ދިވެހި ދައުލަތުގެ އެންމެ މަތީ މަރުހަލާގެ ކޯޓުގައި މިހާރު ކުރިއަށްދާ އެންމެ ބޮޑު ބަހުސަކަށް މި އޮތީ ދައުލަތުގެ އެންމެ މަތީ މަގާމު، ރައީސުލްޖުމްހޫރިއްޔާއަށް ވުމަށް ގާނޫނު އަސާސީގައި ބަޔާންކުރާ ޝަރުތެއް މާނަ ކުރުމުގެ ބަހުސެކެވެ.
ގާނޫނު އަސާސީގެ 109 ވަނަ މާއްދާގެ (ޅ) ގައި ބަޔާންކުރާ އެ ޝަރުތަކީ، ޖިނާއީ ކުށެއްކުރި ކަން ސާބިތުވެގެން 12 މަސް ދުވަހަށް ވުރެ ދިގު މުއްދަތެއްގެ ހުކުމެއް އޮތް ނަަމަ، އެ ހުކުމް ތަންފީޒުކޮށް ނިމުނުތާ ނުވަތަ ކަނޑައެޅުނު އަދަބު މައާފު ކުރެވުނުތާ ތިން އަހަރު ވެފައިވާ މީހަކަށް ވުމެވެ.
ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުން އިއްވާފައިވާ 11 އަހަރުގެ ޖަލު ހުކުމެއް އެބަ އޮތެވެ. ހައި ކޯޓުގައި ހުކުމް އިސްތިއުނާފު ކުރި ނަމަވެސް އެ މައްސަލަ އަދި އޮތީ ނުނިމި މަޑުޖެހިފަ އެވެ. ޔާމީނުގެ ފަރާތުން، ސުޕްރީމް ކޯޓުގައި އެދިފައިވަނީ ގާނޫނު އަސާސީގައި ބަޔާން ކުރާ 'ހުކުމް' ގެ މާނައަކީ ނިހާއީ، ނުވަތަ އިސްތިއުނާފުގެ އިތުރު ފުރުސަތެއް ނެތް ހުކުމެއްގެ ގޮތުގައި މާނަކޮށްދިނުމަށެވެ.
ނިހާއީ ހުކުމަކީ ކޮބައި ހެއްޔެވެ؟ އެއީ އިސްތިއުނާފުގެ އިތުރު ފުރުސަތެއް ނޯންނަ ނުވަތަ މައްސަލައެއް ދަށު ކޯޓުން ނިންމުމުން މަތީ މަރުހަލާގެ ކޯޓުތަކުން އެކަމާ މެދު ގޮތެއް ނިންމައި، ޝަރުއީ ހުރިހާ މަރުހަލާއެއް ކަޑައްތުކޮށް ނިމިފައި އޮންނަ ހުކުމެކެވެ. ރާއްޖޭގައި ނަމަ އެއީ ދަށު ކޯޓުގެ އިތުރަށް ހައި ކޯޓާއި ސުޕްރީމް ކޯޓެވެ.
ޔާމީނަށް އިއްވާފައިވާ ހުކުމަކީ ނިހާއީ ހުކުމެއް ނޫނެވެ. އެމަނިކުފާނު އެދިވަޑައިގަންނަވަނީ ހުކުމް ނިހާއީ ނުވެ އޮތުމުން އެމަނިކުފާނަކީ އަދި މައުސޫމެއްގެ ގޮތުގައި ބެލުމަށެވެ. ގާނޫނު އަސާސީގައި ބުނާ ޝަރުތަށް އެމަނިކުފާނު އަދި ފެތޭ ކަމަށް ކަނޑައަޅައިދިނުމަށެވެ. ހިނގަމުން މިދާ 2023 ގެ ރިޔާސީ އިންތިހާބުގައި ވާދަކުރުމުގެ ހައްގު އެމަނިކުފާނަށް ލިބެން ވާނެ ކަމަށް ނިންމައިދިނުމަށެވެ.
