ރިޕޯޓުއިގްތިސާދީ ހަގީގަތާ ނުބައްދަލުވާ ރިޔާސީ ވައުދުތައް

އިގްތިސާދީ ހަގީގަތާ ނުބައްދަލުވާ ރިޔާސީ ވައުދުތައް

ކަން ކުރާނެ ރަނގަޅު ޕްލޭނެއްގެ ވާހަކަ އެއްވެސް ބޭފުޅަކު ދައްކާ ތަނެއް ނުފެނެ އެވެ. ބޮޑެތި ހަރަދުތައް ކުރަން ޖެހޭ ވައުދުތައް ރައްޔިތުންނަށް ހުށަހަޅާއިރު އެ ފައިސާ ހަމަޖައްސާނެ ގޮތެއް ނުބުނެ އެވެ. ދައުލަތުގެ ބަޖެޓުން ހިނގާނީ ކިހާ ވަރެއްގެ ހަރަދެއް ކަމެއް ވެސް ބުނެދެވިފައެއް ނެތެވެ.

އާޓްވޯކް: ރައްޔާން މުހައްމަދު
އާޓްވޯކް: ރައްޔާން މުހައްމަދު

ދެހާސްއަށާރަ ވަަނަ އަހަރުގެ ރިޔާސީ އިންތިހާބު ކަވަރު ކުރި ނޫސްވެރިޔަކު ހިއްސާކުރި ވާހަކައެކެވެ. ރިޔާސީ ކެންޑިޑޭޓަކު، ތ. ވޭމަންޑޫގެ ޕޯޑިއަމެއްގައި އެމަނިކުފާނު ވާހަކަ ދައްކަވަމުން ގެންދަވަނިކޮށް އެ ރަށުގެ ކައުންސިލަރަކު ވަޑައިގެން ދެއްވީ ކުޑަ ނޯޓެކެވެ. ދެ ދަފަހަރަކަށް އެ ނޯޓް ބައްލަވައިލައްވާފައި ކެންޑިޑޭޓު ވެވަޑައިގެންނެވީ ބޮޑު ވައުދެކެވެ.

މިއީ ސިޔާސީ ބޭފުޅުން ކެމްޕެއިނުތަކުގައި ވައުދުވެވަޑައިގަންނަވާ ގޮތުގެ ކުޑަ މިސާލެކެވެ.

އުމްރާނީ ބިނާތައް ގާއިމް ކުރުމުގެ މަޝްރޫއުތަކުގެ ވައުދަށް އެ ގޮތަށްވާއިރު މާލީ އިނާޔަތްތަކާއި އެހީތަކެއް ދިނުމަށް ވެފައިވާ ވައުދުތަކެއް ވެސް ނުފުއްދި އެބަ ހުއްޓެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ވެރިކަމުގައި އެފަދަ ބައެއް މިސާލުތައް ފެންނަން އެބަ ހުއްޓެވެ. ބެޔަސް ނުބެޔަސް މަސްވެރިންނަށް ދޭން ވައުދުވި 10،000ރ. އާއި ދަނޑުވެރިންނަށް ދޭން ވައުދުވި 8،000ރ. ގެ އެހީގެ ވައުދު ފުއްދިފައެއް ނުވެ އެވެ.

މި އަހަރު އޮންނަ ރިޔާސީ އިންތިހާބުގައި ވެސް ދައުލަތުން ބޮޑެތި ހަރަދުތައް ކުރަން ޖެހޭ ފަދަ ވައުދުތައް އެބަވެ އެވެ. ދައުލަތަށް މީހުން ދައްކަން ޖެހޭ ފައިސާ ނޫނީ ދަރަނި މައާފުކުރުމުގެ ވައުދުތަކެއް ވެސް އެބަ އުޅެ އެވެ. މާލީ އިނާޔަތްތަކާއި، އެހީތަކުގެ އިތުރުން މާލީ ގާބިލިއްޔަތުކަން މާ ބޮޑަށް ޔަގީންނުކޮށް ދައުލަތުން ލޯނުގެ ނަމުގައި ފައިސާ ހަމަޖެއްސުމުގެ ވައުދުތަކެއް ވެސް އެބަވެ އެވެ.

