މިހާރު ކުރިއަށްދާ ކްލަބް މޯލްޑިވްސްގެ އަންހެން ބޮޑު މުބާރާތް، އެއިޓީން ތާޓީ ފުޓްސަލް ފިއެސްޓާގައި އިއްޔެ ފަދުވާ ޒާހިރުގެ މޮޅު ކުޅުމާ އެކު، ޕޮލިސް ކްލަބުން 3-2 އިން އެންމެ ފަހުގެ ޗެމްޕިއަން، ދިވެހި ސިފައިންގެ ކްލަބް ބަލިކޮށްފި އެވެ.
އެމްޕީއެލް މުބާރާތާ ވަކިވުމުން، އެއިޓީން ތާޓީ ފުޓްސަލް ފިއެސްޓާ މުބާރާތް ކުރިއަށްދަނީ ތިން ޓީމުގެ މެދުގައި ލީގު ބުރެއް ކުޅުމަށް ފަހު، އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމެއް ފައިނަލަށް ދަތުރުކުރާ ގޮތަށެވެ.
އެ ގޮތުން، ޕޮލިހުން ވަނީ ކުޅުނު ދެ މެޗުން މޮޅުވެ، ހަ ޕޮއިންޓް ހޯދައިފަ އެވެ. ދެ ވަނައިގައި އޮތް ޓީމު ފެނަކަ އަށް ތިން ޕޮއިންޓް ލިބިފައިވާއިރު، ސިފައިންނަށް އަދި ޕޮއިންޓެއް ނުލިބެ އެވެ.
ސިފައިންގެ ޓީމުން އިއްޔެ ކުޅުން ފަށައިގެން ރަނގަޅަށް ކުޅެ، ލީޑުނެގި އެވެ. މި ލަނޑު ޖެހީ އޭރިއާތެރެއިން ލިބުނު ފުރުސަތަކުން، އައިމިނަތު ޒާހިޔާ އެވެ. ޕޮލިހަށް ފުރަތަމަ ހާފުގައި ނަތީޖާ ހަމަހަމަކޮށްދިނީ ހާފުގެ މެދެއްހާ ހިސާބުން ބޯޅަ ހިފައިގެން ގޮސް، ފަދުވާ ޖެހި ގޯލުންނެވެ. ދެ ވަނަ ހާފުގައި ކުޅުން ފަށައިގެން، ބަދަލަކަށް ކުޅެން އެރި، އައިމިނަތު އަޒީމާ ވަނީ އޭރިއާތެރެއިން ލިބުނު ފުރުސަތެއްގައި ގޯލު ޖަހައި، ސިފައިންނަށް ލީޑުނަގައިދީފަ އެވެ.
ޕޮލިހަށް ނަތީޖާ ހަމަހަމަކޮށްދިނީ މި ފަހަރު ވެސް ފަދުވާ އެވެ. އަރިމަތިން ލިބުނު ބޯޅައެއްގައި ފަދުވާ އޭރިއާ ބޭރުން ޖެހި ޝޮޓް ގޯލުގެ މަތީ ކަނަށް އަމާޒުވީ ސިފައިންގެ ކުޅުންތެރިއަކު ގައިގައި ޖެހިފަ އެވެ. މެޗުގެ ފަހު ވަގުތު، ފަދުވާ ޑިފެންސަށް ފައިބައިގެން ކުޅުނުއިރު، ޕޮލިހުން ގޯލު ޖެހީ ކައުންޓަ އެޓޭކުގަ އެވެ. އެ ގޮތުން، އެ ޓީމުގެ ރާނިޔާ އިބްރާހިމް ދިން ބޯޅައަކުން މި ގޯލު ޖެހީ ރިޝްމާ އަބްދުﷲ އެވެ.
އެއިޓީން ތާޓީ ފުޓްސަލް ފިއެސްޓާގައި ދެން އެންމެ އަވަހަށް މެޗެއް ކުޅޭނީ އަންނަ އާދިއްތަ ދުވަހު ހަވީރު އެވެ. ބައްދަލުކުރާނީ ފެނަަކަ އާއި ޕޮލިހެވެ.