ގާނޫނު އަސާސީގެ އެ މާއްދާ މާނަ ކުރުމުގެ ބާރާއި އިހުތިޔާރު މި ވަގުތު އެ އޮތީ ސުޕްރީމް ކޯޓުގެ ހަތް ފަނޑިޔާރުންގެ އަތް މަތީގަ އެވެ. އެ ކަމުގައި މިއަދު އެ ފަނޑިޔާރުން ގޮތެއް ނިންމަވާނެ އެވެ. ފަނޑިޔާރުންގެ ނިންމެވުމުގައި އެންމެ އިސްކަމެއް ދޭން އޮންނާނީ ގާނޫނު އަސާސީއާއި ގާނޫނުތަކެވެ. ރައްޔިތުންގެ މަޖިލިހުން އެ ކަމެއް ފާސްކޮށްފައިވާ އިބާރާތުގެ އިތުރަށް، އެ އިބާރާތް އެ ގޮތުގައި ހިމެނި ސަބަބަށް ފަނޑިޔާރުން ރިއާޔަތްކުރައްވާނެ އެވެ.
ނަމަވެސް ޔާމިންގެ ކެންޑިޑެސީގެ މައްސަލާގައި އުފަންވި ގާނޫނީ ބަހުސް ވަށައިގެން، ހަމަ އެ މައުޟޫއުގެ ތެރެއިން، އިލްމީ އެހެން ބަހުސެއް ދެން މި އޮތީ ފެށިފަ އެވެ. ދަށު ކޯޓެއްގެ ހުކުމަކުން ވާދަކުރުމުގެ ފުރުސަތު ބަންދުކުރުމަކީ ޑިމޮކްރެޓިކް ދައުލަތެއްގައި އެންމެ ރަނގަޅު ޕްރެކްޓިސް ހެއްޔެވެ؟
"ފައިނާލިޓީ އޮފް ޖަޖްމަންޓް (ނިހާއީ ހުކުމެއް) ނާންނަހާ ހިނދަކު އިންތިހާބީ ހައްގުތައް ނުގެއްލޭނެ ކަމުގެ މިސާލުތަކަކީ ރިޕަބްލިކް އޮފް ކޮރެއާ، ސްޕެއިން، ރޮމެނިއާ، ބްރެޒިލް، ސްލޮވާކިއާ، ތުރުކީ، ޖޯޖިއާ، އިޓަލީ،" ޔޫރަޕިއަން ކޮމިޝަން ފޮ ޑިމޮކްރެސީއިން އެކުލަވާލާފައިވާ ރިޕޯޓް އޮން އެކްސްކިއުލަޝަން އޮފް އޮފެންޑާސް ފްރޮމް ޕާލިއަމެންޓްގެ ރިޕޯޓާ ހަވާލާދީ، ޔާމީނުގެ ވަކީލު ހަމްޒާ ލަތީފް ޝަރީއަތުގައި ވިދާޅުވި އެވެ.
ތާއީދުގެ މައްޗަށް އިތުރު ޝަރުތެއް ނުކުރުމުގެ މަފްހޫމް
ޑިމޮކްރެސީތަކުގައި ބަލައިގެންފައިވާ މިންގަނޑަކީ ރައްޔިތުންގެ މަންދޫބަކަށް ވުމުގެ ހައްގަކީ ކޮންމެ ފަރުދަކަށް ވެސް ލިބިގެންވާ ހައްގެކެވެ. ރައްޔިތުންގެ ފަރާތުން އަޑު އުފުލައިދީ، ރައްޔިތުން ތަމްސީލުކުރުމަކީ އޭގެ ޝައުގު ހުރި ކޮންމެ ފަރުދަކަށް ވެސް އެ ފުރުސަތު ދިނުމެވެ.
އޭގައި އޭނާ ގަބޫލުކުރާ އަގީދާއަކާއި އޭނާ ނިސްބަތްވާ ނަސްލަކާއި އާއިލާއަކާއި، އުޅެބޮޑުވި ސަރަހައްދު ފަދަ ޝަރުތެއް ކުރިމައްޗެއް ނުކުރެ އެވެ. އެ މީހަކަށް ކުރިމަތި ކުރެވޭނެ ހަމައެކަނި ޝަރުތަކީ ރައްޔިތުންގެ ތާއީދާއި ރުހުމެވެ.
