ކްލަބް މޯލްޑިވްސް ކްލަސިކް މުބާރާތުގެ ގްރޫޕް ސްޓޭޖުގެ ފަހު މެޗުތައް ކާމިޔާބުކޮށް، ޓީމު ހާރިޖީ އާއި އެމްއެމްއޭ ސޯޝަލް ކްލަބް، ގްރޫޕްގެ އެއް ވަނަ ޓީމުގެ ގޮތުގައި ގަދަ 16 ބުރަށް ދަތުރުކޮށްފި އެވެ.
އެ ގޮތުން، ގްރޫޕް އީގައި ޓީމު ހާރިޖީން ވަނީ ހަޔާ އެޑިއުކޭޝަން އަތުން 5-1 އިން މޮޅުވެފަ އެވެ. އެ ގްރޫޕްގެ އަނެއް މެޗުން އޮޑިޓާ ޖެނެރަލް އޮފީހުން ވަނީ 1-0 އިން ހެލްތު ރެކްރިއޭޝަން ކްލަބް ބަލިކޮށްފަ އެވެ. އެ ގްރޫޕްގެ ތާވަލަށް ބަލާއިރު، އެއް ވަނަ ދިޔަ ހާރިޖީ އާއި ދެ ވަނަ ހޯދި އޮޑިޓާ ޖެނެރަލް އޮފީހަށް ވެސް ލިބުނީ ހަތް ޕޮއިންޓެވެ. އަދި ތިން ވަނަ އަށް ދިޔަ ހެލްތު ރެކްރިއޭޝަން ކްލަބާއި ހަތަރެއްގައި ނިންމި ހަޔާ އެޑިއުކޭޝަންގެ އޮތީ އެއް ޕޮއިންޓެވެ.
އެމްއެމްއޭ އިން ގްރޫޕް އެފްގެ އެއް ވަނަ ހޯދީ ރޭ ފޯރިގަދަ މެޗަކަށް ފަހު މީރާ ރެކްރިއޭޝަން ކްލަބް އަތުން 4-3 އިން މޮޅުވެގެންނެވެ. އެމްއެމްއޭ އަށް ނުވަ ޕޮއިންޓް ލިބުނުއިރު، މީރާ، ދެ ވަނަ އަށް ދިޔައީ ހަ ޕޮއިންޓާ އެކު އެވެ. ތިން ވަނަ ހޯދީ ފެހި ފަހި ކްލަބް އަތުން 2-0 އިން މޮޅުވި އުމްރާނީ ކްލަބް އެވެ. އެ ޓީމަށް ތިން ޕޮއިންޓް ލިބިގެންދިޔައިރު، ފެހި ފަހި ކްލަބް ކެޓީ ޕޮއިންޓެއް ނުލިބި އެވެ.
ހާރިޖީ ޓީމަށް ރޭގެ މެޗުގައި ގޯލު ޖަހައިދިނީ ފަތުހުﷲ ނަސީރު އާއި އަލީ ޒާހިރު ކޮންމެ ކުޅުންތެރިއަކު ދެ ގޯލުގެ އިތުރުން ހުސެއިން ސިނާހު އެވެ. ހަޔާ އެޑިއުކޭޝަން ޓީމުގެ ލަނޑު ޖެހީ އިބްރާހިމް އާތިފް އެވެ. އޮޑިޓާ ޖެނެރަލް އޮފީހަށް ރޭގެ މެޗުގެ ހަމައެކަނި ލަނޑު ޖަހައިދިނީ އިބްރާހިމް ސިރާޖު އެވެ.
އެމްއެމްއޭ ޓީމަށް ރޭގެ މެޗުގައި ލަނޑު ޖަހައިދިނީ މުހައްމަދު އައްފާން ދެ ގޯލާއި މުހައްމަދު ވަހީދު އަދި އަހުމަދު ފާރިޝް ގޯލެކެވެ. މީރާ ޓީމުގެ ލަނޑުތައް ޖެހީ، އިމްހާން އިބްރާހިމް އާއި ނާހިލް ނައީމް އެވެ. އުމްރާނީ ކްލަބްގެ ލަނޑުތައް ޖެހީ އަބްދުލް މަތީން އިބްރާހިމް އާއި އައްމާރު ބިން މުހައްމަދު މުސްތަފާ އެވެ.
ކްލަބް މޯލްޑިވްސް ކްލަސިކްގެ ގަދަ 16 ބުރުގެ ކުޅުން ފަށާނީ އަންނަ އާދިއްތަ ދުވަހު އެވެ.
ގަދަ 16 ބުރުގެ މެޗުތައް:
ޓީމު ޑީޖޭއޭ - ޓްރޭޑް ކްލަބް
އެމްއެމްއޭ - ޓީމު ބަދަހި
އޭސީސީ ރެކްރިއޭޝަން ކްލަބް - އެޗްޕީއެސްއެން
އޮޑިޓާ ޖެނެރަލް އޮފީސް - ޓްރާންސްޕޯޓް ރެކްރިއޭޝަން ކްލަބް
ކްލަބް 220 - އުމްރާނީ ކްލަބް
ޓީމު ޕެމާ - ހޯމް އެފެއާޒް ރެކްރިއޭޝަން ކްލަބް
ހާރިޖީ - ހުޅުމާލެ ހޮސްޕިޓަލް
މީރާ ކްލަބް - ރައީސް އޮފީސް