ފާހަގަކޮށްލެވޭ ބައެއް ވައުދުތައް

ރައީސް އިބްރާހީމް މުހައްމަދު ސޯލިހު

  • ހައުސިން ފައިނޭންސް ފޯރުކޮށްދޭ ވަކި ބޭންކެއް ހެދުން
  • ގެސްޓުހައުސް ވިޔަފާރިތަކަށް ފަސޭހައިން ލޯނު ލިބޭނެ ފަންޑެއް ހުޅުވުން
  • ކޮންމެ 20 މިނެޓަކުން އެއާޕޯޓަކަށް ދެވޭވަރަށް އެއާޕޯޓު އެޅުން
  • ކަނޑައެޅޭ ވަކި އުސޫލަކުން ސްޓޫޑެންޓް ލޯނު މާފުކޮށްދިނުން

ގާސިމް އިބްރާހީމް

  • މާސްޓާޒް ޑިގްރީއަށް ހިލޭ ކިޔަވައިދިނުން
  • ސަރުކާރުން ދޫކޮށްފައިވާ ސްޓޫޑެންޓު ލޯނު މައާފުކުރަން
  • ބޮޑެތި ބަލިތަކަށް ބޭރުން ފަރުވާކުރުމުގެ ހުރިހާ ހަރަދެއް ދިނުން
  • ފަސް އަހަރުގެ ތެރޭގައި 100 މިލިއަނަރުން އުފެއްދުން
  • ހުޅުމާލޭ ފްލެޓުތަކުގެ ކުލި މާފުކޮށްދިނުން

މުހައްމަދު ނާޒިމް

  • މާލެ ހުޅުމާލެ މޮނޮރެއިލަކުން ގުޅުވައިދިނުން
  • ގެދޮރު ހަދަން ނަގާ ލޯނަށް ގެރެންޓީ ދިނުން
  • 75،000 ވަޒީފާއާއި 15،000 ވިޔަފާރިވެރިން އުފެއްދުން
  • ހިޔާ ފްލެޓްގެ ކުލި 4،000 ރ. އަށް ކުޑަކުރުން ހިމެނޭނެ.
  • ސޮވެރިން ގެރެންޓީ ދީ، ގެދޮރު ހަދަން ބޭނުންވާ އެންމެންނަށް ލޯނު ދިނުން.

އިލްޔާސް ލަބީބް

  • ވިޔަފާރިއެއް ފަށައިގެން ހިންގާ ފުރަތަމަ ތިން އަހަރު އުތުރާއި ދެކުނުގެ ރިސޯޓްތަކުން އަދި ގެސްޓް ހައުސްތަކުން ޓެކްސް ކަނޑާލަން، އަދި އިތުރު ހަތް އަހަރު އޭގެ ދެބައިކުޅަ އެއްބައި އެކަނި ދައްކަން
  • މާލޭން އެހެން ރަށަށް ހިޖުރަކުރަން ބާރު އަޅަން ސެޓަލްމެންޓް އެލަވެންސްއާއި ގެދޮރު އަޅައިދީފައި ދިނުން.

ވައުދުތައް ދެކޮޅުނުޖެހޭ އަދި ޕްލޭނެއް ވެސް ނެތް

ގިނަ އިގްތިސާދީ މާހިރުން ދެކެވަޑައިގަންނަވަނީ ކެންޑިޑޭޓުންގެ މި ވައުދުތަކީ "ދެކޮޅު ނުޖެހޭ" ވައުދުތަކެއް ގޮތުގަ އެވެ. މި ލިޔުމަށް ހިޔާލު ދެއްވި ބައެއް ބޭފުޅުން ވަނީ އެ ވައުދުތަކަކީ ފުއްދިދާނެ ވައުދުތަކެއްތޯ ވެސް ސުވާލު އުފައްދަވައިފަ އެވެ.

"އަޅުގަނޑު ދަންނަވާނީ ވަރަށް ދެކޮޅުނުޖެހޭ ވައުދުތަކެކޭ މީ. ގައުމުގެ އިގްތިސާދީ ހާލަތާ ދޭތެރޭ ވިސްނާ ރައްޔިތުން ގަބޫލެއް ނުކުރާނެ މިފަދަ ވައުދުތަކެއް،" އިގްތިސާދީ ދާއިރާގެ މާހިރެއް ނަން ނުޖެހުމަށް އެދި ބުންޏެވެ.

ސްޓުޑެންޓް ލޯނު، ފްލެޓް ކުލި މައާފުކުރުން އަދި ޓެކްސް ކެނޑުން ފަދަ ވައުދުތަކުގެ ސަބަބުން ބަންދު ވެގެން އެ ދަނީ ދައުލަތައް އާމްދަނީ ވަންނަ ދޮރުތަކެކެވެ. ވީއިރު އެ ސިޔާސަތުތައް ހިންގުމަށް ބޭނުންވާ ފައިސާ ހަމަޖައްސާނީ ކޮން ކަހަލަ ސިޔާސަތުތަކަކުން ކަން ސާފުކޮށްދޭން ޖެހެ އެވެ.