"ލެޓް ދަ ޕީޕަލް ޑިސައިޑް، ދިވެހި ރައްޔިތުން އޭގައި ގޮތެއް ނިންމާނެ،" ޔާމީންގެ އިސް ވަކީލު، އަދި ކެންޑިޑެސީ ފޯމުގައި އެމަނިކުފާނުގެ ރަނިން މޭޓެއްގެ ގޮތުގައި ނަން ހުށަހަޅާފައިވާ ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު ޝަރީއަތުގައި އިސް ކުރެއްވީ ވެސް އެ ބަހުސެވެ.
ފެހި ގާނޫނު އަސާސީ އެކުލަވާލި ހާއްސަ މަޖިލީހުގެ މެންބަރަކަށް މަސައްކަތް ކުރެއްވި އަހުމަދު މުއިއްޒު ވެސް ގަބޫލުކުރައްވަނީ އެ ހަމަ އެވެ. އޭނާގެ ނަޒަރުގައި، ރައީސް ޔާމީނުގެ މައްޗަށް ޖަލު ހުކުމެއް އިއްވާފައި އޮތަސް އެމަނިކުފާނަށް ވާދަކުރަން ފުރުސަތު ދީގެން އޭގައި ގެއްލުމެއް ނެތެވެ.
"މީގެ 15 އަހަރު ކުރީން، ރައްޔިތުންގެ [ޚާއްސަ] މަޖިލީހުގައި އަޅުގަނޑު އެ ކަންބޮޑުވުން ހިއްސާކުރިން، ނިހާއީ ހުކުމެއް އޮތުމުގެ ބޭނުން، ދެން ނިހާއީ ނުވާ ހާލު، އޭގައި [ޔާމީން ވާދަކުރުމުގައި] މައްސަލައެއް ނުފެނޭ، ރައްޔިތުން ނިންމީމައި ނިމުނީތާ،" މުއިއްޒު ވިދާޅުވި އެވެ.
ޕްރޮސެކިއުޓާ ޖެނެރަލްގެ މަގާމު ވެސް ފުރުއްވި މުއިއްޒު ގަބޫލުކުރައްވާ ގޮތުގައި ރައްޔިތުންގެ ގިނަ ބަޔަކު ޔާމީނަށް ވޯޓު ދީފިނަމަ، އެއިން ރައްޔިތުން ދިން މެސެޖަކީ ޔާމީންގެ މައްޗަށް ހިންގާ ޝަރީއަތަކީ ރައްޔިތުން ބަލައިގަންނަ ޝަރީއަތެއް ނޫން ކަމަށެވެ.
"ރައްޔިތުންގެ ގިނަ ބަޔަކު ވޯޓު ދީފިނަމަ، އޭގެ މާނައަކީ ރައްޔިތުން އެ ބުނަނީއޭ، ތި އިންސާފު ތިމަންނަމެން ބަލައިނުގަންނަމޭ، ތިމަންނަމެންގެ ނަޒަރުގައި އޭނައަކީ އެހާ ގޯސް މީހެއް ނޫނޭ، ކުށްވެރިޔެއް ނޫނޭ، ފުރުސަތު ލިބިދިނުން އެންމެ ރަނގަޅު،" މުއިއްޒު އިތުރަށް ތަފުސީލުކޮށްދެއްވި އެވެ.
ކުށުގެ ރެކޯޑާއި، އެ މީހެއްގެ މައްޗަށް އަންނަ ހުކުމްތަކާއި މިފަދަ އެތައް ޝަރުތެއް ހިމެނުމުގެ ބޭނުމަކީ ކުށްވެރިޔަކަށް ގައުމުގެ ހިންގުން ނުދިނުމެވެ. އިލެކްޝަންސް ކޮމިޝަންގެ ވަކީލު މަހުފޫޒު ސައީދު ޝަރީއަތުގައި ދެއްކެވީ އެ ވާހަކަ އެވެ.
އޭނާ ވިދާޅުވީ ގާނޫނު އަސާސީގެ 109 ވަނަ މާއްދާގެ (ޅ) ގައި އޮތް އިބާރާތަކީ، ހުރިހާ އިންތިހާބީ މަގާމުތަކާއި، އައްޔަނުކުރެވޭ ގިނަ މަގާމުތަކަށްވެސް އޮތް ޝަރުތެއް ކަމަށެވެ. އެކަމަށް ބެލުމުން ދޭހަކުރެވޭ މާނަކުރުމަކީ ރައްޔިތުންގެ މަޖިލީހުގެ ވިސްނުމަކީ ޕަބްލިކް އޮފީސްތައް ހިންގަން ކުށްވެރިންނަށް ފުރުސަތު ނުދިނުންކަމަށް މަހުފޫޒު ވިދާޅުވި އެވެ.
