މިހާރު ކުރިއަށްދާ ކްލަބް މޯލްޑިވްސް ކްލަސިކް މުބާރާތުގެ ގަދަ 16 ބުުރުގައި ރޭ ކުޅުނު މެޗުތަކުން މޮޅުވެ، ޓީމު ޑީޖޭއޭ އާއި އެމްއެމްއޭ ސޯޝަލް ކްލަބް މުބާރާތުގެ ކުއާޓާ ފައިނަލުން ޖާގަހޯދައިފި އެެވެ.
އެމްއެމްއޭ އާއި ޑީޖޭއޭ އިން ކުއާޓާ އަށް ދަތުރުކުރީ މި ފަހަރުގެ މުބާރާތުގައި ކުޅުނު ހުރިހާ މެޗަކުން މޮޅުވެގެންނެވެ.
މުޅިން އަލަށް ކްލަބް މޯލްޑިވްސް އިން ފެށި ކްލަސިކް ޑިވިޝަނުގައި ރޭ ކުޅެފައިވަނީ ގަދަ 16 ބުރުގެ ހަތަރު މެޗެވެ. އެމްއެމްއޭ އިން ޓީމު ބަދަހި އަތުން 2-0 އިން މޮޅުވިއިރު، ޑީޖޭއޭ އިން ވަނީ 5-1 އިން ޓްރޭޑް ކްލަބްގެ މައްޗަށް ކުރިހޯދައިފަ އެވެ. އެޗްޕީއެސްއެން އިން 4-0 އިން އޭސީސީ ރެކްރިއޭޝަން ކްލަބްގެ މައްޗަށް ކުރިހޯދިއިރު، އޮޑިޓާ ޖެނެރަލް އޮފީސް އަތުން ޓްރާންސްޕޯޓް ރެކްރިއޭޝަން ކްލަބް މޮޅުވީ 3-2 އިންނެވެ.

ޓީމު ޑީޖޭއޭގެ ސައުދުﷲ ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ.--- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު
އެމްއެމްއޭ އިން ބަދަހި ޓީމު ބަލިކުރިއިރު، ލަނޑުތައް ޖެހީ ޓީމުގެ ކެޕްޓަން، މުހައްމަދު ފައިޒަމްގެ އިތުރުން މުހައްމަދު އައްފާން އެވެ. ޑީޖޭއޭގެ ގޯލުތައް ޖެހީ ސައުދުﷲ އަހުމަދު ދެ ގޯލާއި، މުހައްމަދު ޝަފްރާޒް، މުހައްމަދު އަޖުވަދު ސޮލާހު އަދި މުހައްމަދު ގުރައިޝް އެވެ. ޓްރޭޑް ކްލަބްގެ ހަމައެކަނި ގޯލު ޖެހީ އަބްދުﷲ އިރުފާން އެވެ.
އެޗްޕީއެސްއެން އިން ރޭގެ މެޗުގައި ގޯލުތައް ކާމިޔާބުކުރީ މުހައްމަދު ޝަހީމް ދެ ގޯލާއި އިޝާން އަބްދުﷲ އަދި އަހުމަދު ސަމީރު އެވެ. ޓްރާންސްޕޯޓާއި އޮޑިޓާ ޖެނެރަލް އޮފީހުގެ މެޗު ފޯރިގަދަކޮށް ދިޔައިރު، ޓްރާންސްޕޯޓް މޮޅުވީ ފަހު ވަގުތު އެވެ. މި މެޗުގައި އޮޑިޓާ ޖެނެރަލް އޮފީސް ޓީމުގެ ލަނޑުތައް ޖެހީ އަހުމަދު މުހައްމަދު އާއި ނާފިއު ޒާހިރު އެވެ. ޓްރާންސްޕޯޓުން ލަނޑުތައް ޖެހީ އަލީ މޫނިސް އާއި އަހުމަދު ނުހާދު އަދި މަޒުހަރު އަބްދުﷲ އެވެ.
ކްލަބް މޯލްޑިވްސް ކަޕްގެ ގަދަ 16 ބުރުގެ ފަހު ހަތަރު މެޗުގެ ކުޅުން މިރޭ ކުރިއަށްދާނެ އެވެ. އެ ގޮތުން، 20:15 ގައި ކުޅޭ މެޗުތަކަށް ބަލާއިރު، ކްލަބް 220 އިން ކުޅޭނީ އުމްރާނީ ކްލަބާ އެވެ. އަދި ހަމަ އެ ވަގުތު، ޓީމު ޕެމާ އާއި ހޯމް އެފެއާޒް ރެކްރިއޭޝަން ކްލަބް ބައްދަލުކުރާނެ އެވެ. އޭގެ ފަހުން، 21:45 ގައި ކުޅޭ މެޗުތަކުގައި ބައްދަލުކުރާނީ ހާރިޖީ އާއި ހުޅުމާލެ ހޮސްޕިޓަލްގެ އިތުރުން، މީރާ ރެކްރިއޭޝަން ކްލަބާއި ރައީސް އޮފީސް އެވެ.












