އުރީދޫ ގްރޫޕް ގައުމުތަކުގައި އައިއޯޓީ (އިންޓަނެޓު އޮފް ތިންގުސް) ގެ ހިދުމަތްތައް ކުރިއެރުވުމަށް ދުނިޔޭގެ އެންމެ ބޮޑު މޯބައިލް ނެޓްވޯކް އޮޕަރޭޓާ ކޯޕަރޭޓިވް، އައިއޯޓީ ވޯލްޑް އެލަޔަންސްއާ ގުޅިއްޖެ އެވެ.
އެ އެއްބަސްވުމާ އެކު އުރީދޫ ވަނީ އައިއޯޓީ ވޯލްޑް އެލަޔަންސްގައި މިވަގުތު މެދުއިރުމައްޗާއި އުތުރު އެފްރިކާ ސަރަހައްދު ތަމްސީލުކުރާ ހަމައެކަނި ކުންފުނީގެ މަގާމު ހޯދައިފަ އެވެ.
އެ އެއްބަސްވުމާ ގުޅޭގޮތުން އުރީދޫއިން ނެރުނު ނޫސްބަޔާނެއްގައި ބުނީ އައިއޯޓީގެ ހިދުމަތް އާ މާކެޓުތަކަށް ފުޅާކުރަން ބޭނުންވާ އޮޕަރޭޓަރުންގެ މުހިންމު ޕާޓްނަރެއްގެ ގޮތުގައި އުރީދޫއިން މަސައްކަތް ކުރަމުންދަނީ ކަސްޓަމަރުންނަށް މެދުނުކެނޑި ކަނެކްޓިވިޓީ ފޯރުކޮށްދިނުމަށް އެހީތެރިވެދޭން ކަމަށެވެ.
އައޯޓީ ވޯލްޑް އެލަޔަންސަކީ ޓެލެކޮމިއުނިކޭޝަން ޕްރޮވައިޑަރުންގެ ގްލޯބަލް ފޯރަމެއްގެ ގޮތުގައި ހަރަކާތްތެރިވާ މި ފޯރަމަކީ އައިއޯޓީ ކަނެކްޓިވިޓީ ޓްރެންޑްތައް ބަލައި، ކަނެކްޓެޑް ޑިވައިސްތައް ދުނިޔޭގެ އެކި ކަންކޮޅުތަކަށް ފޯރުކޮށްދިނުމުގައި ދިމާވާ ގޮންޖެހުންތައް ކުޑަކުރުމަށްޓަކައި، ޕާޓްނަރުންނާއި ކަސްޓަމަރުންނާއި އެކު ތަޖުރިބާތަށް ހިއްސާކުރާ ހާއްސަ ފޯރަމެކެވެ.
އެލަޔަންސްގެ މެންބަރެއްގެ ހައިސިއްޔަތުން ބައިނަލްއަގުވާމީ އައިއޯޓީ މަޝްވަރާތަކުގައި މިހާރު އުރީދޫއިން ބައިވެރިވާނެ އެވެ. މިކަމުގެ ސަބަބުން އުރީދޫގެ ހިދުމަތް ދޭ މާކެޓުތަކުގެ ލޯކަލް ގަވާއިދުތަކުގެ މައުލޫމާތު އެލަޔަންސްއަށް ފޯރުކޮށްދީ ސަރަހައްދީ މާކެޓުތަކުގައި ހުރި ގޮންޖެހުންތަކާ ކުރިމަތިލުމުގެ ގާބިލުކަން ވަރުގަދަވެގެންދާނެ ކަމަށް އުރީދޫއިން ބުނެ އެވެ.
އޭގެއިތުރުން "އުރީދޫ ސަރަޙައްދު" އަށް ވަންނަ ކަސްޓަމަރުންނަށް މެދުނުކެނޑި ކަނެކްޓިވިޓީ ގެނައުމުގައި އުރީދޫ ގްރޫޕުން އެހެން އޮޕަރޭޓަރުންނަށް އެހީތެރިކަން ފޯރުކޮށްދެވޭނެ ކަމަށާއި އެހެންކަމުން އުރީދޫ އަކީ މިހާރު އައިއޯޓީގެ ހިދުމަތް އާ މާކެޓްތަކަށް ފުޅާކުރަން ބޭނުންވާ އޮޕަރޭޓަރުންގެ މުހިންމު ޕާޓްނަރެއް ކަމަށް ވެސް އުރީދޫގެ ބަޔާނުގައި ބުނެފައިވެ އެވެ.