"ޖިނާއީ އެކިއެކި މައްސަލަތަކުގައި ހުކުމް ތަންފީޒު ކުރަމުންދާ މީހުންނަށް އިންތިހާބު ވެވޭނެ ނުވަތަ އާދެވޭނެ ގޮތަށް މާނަ ކުރެވޭނަމަ، ދެން ރައްޔިތުންގެ މަޖިލީހުގައި ތިބެދާނެ ޖިނާއީ ކުށްތައް ސާބިތުވެފައި މީހުން. ޓެރަރިޒަމް ކުށެއް ސާބިތުވެފައި ތިބޭ ބަޔަކު ވެސް ތިބެދާނެ." މަހްފޫޒް ވިދާޅުވި އެވެ.
އިންސާނީ ހައްގުތަކުގެ ދާއިރާގައި މަސައްކަތްކުރައްވާ، ކުރީގެ ފޮރިން މިނިސްޓަރު ޑރ. އަހުމަދު ޝަހީދު އެ ވާހަކަތަކަށް މުޅީން އެއްބަހެއް ނުވެ އެވެ. ރާއްޖެއަކީ ޒަމާނުއްސުރެން ހުދުހުމުހުތާރު ސިފަތަކާއި، ވެރިކަމުގެ ދަހިވެތިކަމުގައި ވާދަވެރިން "ކަސްތޮޅު އެޅުމުގެ ސަގާފަތެއް" އޮތް ގައުމެކެވެ.
ޔާމީނުގެ ވެރިކަމުގައި ވެސް އޭރުގެ ގިނަ އިދިކޮޅު ލީޑަރުން ތިބީ ޖަލު ހުކުމެއްގަ އެވެ. ނުވަތަ ތަހުގީގުގެ ބޭނުމަކަށް ކަމަށް ބުނެ ބަންދެއްގަ އެވެ. ކުރީގެ ރައީސް މުހައްމަދު ނަޝީދާއި، ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމާއި، އަދާލަތުގެ ރައީސް އިމްރާން އަބްދުﷲގެ އިތުރަށް ޔާމީނުގެ ބޭބޭފުޅު އަދި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި މައުމޫނުގެ ދަރިކަލުން އަހުމަދު ފާރިސް ވެސް އޭރު ހުންނެވީ އެ ހާލަތުގަ އެވެ.
"ޝަރުތުތައް މާ ގިނައިން އޮތުން، ރާއްޖޭގެ ހާލަތުުގައި ވެސް އެންމެ ރަނގަޅު ގޮތެއް ނޫން، ނިހާއީ ހުކުމެއްގެ ބަދަލުގައި ހަމަ ދަށު ކޯޓު މަރުހަލާގެ ހުކުމެއް އަޔަކަސް ވާދަނުކުރެވޭ ގޮތަށް ވަންޏާ، މި ފެންނަނީ ކޮންމެ އިންތިހާބެއްގައި ވެސް ކޮންމެ ވެސް އެއް ލީޑަރަކަށް އެ މައްސަލަ ކުރިމަތިވާ ތަން،" ޝަހީދު ވިދާޅުވި އެވެ.
ކުރީގެ ބަންޑާރަ ނައިބު ދިޔާނާ ސައީދު ވެސް ވިދާޅުވީ ރާއްޖޭގައި ވާދަވެރިޔާއަށް އިންތިހާބަށް ނުކުތުމަށް ހުރަސް އެޅުމުގެ ސަގާފަތެއް އެބަ އޮތެވެ. ޔާމީނުގެ އިސްތިއުނާފު ހައި ކޯޓުގައި މަޑުޖެހުމާއި، އެއް ހުކުމް މަތީ މަރުހަލާއިން ނިމެން ގާތްކޮށްފައި އާ ދައުވާތަކެއް ކުރުމަކީ ދިޔާނާގެ ނަޒަރުގައި އޭގެ ފަހަތުގައި ސިޔާސީ ބޭނުންތަކެއް ވެސް އެބަ އުޅެ އެވެ.