ފާއިތުވެދިޔަ މުއްދަތުގައި ފެނުނު އެއް ކަމަކީ މީހުން ކުރާ ހޭދައިން ނަގާ ޓެކްސް އިތުރު ކުރުމެވެ. އެހެންވާ ނަމަ، މި އިނާޔަތްތަކާއި ލުއިތަކުގެ ވަކި ބޭނުމެއް އެބަ އޮތް ހެއްޔެވެ؟

މަޖިލީހުގެ ނިލަންދޫ ދާއިރާގެ ކުރީގެ މެމްބަރު ޑރ. އަބްދުﷲ ހަލީލް ވެސް ފާހަގަކުރެއްވީ އެ ނުކުތާ އެވެ. ރައްޔިތުންނަށް ފަސޭހަވާ ގިނަ ވައުދުތަކެއް ކެންޑިޑޭޓުން ވަމުން އަންނަ އިރު ދައުލަތުގެ ހަރަދާއި އާމްދަނީއާއި މެދު ފިކުރުކޮށްލަން ޖެހެ އެވެ. ގައުމެއްގެ އުފެއްދުންތެރިކަން އިތުރުކުރުމަށް ކުރެވޭނެ މަސައްކަތްތަކެއް ފާހަގަނުކޮށް، ހަރަދު ބޮޑު ސިޔާސަތުތަކެއް އެކުލަވާލުން އޭނާއަށް އެންމެ ބުއްދިވެރިއެއް ނޫނެވެ.

އެންމެ ދަރަނި ބޮޑު ސަރުކާރުގެ އެއް ކުންފުންޏަކީ އާބަންކޯ އެވެ. އާބަންކޯއަށް އާމްދަނީ ވަންނަ އެއް ގޮތަކީ ހުޅުމާލެ ބިންތަކުގެ ކުއްޔާއި ފްލެޓްތަކުގެ ކުއްޔެވެ. ފްލެޓްތަކުގެ ކުލި މައާފު ކުރާނަމަ، އާބަންކޯގެ ދަރަނި ދައްކަން ބޭނުންވާ ފައިސާ ހޯދާނެ އެހެން ގޮތެއް ބޭނުންވެ އެވެ. ޕަބްލިކް ޕޮލިސީން ޕީއެޗްޑީ ހާސިލްކުރައްވާފައިވާ ހަލީލުގެ މައި ކަންބޮޑުވުން ގުޅިފައިވަނީ އެ ކުލި މައާފު ކުރުމުގެ ވައުދަށެވެ.

"ހިޔާ ފްލެޓްތަކުގެ ކުލި މައާފުކުރާ ވާހަކަ ބައެއް ބޭފުޅުން އެބަ ދައްކަވާ. މި ދައްކަނީ 500 މިލިއަން ޑޮލަރާ ގާތްކުރާ އިންވެސްޓްމެންޓެއްގެ ވާހަކަ. ރައްޔިތުންނަށް ފަސޭހަކޮށްދޭން ބޭނުންވިޔަސް އެއްކޮށް ކުލި މައާފު ކުރުމުގެ ބަދަލުގަ އެއަށްވުރެ ސިސްޓަމެޓިކް ނިޒާމެއް އެބަ ހޯދަން ޖެހޭ،" ހަލީލް ފާހަގަކުރެއްވި އެވެ.

މި މައުލޫއަށް ވާހަކަދައްކަވަމުން އެމްއެމްއޭގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓްގެ ހެޑްގެ މަގާމު އަދާކުރެއްވި އާތިފް ޝަކޫރު ވެސް ފާހަގަކުރެއްވީ، ގިނަ ވައުދުތައް ހުރީ އިގުތިސާދީ ހަގީގާތާ މާ ދުރުގައި ކަމަށެވެ. އަދި އެ ވައުދުތައް ފުއްދާނެ ގޮތް ވެސް ބުނެދޭން އެބަ ޖެހެ އެވެ.

މިހާރު ހޭޖެހިފައިވާ ދިވެހީންގެ ޖީލަށް އެ ވައުދުތަކުން ތާއީދު ނުހޯދޭނެ ކަމަށް ވެސް އޭނާ ވިދާޅވި އެވެ.

