ކްލަބް މޯލްޑިވްސް ކްލަސިކް މުބާރާތުގެ ފުރަތަމަ ދެ ގްރޫޕްގެ އެއް ވަނަ ޓީމުގެ ގޮތުގައި ޓީމު ޕެމާ އާއި އެޗްޕީއެސްއެން (ހޯމް ފޯ ޕީޕަލް ވިތު ސްޕެޝަލް ނީޑްސް) ގަދަ 16 ބުރުން ފުުރުސަތު ހޯދައިފި އެވެ.
ކްލަސިކް މުބާރާތުގެ ގްރޫޕް އޭގެ ފަހު ދެ މެޗުގައި ރޭ ޓްރޭޑް ކްލަބާއި ޓީމު ޕެމާގެ މެޗު ނިމުނީ 3-3 އިން އެއްވަރުވެގެންނެވެ. އެ ގްރޫޕްގެ އަނެއް މެޗުގައި ޔޫތު މިނިސްޓްރީ އާއި އޭސީސީ ރެކްރިއޭޝަން ކްލަބްގެ މެޗު ވެސް ވީ 2-2 އިން އެއްވަރެވެ. ޕެމާ މި ގްރޫޕްގެ އެއް ވަނަ ހޯދީ ހަތް ޕޮއިންޓާ އެކު އެވެ. ދެ ވަނަ އަށް ދިޔަ އޭސީސީ އަށް ހަތަރު ޕޮއިންޓް ލިބުނުއިރު، ތިން ވަނައިގައި އޮތް ޓްރޭޑް ކްލަބާއި ހަތަރު ވަނަ ހޯދި ޔޫތު މިނިސްޓްރީ އަށް ލިބުނީ ދެ ޕޮއިންޓެވެ.
ޕެމާ ޓީމުގެ އައިމަން ތައުފީގު ދެ ގޯލު ޖެހިއިރު، އަނެއް ލަނޑު ޖެހީ ހަސަން އަދުހަމް އެވެ. ޓްރޭޑް ޓީމުގެ ގޯލުތައް ޖެހީ އިސްމާއިލް މާއިޒް މުހައްމަދު، ހުސެއިން ފައުޒާން އަދި ހިސާން މުހައްމަދު އެވެ. ޔޫތު މިނިސްޓްރީން ރޭ ގޯލުތައް ޖެހީ މުހައްމަދު ރަޝްވާން އާއި ނާހިލް އަހުމަދު ސިއްދީގު އެވެ. އޭސީސީ ޓީމުގެ ލަނޑުތައް ޖެހީ އަހުމަދު އަޒުބާން އަބްދުލް އަޒީޒް އެވެ.
ގްރޫޕް ބީ އަށް ބަލާއިރު، އެޗްޕީއެސްއެން އިން ވަނީ 5-1 އިން ޕީއެސްއެމް ބަލިކޮށް ހަތް ޕޮއިންޓާ އެކު ގްރޫޕްގެ އެއް ވަނަ ހޯދައިފަ އެވެ. ހޯމްއެފެއާޒްއާ 3-3 އިން އެއްވަރުކޮށް، ހުޅުމާލެ ހޮސްޕިޓަލް ވަނީ ފަސް ޕޮއިންޓް ހޯދައި، ގްރޫޕްގެ ދެ ވަނައިގެ ގޮތުގައި އަނެއް ބުރުގެ ޖާގަ ޔަގީންކޮށްފަ އެެވެ. މި ގްރޫޕްގެ ތިން ވަނަ ހޯދި ހޯމްއެފެއާޒް ޓީމަށް ހަތަރު ޕޮއިންޓް ލިބުނުއިރު، އެންމެ ރަނގަޅު ނަތީޖާ ނެރެގެން އަނެއް ބުރަށް ހޮވޭ ޖާގައެއް އެ ޓީމަށް ލިބުމުގެ ފުރުސަތު އެބައޮތެވެ. މި ގްރޫޕްގެ ފުލަށް ދިޔަ ޕީއެސްއެމް އަށް ޕޮއިންޓެއް ވެސް ނުލިބެ އެވެ.
އެޗްޕީއެސްއެންގެ އިޝާން އަބްދުﷲ ވަނީ ޕީއެސްއެމް ކޮޅަށް ހެޓްރިކެއް ހަދައިފަ އެވެ. އެޗްޕީއެސްއެން ޓީމުގެ އަނެއް ދެ ލަނޑު ޖެހީ ޓީމުގެ ކެޕްޓަން، މުހައްމަދު ޝަހީމް އާއި އަހުމަދު ވަދީއު އެވެ. ޕީއެސްއެމްގެ ހަމައެކަނި ލަނޑު ޖެހީ ހުސެއިން އަމީން ނަސީރު އެވެ. ހޯމްއެފެއާޒަށް ރޭގެ މެޗުގައި ލަނޑުތައް ޖަހައިދިނީ ޔައިޝް މުސްތަފާ ދެ ގޯލާއި ރަފްހާން އިބްރާހިމް ގޯލެކެވެ. ހުޅުމާލެ ހޮސްޕިޓަލް ޓީމުގެ ލަނޑުތައް ޖެހީ އަހުމަދު އިލްޔާސް ޝިނާން ދެ ގޯލާއި މޫސާ ކަލީމް ގާސިމް އެވެ.
ކްލަބް މޯލްޑިވްސްގައި މިރޭ ވެސް ކުޅޭނީ ކްލަސިކްގެ ދެ ގްރޫޕެއްގެ ފަހު މެޗުތަކެވެ. އެ ގޮތުން، 20:15 ގައި ފަށާނީ ޓީމު ޑީޖީއޭ އާއި އައިޖީއެމްއެޗް ކްލަބް ބައްދަލުކުރާ މެޗާއި ޓްރާންސްޕޯޓް ރެކްރިއޭޝަން ކްލަބާއި ތައުލީމީ ގުޅުން ބައްދަލުކުރާ މެޗެވެ. އޭގެ ފަހުން، 21:45 ގައި ކުޅޭނީ ރައީސް އޮފީހާއި މެޓް އޮފީސްގެ މެޗާއި ޓީމު ބަދަހި އާއި ކްލަބް 220 ބައްދަލުކުރާ މެޗެވެ.