"ލީގަލް ސިސްޓަމުގެ ވަށައިގެންވާ ހަގީގަތްތަކަށް ލޯ ކަނު ވެގެން ނުވާނެ، އަޅުގަނޑުމެން ފެހި ގާނޫނު އަސާސީއާ އެކު ކުރިޔަށް ދިޔަ 15 އަހަރުގައި ވެސް، އަދި އޭގެ ކުރީގެ މާޒީގައި ވެސް، އެބަ ހުއްޓޭ، އިންތިހާބަކަށް ދާއިރު ވާދަވެރިޔާ މި ހުންނަނީ ތަޅެއް އަޅުވާފައި،" ދިޔާނާ ވިދާޅުވި އެވެ.
ތާއީދުގެ މައްޗަށް އިތުރު ޝަރުތެއް ނުކުރުމުގެ މަފުހޫމުގައި ވެސް، ދުނިޔޭގެ ގައުމުތަކުގައި ކުރެވިފައިވާ ތަޖުރިބާތަކަށް ފަހު އެ ގައުމެއްގެ ހާލަތަކާއި ޒަމާންވީ އާދަކާދައާއި ސަގާފަތާ ގުޅުވައި ޝަރުތުތަކެއް ގެންނަމުން ވެސް ދެ އެވެ. ރާއްޖެއަކީ ސައްތައިން ސައްތަ އިސްލާމީ ދައުލަތަކަށް ވެފައި، މުސްލިމަކަށް ވުމުގެ އިތުރަށް ކުށުގެ ރެކޯޑަށް ބެލުމަށް ވެސް ނިންމީ އެވެ.
"އެއް ގޮތަކަށް ވެސް ޝަރުތެއް ނުލާށެކޭ ނޫން، ގައުމެއްގެ ހާލަތަކަށް ބަލާފައި އެކި ގައުމުތަކުގައި ވެސް އެކި ޝަރުތުތައް އެބަ ހިމަނާ، ރާއްޖޭގައި ވެސް، ނިހާއީ ހުކުމެއް، އަދި ޖިނާއީ ބޮޑު ކުށެއް ސާބިތުވެގެން، ތިން މަރުހަލާއިން ވެސް ނިމިފައި އޮތް ހުކުމެއް ނެތުން ޝަރުތުކުރަން ރަނގަޅު،" ޝަހީދު ވިދާޅުވި އެވެ.
ފުރުސަތު ދިނަސް، އޭގެ އިޖުރާއަތުތަކެއް ބަޔާންކުރެވިފައެއް ނެތް
ޒަމާނުއްސުރެން ފެށިގެން ވާދަވެރިން ބަންދުކޮށްގެން، ހިޔާލުފާޅުކުރުމުގެ މިނިވަންކަމަށް ހުރަސްތަކެއް ކުރިމަތިކޮށްގެން ސަރުކާރު ހިންގާފައިވާ ގައުމެއްގައި ނިހާއީ ނުވާ ހުކުމެއް އޮވެގެން ފުރުސަތު ދޭން ނިންމި ނަމަވެސް އޭގައި ޖަވާބު ހޯދަން ޖެހޭ ގާނޫނީ އަދި ނިޒާމީ ސުވާލުތަކެއް އެބަ ހުއްޓެވެ.
ފުރަތަމަ ކަމަކަށް އިންތިހާބީ ހައްގު ފުރިހަމައަށް ދިނުމަކީ ކެމްޕެއިން ކުރުމުގެ ހައްގު ވެސް ލިބިދިނުމެވެ. ނަމަވެސް ސުވާލަކީ، ޖަލު ހުކުމެއް ތަންފީޒު ކުރަމުންދާ މީހަކަށް އެ ފުރުސަތު ދޭނީ ކިހިނެއް ހެއްޔެވެ؟ ޖަލު ހުކުމުގެ ދަށުން ބަންދުގައި ހުންނަން ޖެހޭނެ ކަމަށް ޔާމީނުގެ ވަކީލުން ވެސް އެބަ ގަބޫލުކުރައްވަ އެވެ.