"ވައުދުތަކެއް ވާއިރު އެއްވެސް ބޭފުޅަކު ވިދާޅެއް ނުވޭ އެކަން ކުރާނީ ކިހިނެއްކަމެއް. ޕްލޭނެއް ނުދައްކަވާ، ކެމްޕެއިނަށް، ތާއީދު ހޯދަން، ގިނަ ވޯޓު ހޯދުމުގެ މަގުސަދުގައި ވެސް ރައްޔިތުން އެ ވައުދުތަކެއް ބަލައެއް ނުގަންނާނެ، ރައްޔިތް އެއަށް ވުރެ މިހާރު ހޭލުންތެރިހެން ހީވަނީ،" އާތިފް ވިދާޅުވި އެވެ.

ދަރަނި ބޮޑު، ކެންޑިޑޭޓުންގެ ފޯކަސް ކުޑަ

ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސް ހިސާބުތަކުގައިވާ ގޮތުން އެހެން ގައުމުތަކުގެ ބޭންކުތަކުގެ އިތުރުން އިންޓާނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) ގެ ޒަރިއްޔާއިން ރާއްޖޭން ނަގާފައިވާ "އެކްޓިވް" ލޯނުތަކުގެ އަދަދު މި ވަގުތު 134 އަށް އަރަ އެވެ. އެއީ 65.2 ބިލިއަނަށް ވުރެ ގިނަ ދިވެހި ރުފިޔާ އެވެ.

މީގެ އިތުރުން މިދިޔަ ޖުލައި 18، ގައި ސަރުކާރުން ބްޖެޓް ސަޕޯޓުގެ ގޮތުގައި 'ޕްރައިވެޓް ކްރެޑިޓާ' އެެއްގެ އަތުން 50 މިލިއަން ޔޫރޯ (844 މިލިއަން ރުފިޔާ) ގެ ލޯނެއް ނަގައިފާވާކަން ވެސް މިނިސްޓްރީގެ ދަރަނީގެ ތަފާސްހިސާބުތަކުން ހާމަވެ އެވެ.

މިއީ ސަރުކާރުން މި އަހަރުގ ނެގި ތިން ވަނަ ލޯނެވެ. އެ ލޯނާ އެކީ، މި އަހަރުގެ މިހާތަނަށް ސަރުކާރުން ނެގި ލޯނުތަކުގެ އަގު ވަނީ 1.3 ބިލިއަން ރުފިޔާއަށް އަރާފަ އެވެ.

ދައުލަތުގެ ދަރަނި އިތުރުވާ މައިގަނޑު އެއް ސަބަބަކީ ދަރަނީގައި ހިނގާ ސަރުކާރުގެ ކުންފުނިތަކެވެ. ޕީސީބީއިން އާންމުކޮށްފައިވާ އެސްއޯއީތަކުގެ ކުއާޓާލީ ރިޕޯޓުން ދައްކާގޮތުގައި މިދިޔަ އަހަރުގެ ޑިސެމްބަރު 31، ގެ ނިޔަލަށް އެސްއޯއީތަކުގެ ޖުމްލަ ދަރަނީގެ އަދަދު 98.8 ބިލިއަން ރުފިޔާއަށް އަރަ އެވެ. އޭގެ ތެރޭގައި 32.12 ބިލިއަން ރުފިޔާގެ ލޯނު ހިމެނެ އެވެ.

އެގޮތުން އެސްއޯއީތަކުގެ ޖުމްލަ ސާފު ފައިދާ 25 ފަސެންޓަށް ވަނީ ދަށްވެފަ އެވެ. މި ދަށްވުމަކީ އާސަންދަ، ބީއެމްއެލް، އެޗްޑީސީ، އެމްޓީޑީސީ އަދި އެމްޑަބްލިއުއެސްސީ ފަދަ ކުންފުނިތަކުގެ ސާފު ފައިދާ ވަރަށް ބޮޑަށް ދަށްވުމާ ގުޅިގެން އައި ދަށްވުމެއްކަން ޕީސީބީގެ ރިޕޯޓުން ހާމަވެ އެވެ.

ރާއްޖޭގެ މާލީ ހާލަތާ ބެހޭގޮތުން ޖޭޕީގެ ޖަލްސާއެއްގައި ވާހަކަދައްކަވަމުން ފައިނޭންސް މިނިސްޓަރުގެ އިތުރުން، އެމްއެމްއޭގެ ގަވަނަރުކަމާއ ނައިބު ރައީސްގެ މަގާމު ވެސް އަދާކޮށްފައިވާ ޑރ. އަބްދުﷲ ޖިހާދު ވަނީ މިދިޔަ ފަސް އަހަރުގެ ޖުމްލަ ބަޖެޓް ޑެފިސިޓް 60 މިލިއަނަށް އަރާކަމަށެވެ.