ރާއްޖޭގެ ބާޒާރުގައި އިނޮވޭޝަނާއި އައިއޯޓީ ކަނެކްޓިވިޓީ ކުރިއެރުވުމަށް އުރީދޫއިން ކުރަމުންދާ މަސައްކަތުގެ ދަށުން 2019 ވަނަ އަހަރު އުރީދޫގެ 5ޖީ ނެޓްވޯކް ތައާރަފްކޮށް މިހާރު ވަނީ މާލެ، ހުޅުމާލެ، ވިލިމާލެ އަދި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ހިމެނޭ ގޮތަށް ގްރޭޓާ މާލެ ސަރަހައްދަށް އެ ނެޓްވޯކް ފުޅާކޮށްފަ އެވެ.
5ޖީ ނެޓްވޯކް ތައާރަފުކުރުމާއެކު އުރީދޫ މޯލްޑިވްސްއިން ވަނީ ރާއްޖޭގައި ފުރަތަމަ ފަހަރަށް 5ޖީ ބްރޯޑުބޭންޑް ގެ ހިދުމަތް އުރީދޫ 5ޖީ އެއާފައިބަރު މެދުވެރިކޮށް ވިޔަފާރިތަކަށާއި ފަރުދުންނަށް ހަލުވި ސްޕީޑުގައި ބޭނުން ހިފުމުގެ ފުރުސަތު ފަހިކޮށްދީ، މުޖުތަމައު އާ ފުރުސަތުތަކަކާ ގުޅުވައިލައިފަ އެވެ.
އުރީދޫއިން ވަނީ ރާއްޖޭގެ ފުރަތަމަ ޓިއާ 3 ސެޓިފިކޭޝަން ރެޑީ ޑޭޓާ ސެންޓަރެއް ވެސް ތައާރަފުކޮށްފަ އެވެ. ހަމައެއާއެކު މި ހިނގާ ސެޕްޓެމްބަރު މަހުގެ ތެރޭގައި ނިންމުމަށް ހަމަޖެހިފައިވާ މަޝްރޫއުގެ ދަށުން ހދ. ކުޅުދުއްފުށީގައި ނެޓްވޯކު ކެޕޭސިޓީ އިތުރުކުރުމުގެ ގޮތުން ރާއްޖޭގައި ދެވަނަ ޑޭޓާ ސެންޓަރެއް ގާއިމު ކުރުމަށް ހަމަޖެހިފަވާކަން އެ ކުންފުނިން ވަނީ ހާމަކޮށްފަ އެވެ. ހައިޕާސްކޭލްގެ ހިދުމަތާއި ކަނެކްޓިވިޓީ އިތުރުކުރުމުން ވިޔަފާރިތައް ބާރުވެރިވެ، ޑިޖިޓަލް ޓްރާންސްފޯމޭޝަނަށް މަގުފަހިވެ، ރާއްޖޭގެ ޓެކްނޮލޮޖީގެ ދާއިރާއަށް އިންގިލާބީ ބަދަލުތަކެއް އަންނާނެ ކަމަށް އުރީދޫއިން މައުލޫމާތުދެ އެވެ.
އުރީދޫގެ އަމާޒަކީ އެލަޔަންސްގެ މެމްބަރުންގެ ހުނަރާއި ގާބިލުކަމުގެ ބޭނުން ހިފައި، އައިއޯޓީ ޓެކްނޮލޮޖީތަކަށް އަހުލުވެރިކޮށް، ޑިޖިޓަލް ޓްރާންސްފޯމޭޝަން ކުރިއަރުވައި، އެންމެންނަށް ވެސް މިހާރަށްވުރެ ސްމާޓް، ގުޅިފައިވާ ދުނިޔެއެއް އުފެއްދުން ކަމަށް އެ ކުންފުނިން ބުނެ އެވެ.