ގާނޫނީ ވަކީލު މުއިއްޒަށް މީގައި އޮތް އެންމެ ބޮޑު މައްސަލައަކީ ދުނިޔޭގެ ގިނަ ގައުމުތަކުގައި، ޖިނާއީ އަދުލުގެ ނިޒާމުގެ ތެރެއިން ކަނޑައެޅިފައިވާ ބައެއް އިޖުރާއަތުތަކާއި މަފުހޫމުތައް ރާއްޖޭގައި ނެތުމެވެ. އޭގެ ތެރޭގައި ހުކުމް ތަންފީޒުކުރުން މަޑުޖައްސާލުމާއި ކަފާލާތުގެ ހަމަތައް ވެސް ހިމެނެ އެވެ.
އެ ހަމަތައް ނެތުމުން މީގެ ކުރީން ވެސް ޔާމީން ކަފާލާތުގެ ދަށުން މިނިވަންކުރެވެން ނެތް ކަމަށް ސުޕްރީމް ކޯޓުން ހުކުމްކޮށްފައި އެބަ އޮތެވެ. އެއީ ގއ. ވޮޑަމުލާ ދޫކުރުމުގައި ރިޝްވަތު ނެންގެވުމުގެ ތުހުމަތުގައި ޔާމީނަށް އޭރު ހުކުމްކުރި މައްސަލަ އެވެ. ދަށު ކޯޓުގެ ހުކުމް ސުޕްރީމް ކޯޓުން ބާތިލުކުރި އެވެ.
"އެ ގޮތަށް ޖަލުގައި ހުންނެވި އިރު ވަރަށް ގިނަ ހުރަސްތަކެއް ވެސް އެބަ އޮތް ދޯ، ކެމްޕެއިން ވެސް އެބަ ޖެހޭ ކުރަން، ބައެއް ކަހަލަ ކަންތައްތައް ދެން ފުރިހަމަ ވާނީ އިތުރު ގާނޫނުތައް ވެސް އައިސްގެން، ހުކުމް ތަންފީޒުކުރުން ފަސްކުރުމާއި ކަފާލާތު ދިނުމުގެ ގާނޫނެއް،" މުއިއްޒު ވިދާޅުވި އެވެ.
ނަމަވެސް ވަކީލު ދިޔާނާ ސައީދަށް ގާނޫނުތައް ނެތުމަކީ ހުތްޖަތެއް ނޫނެވެ. ޔާމީނު ޖަލުގައި ހުންނެވި ނަމަވެސް އެމަނިކުފާނަށް ކެމްޕެއިން ޓީމުތަކެއް ކަނޑައަޅައިގެން އެ މަސައްކަތް ކުރެވޭނެ އެވެ.
"ރައީސް ޔާމީނަށް ވާދަކުރެވޭ ކަމަށް ކަނޑައަޅައިދީފިއްޔާ، އެމަނިކުފާނުގެ ޓީމުތަކުން ކެމްޕެއިން ކޮށްދެއްވާނީ، ދެން ޖަލު ބަހައްޓާ ފަރާތްތަކަށް ފެލިސިޓޭޓް ކޮށްދެވިދާނެ، އެމަނިކުފާނުގެ މެސެޖެއް ރައްޔިތުންނަށް ފޯރުކޮށްދޭނެ ގޮތެއް،" ދިޔާނާ ވިދާޅުވި އެވެ.
ޖަލު ހުކުމެއް ތަންފީޒުކުރަމުން ދަނިކޮށް އިންތިހާބުވެއްޖެ ހާލަތެއްގައި ކުރިއަށްދާނެ ގޮތެއް ވެސް ހޯދަން ޖެހެ އެވެ. ޔާމީނުގެ ވަކީލުން އޭގައި ދައްކައިދޭ ފަރުވާއަކީ ނައިބު ރައީސެވެ. އެއީ ރައީސްގެ މަގާމު ހުސްވެއްޖެނަމަ އެ މަގާމާ ހަވާލުވާނީ ނައިބު ރައީސެވެ. އަދި ރައީސަށް މަސްއޫލިއްޔަތުތައް އުފުލަން ދަތިވެއްޖެ ހާލަތެއްގަައި ވެސް، ނައިބު ރައީސަށް މަސްއޫލިއްޔަތުތައް ހަވާލު ކުރެވޭނެ ކަމަށެވެ.