"އަޅުގަނޑު ބަޖެޓު ފޮތް ބެލިއިރު މި އަހަރުގެ އާމްދަނީ މި ލިބެނީ 30 ބިލިއަން، ބަޖެޓު ހަރަދު އެބައިން 42 ބިލިއަން، އެހެންވީމާ 12 ބިލިއަން ރުފިޔާ ޑެފިސިޓް ބަޖެޓެއް މިއީ، ދެން ބެލީ މިދިޔަ އަހަރުގެ ހަރަދު، މިދިޔަ އަހަރުގެ ހަރަދު އެބައިން ހަމަ 4 ބިލިއަަން، ލިބުނީ ގާތްގަނޑަކަށް 38 ބިލިއަން، އެހެންވީމާ އެބަ އުޅޭ 14 ބިލިއަން ޑެފިސިޓް، ދެން މި ހުރިހާ އަހަރެއް ބެލިއިރު މި ފަސް އަހަރު ބަޖެޓް ޑެފިސިޓް އެބަ އަރާ 62 ބިލިއަން،" ޖިހާދު ވިދާޅުވި އެވެ.

މިފަދަ ތަފާސްހިސާބުތަކުން ހާމަވަނީ ރާއްޖޭގެ ދަރަނި އިތުރުވެ އެހެން ގައުމުތަކަށް ބަރޯސާވާން ޖެހިފައިވާ މިންވަރެވެ. މި ގައުމުގެ ބަޖެޓާއި އިގްތިސާދާއި ކުންފުނިތަކުގައި ކެނޑިޑޭޓުންގެ ބިޔަ ވައުދުތަކާއި އަރާހަމަކުރުމުގެ ހަކަތަ ނެތްކަމެވެ. އަދި ވައުދުތަކެއް ވުމުގެ ކުރިން ޕާޓީތަކުން ރަނގަޅަށް ޕެލޭން ނުކުރާކަމެވެ. ވައުދުތަކާއި ގައުމުގެ ހާލަތު ނުބައްދަލު މިންވަރެވެ.

ކަން ކުރާނެ ރަނގަޅު ޕްލޭނެއްގެ ވާހަކަ އެއްވެސް ބޭފުޅަކު ދައްކާ ތަނެއް ނުފެނެ އެވެ. ބޮޑެތި ހަރަދުތައް ކުރަން ޖެހޭ ވައުދުތައް ރައްޔިތުންނަށް ހުށަހަޅާއިރު އެ ފައިސާ ހަމަޖައްސާނެ ގޮތެއް ނުބުނެ އެވެ. ދައުލަތުގެ ބަޖެޓުން ހިނގާނީ ކިހާ ވަރެއްގެ ހަރަދެއް ކަމެއް ވެސް އަދި ބުނެދެވިފައެއް ނެތެވެ. ދައުލަތުގެ ދަރަނި ބޮޑު އިރު ކުރިއަށް ހުރި އަހަރުތަކުގައި ދައްކަން ހުރި ފައިސާގެ ނިސްބަތް ބޮޑެވެ.

އިގުތިސާދީ ހަގީގަތާ މާ ދުރު ވައުދުތަކެއް ހުށަހެޅުމުގެ ބަދަލުގައި ކެންޑިޑޭޓުންގެ ފޯކަސް ބަހައްޓަންވީ ކަމަކީ ކުރިމަތިވާން އޮތް ދަރަނީގެ ބޮޑު ކާރިސާއިން ގައުމު ސަލާމަތްކޮށް ގައުމީ އުފެއްދުންތެރިކަން އިތުރުކުރަން ކުރެވޭނެ މަސައްކަތްތަކަށް ފޯކަސް ބެހެއްޓުން މާ ރަނގަޅެވެ. ރައްޔިތުން ގާތަށް، ދޮރުން ދޮރަށް ހަރަކާތްތަކުގެ ތެރެއިން، ކެންޑިޑޭޓުން އައުމުން ކުރަންވީ މި ސުވާލުތަކެވެ.

މަރިޔަމް އަފާ ނިޒާމް

ޖާނަލިސްޓު

ކޮމެންޓް

Stay in the loop

Get the latest news and reports delivered straight to your inbox