްޔަށް ވަޑައިގެން ޖަލްސާ ބާއްވަން ތައްޔާރުކޮށްފައިވާ ތަނުގައި ވަނީ ހުޅުޖަހައިފަ އެވެ.
މުހިންމު ބައެއް ހަބަރު
ދުވަހުގެ ކޯޓޭޝަން
ރާއްޖޭގައި ހުރި އެންމެ ބޮޑު އެއް މަހުޖަނު، ވިލާ ގްރޫޕުގެ ޗެއާމަން ގާސިމް އިބްރާހިމްގެ އަމިއްލަފުޅު ހަރަދުގައި އަދި އެ މަނިކުފާނުގެ ވިލާ ފައުންޑޭޝަންގެ ސްކޯލަޝިޕާއި ލޯނުގައި ކިޔަވާފައިވާ ދަރިވަރުން ދައްކަން ހުރި ގާތްގަނޑަކަށް އެއް ބިލިއަން ރުފިޔާ މައާފު ކޮށް ދެއްވައިފި އެވެ.
ވިލާ ފައުންޑޭޝަނުން، ނުވަތަ ގާސިމް އިބްރާހިމް ސްކޯލަޝިޕެއް ދީގެން ކިޔަވާފައިވާ ކޮންމެ ކުއްޖަކު ވެސް، އަދި މިހާރު ކިޔަވަމުންދާ ކުދިން ވެސް، އެ ކުދިންގެ ކޯސް ނިމެންދެން ދީފައިވާ ހުރިހާ އެއްޗެއް މައާފު. އެންމެ ކުއްޖަކު ބޮޑު ލާރިއެއް ވެސް ދައްކާނެ ކަމެއް ނެތް، އަޅުގަނޑަށް ވެރިކަން ލިބުނަސް ނުލިބުނަސް،"
ދުވަހުގެ ފޮޓޯ

މިހާރު ކުރިއަށްދާ ވިޒިޓް މޯލްޑިވްސް ޕްރޯގެ ބައިވެރިވަކު. -- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު













