މިއަހަރުގެ ދެވަނަ ފިޔަވަހީގައި ބީއެމްއެލް ކޮމިއުނިޓީ ފަންޑަށް ޕްރޮޕޯސަލް ހުށަހެޅުމުގެ މުއްދަތު އޮގަސްޓް 10 ގެ ނިޔަލަށް ހަމަވާނެ ކަމަށް އެ ކުންފުނިން ބުނެފި އެވެ.
ރާއްޖޭގައި ރަޖިސްޓްރީ ކޮށްފައިވާ ޖަމިއްޔާތަކަށް ބީއެމްއެލްގެ ކޮމިއުނިޓީ ފަންޑަށް އެދި ހުށަހެޅޭނެ އެވެ.
ތިމާވެއްޓާ ގުޅުންހުރި ޕްރޮޖެކްޓް ތަކަށާއި، ތައުލީމާއި، ކުޅިވަރު ހަރަކާތްތަކުގެ އިތުރުން މުޖުތަމައުގެ ލާބަޔާއި މަންފާއަށް ހިންގާ ޕްރޮޖެކްޓު ތަކުގެ ތެރެއިން ހޮވޭ ކޮންމެ ޕްރޮޕޯސަލަކަށް 50،000ރ. އާ ހަމަޔަށް އެހީ ދިނުމަށް ބީއެމްއެލްއިން ވަނީ ނިންމާފަ އެވެ.
ބީއެމްއެލް އިން ބުނީ އެހެން އަހަރުތަކޭ އެއް ގޮތަށް މިއަހަރުވެސް ޖުމްލަ 20 ޕްރޮޖެކްޓެއް ހިންގުމަށް އެ ފަންޑުން މާލީ އެހީ ދޭނެ ކަމަށެވެ. މި ފިޔަވަހީގައި އެހީދޭނީ ޕްރޮޕޯސަލްތަކުގެ ތެރެއިން އެންމެ ރަނގަޅު 10 ހުށަހެޅުމަށެވެ.
ބީއެމްއެލްގެ ކޮމިއުނިޓީ ފަންޑަކީ ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމިއްޔާތަކުން ރަށްރަށުގައި ހިންގާ ޕްރޮޖެކްޓްތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް އެކުލަވާލާފައިވާ ފަންޑެކެވެ. އެ ފަންޑުގެ ދަށުން މިހައިތަނަށް 90 ޕްރޮޖެކްޓަކަށް ފައިސާގެ އެހީ ދީފައި ވެ އެވެ.
ކޮމިއުނިޓީ ފަންޑާ ގުޅޭ އިތުރު މައުލޫމާތު ބީއެމްއެލްގެ ވެބްސައިޓުން ލިބެން ހުންނާނެ އެވެ. އަދި އީމެއިލް މެދުވެރިކޮށް ޕްރޮޕޯސަލް ހުށަހެޅޭނެ އެވެ.











