މިހާރު ކުރިއަށްދާ ކްލަބް މޯލްޑިވްސް ކަޕްގެ ގަދަ 16 ބުރުގައި ރޭ ޔުނައިޓެޑް ބީއެމްއެލް އިން 1-0 އިން އެންމެ ފަހުގެ ރަނަރަޕް، އެމްޕީއެލް ކަޓުވާލިއިރު، ސްޓެލްކޯ ކްލަބް، އާބަންކޯ އަދި ވެމްކޯ އިން ކުއާޓާ ފައިނަލުގެ ޖާގަ ކަށަވަރުކޮށްފި އެވެ.
ތިން ފަހަރު ތަށި ހޯދާފައިވާ އެމްޕީއެލް އިން ދެ ވަނަ ބުރަށް ދަތުރުކުރީ މެޗަކުން ބަލިނުވެ، ގްރޫޕް ސްޓޭޖުގެ ތިން މެޗުން ވެސް މޮޅުވެގެންނެވެ. އެކަމަކު، ބީއެމްއެލްއާ ކުޅެ، އެމްޕީއެލް އަށް ގޯލެއް ނުޖެހުނެވެ. ބީއެމްއެލް މި މެޗުން މޮޅުކޮށްދިން ގޯލު ޖެހީ، މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނު އިޝާން އިބްރާހިމް (ސައްޓު) އެވެ.

ވެމްކޯ ޓީމުގެ ކެޕްޓަން ޝިޔާހު ބޯޅަ ހިފައިގެންދަނީ.--- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު
ކަސްޓަމްސް ރެކްރިއޭޝަން ކްލަބް އަތުން ސްޓެލްކޯ އިން 6-0 އިިން މޮޅުވިއިރު، ލަނޑުތައް ޖެހީ އިބްރާހިމް ރިމާހު (ރިމޭ) ދެ ގޯލާއި އަލީ މާއިޝް (މައްޓު)، ޖުމައިލް ޖަމީލް، މުހައްމަދު ޝިރުހާން އަދި ހާރޫން އިބްރާހިމް އެވެ.
ވެމްކޯ އިން ވަނީ 6-0 އިން ކްރޮސްރޯޑްސް މޯލްޑިވްސް ބަލިކޮށްފަ އެވެ. އެ ގޮތުން، ވެމްކޯގެ ލަނޑުތައް ޖެހީ އަލީ ޝިޔާހު (ޝިޔަޅޭ) ހެޓްރިކެއްގެ އިތުރުން، އިސްމާއިލް ވަޖީހު (ވައްޖެ)، މުސައްނިފު މުހައްމަދު އަދި އަބްދުﷲ ޖުނައިދު (ޖެންނޭ) އެވެ.
ކްލަބް އާބަންކޯ އިން ވަނީ 5-0 އިން ޕްރިޒަން ކްލަބް ބަލިކޮށްފަ އެވެ. އާބަންކޯ އަށް މި މެޗުގައި ލަނޑުތައް ޖަހައިދިނީ އަބްދުﷲ ޝާފިއު (ޝާއްޕެ) ދެ ގޯލާއި ޔާމިން މުހައްމަދު (ޔާންޓެ)، އަބްދުﷲ ޝައްފާން (ޝާކާ) އަދި ސާމިން މުހައްމަދު ނަސީރު އެވެ.

އާބަންކޯ ޓީމުގެ ޝާކާ ގޯލު ޖެހުމަށް ފަހު އުފާފާޅުކުރަނީ.--- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު
ކްލަބް މޯލްޑިވްސް ކަޕްގެ ގަދަ 16 ބުރުގެ އަނެއް ހަތަރު މެޗު މިއަދު ކުޅޭނެ އެވެ. އެ ގޮތުން، 20:15 ގައި ކުޅޭ ދެ މެޗަށް ބަލާއިރު، ރޯޑް ރެކްރިއޭޝަން ކްލަބް ނުކުޅޭނީ އެމްއޭސީއެލްއާ އެވެ. އަދި ހަމަ އެ ވަގުތު، އެސްޓީއޯ އާއި މޯލްޑިވިއަން ބައްދަލުކުރާ މެޗު އޮންނާނެ އެވެ.
މިރޭ ކުޅޭ ފަހު މެޗުތަކަށް ބަލާއިރު، 21:45 ގައި ފަށާނީ ކްލަބް ފެން އާއި ޓީމު އެފްއެސްއެމް ބައްދަލުކުރާ މެޗާއި އެންމެ ފަހުގެ ޗެމްޕިއަން، ޓީމު ފެނަކަ އާއި ގޭސް ކްލަބްގެ ކުރިމަތިލުމެވެ.