"ޖަލު ހުކުމް ނިހާއީ ވުމުގެ ކުރިން ވެސް ޖަލު ހުކުމް ބާތިލުނުވެ ހައި ކޯޓުގެ މަރުހަލާއިން ގޮސްފި ނަމަވެސް، ރައީސުލްޖުމްހޫރިއްޔާގެ ނައިބަށް ރައީސުލްޖުމްހޫރިއްޔާގެ މަސްއޫލިއްޔަތުތައް އުފުލޭނެ،" ޔާމީނުގެ ވަކީލު ހަމްޒާއަށް އޭގެ ފަރުވާއަށް ފެނިވަޑައިގަންނަވާ ގޮތް ވިދާޅުވި އެވެ.
ނަމަވެސް އީސީގެ ވަކީލު މަހުފޫޒު ޝަރީއަތުގައި ވިދާޅުވި ގޮތުގައި ނައިބު ރައީސް ފަރުވާއެއް ގޮތަށް ދައްކަވާ ނުކުތާއަކީ އަދި މުޅީން ހައްލެއް ނޫނެވެ. ގާނޫނު އަސާސީގައި ބަޔާން ކުރާ ޝަރުތަކީ ނިހާއީ ހުކުމެއް ކަމަށް ބަލައިފިނަމަ، ކެންޑިޑޭޓުގެ ރަނިން މޭޓަށް ވެސް ހިނގަން ވާނީ އެ އުސޫލެވެ. އެހެންވެއްޖެނަމަ ރައީސާއި ނައިބު ރައީސް އެއް ފަހަރާ ވެސް އެ ހާލަތަކަށް ގޮސްދާނެ ކަމަށެވެ.
"ކެންޑިޑޭޓު އަދި ރަނިން މޭޓަށް ވެސް އޮވެދާނެ ނިހާއީ ނުވެ އޮތް ދަށު ކޯޓު މަރުހަލާގައިވާ ހުކުމެއް، ކެންޑިޑޭޓު އަދި ރަނިން މޭޓު ވެސް އިންތިހާބުވީ، އިންތިހާބުވާ ފަހުން ކެންޑިޑޭޓު އަދި ރަނިން މޭޓަށް އޮތް ހުކުމް ވެސް ނިހާއީވީ، އޭރަށް ދައުލަތް ދާނީ ގާނޫނީ ހުސް ކަމަކަށް،" މަހުފޫޒު ވިދާޅުވި އެވެ.
ޖަލު ހުކުމެއްގައި ހުރި މީހަކަށް އިންތިހާބީ ހައްގު ފޯރުކޮށްދޭނަމަ، އެ ހުރިހާ ހާލަތެއްގައި ގާނޫނީ ފަރުވާއެއް ދެވޭނެ އިޖުރާއަތްތަކެއް އެބަ ބޭނުންވެ އެވެ. އެ ކަމަށް މުއިއްޒާއި ދިޔާނާ ވެސް އެއްބަސްވެ އެވެ.
"ރައީސުލްޖުމްހޫރިއްޔާއަށް އެބަ ލިބިދޭ، އިސްތިއުނާފު ކުރުމުގެ އިތުރު ފުރުސަތެއް ނެތް މީހުނަށް މައާފު ދިނުމުގެ ބާރު ވެސް، ރައީސުލްޖުމްހޫރިއްޔާއަށް އެ ހާލަތު އައިސްފިއްޔާ އެބަ މަގާމު ގެއްލޭ، ވިސްނާލަން ޖެހޭ ވަރަށް ގިނަ ސިނޭރިއޯސް އެބަވޭ،" ދިޔާނާ ވިދާޅުވި އެވެ.
ޖަލު ހުކުމް ތަންފީޒުކުރާ މީހުނަށް ވޯޓު ދިނުމުގެ ހައްގު ކަށަވަރުވީ ވެސް ކޯޓު މެދުވެރިކޮށް ކުރެވުނު މަސައްކަތްތަކަށް ފަހުގަ އެވެ. ޖަލު ހުކުމެއްގައި ހުންނަ މީހަކަށް އިންތިހާބަށް ކުރިމަތިލުމުގެ ހައްގު އޮންނަން ޖެހޭތޯ ނުވަތަ ނުޖެހޭތޯ މިއީ ކުރަން ޖެހޭ ބަހުސަކަށް ވެއްޖެ އެވެ.












