މިހާރު ކުރިއަށްދާ ކްލަބް މޯލްޑިވްސްގެ އަންހެން ބޮޑު މުބާރާތް، އެއިޓީން ތާޓީ ފުޓްސަލް ފިއެސްޓާގައި އިއްޔެ ހަވީރު ޕޮލިސް ކްލަބް އަތުން 3-2 އިން މޮޅުވެ، ފައިނަލަށް ދިއުމުގެ އުންމީދު ޓީމު ފެނަކަ އިން ބޮޑުކޮށްފި އެވެ.
ތިން ޓީމުގެ މެދުގައި އެއިޓީން ތާޓީ ފުޓްސަލް ފިއެސްޓާ ކުރިއަށްދާއިރު، ކޮންމެ ޓީމެއް ކޮންމެ ޓީމަކާ ދެ ފަހަރު ކުޅޭނެ އެވެ. އެ އަށް ފަހު، ތާވަލުގެ ކުރީގައި އޮންނަ ދެ ޓީމެއް ފައިނަލަށް ދާނެ އެވެ. ފެނަކަ އިން އިއްޔެ ހޯދި މޮޅާ އެކު، އެ ޓީމުން ވަނީ ލީގު ތާވަލުގެ ކުރިއަށް ޖެހިލައިފަ އެވެ. އެއީ ދެ ވަނައިގައި އޮތް ޕޮލިހާ އެއްވަރަށް ހަ ޕޮއިންޓް ހޯދި ނަމަވެސް ލަނޑުގެ ތަފާތުން ކުރި ލިބޭތީ އެވެ.
އެންމެ ފަހުގެ ޗެމްޕިއަން، ދިވެހި ސިފައިންގެ ކްލަބް ފުލުގައި އޮތީ ޕޮއިންޓެއް ނުލިބި އެވެ. ދެން ކުޅޭ މެޗުން ސިފައިންނަށް މި މަހު 10 ވަނަ ދުވަހު ޕޮލިސް އަތުން މޮޅުނުވެވިއްޖެނަމަ އެ ޓީމު ކަޓައި، ފެނަކަ އާއި ޕޮލިހަށް ފައިނަލުގެ ޖާގަ ޔަގީންވާނެ އެވެ.
އިއްޔެ ހަވީރު ކުޅުނު މެޗުގައި ފެނަކަ އަށް ލަނޑުތައް ޖަހައިދިނީ އެ ޓީމުގެ މަރިޔަމް ނޫރާ އާއި ފާތިމަތު އިނާޝާ އާދަމް އެވެ. ޕޮލިހުގެ ގޯލުތައް ޖެހީ ފަދުވާ ޒާހިރު އާއި ރިޝްމާ އަބްދުﷲ އެވެ.











