ބޭންކް އޮފް މޯލްޑިވްސް އިން އަލަށް ގެދޮރު ގަންނަ ފަރާތްތަކަށް ހޯމް ޕާޗޭސް ލޯން އަދި ހޯމް ޕާޗޭސް ފައިނޭންސިން އަށް އަނބުރާ ފައިސާ ދެއްކުމުގެ މުއްދަތު 25 އަހަރަށް އިތުރުކޮށްފި އެވެ.
ބީއެމްއެލް ގެ ހޯމް ޕާޗޭސް ލޯނާއި ބީއެމްއެލް އިސްލާމިކް ހޯމް ޕާޗޭސް ފައިނޭންސިން ދޫކުރަނީ 20 ޕަސެންޓް އިކުއިޓީ އާއެކު 9 ޕަސެންޓް އިންޓްރެސް ރޭޓުގައެވެ. މިހާރު ގެދޮރު ގަނެފައިވާ ފަރާތްތަކަށް އިތުރު ޕްރޮޕަޓީއެއް ގަތުމަށްވެސް މި ހިދުމަތް ބޭނުންކުރެވޭނެ އެވެ.
"2021 ވަނަ އަހަރު އަޅުގަނޑުމެންގެ ހޯމް ލޯން އަދި ފައިނޭންސިން ރޭޓް 9 ޕަސެންޓް އަށް ދަށްކުރިން. މިއީ ރާއްޖޭގައި ހޯމް ލޯން ދޫކުރާ އެންމެ ކުޑަ ރޭޓް. މިއަދު މި ގެނެވުނު ބަދަލާއެކު ލޯނު އަނބުރާ ދެއްކުމަށް 25 އަހަރު ލިބޭނެ އަދި 24 މަހަށް ގްރޭސް ޕީރިއަޑް އިތުރުވުމުން ގެދޮރު ގަންނަ ފަރާތްތަތަކަށް ފައިދާކުރާނެ،" މި ލޯނުތަކާއި ގުޅޭ ގޮތުން ބޭންކުގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ކާލް ސްޓުމްކަ ވިދާޅުވި އެވެ.
މި މަހުން ފެށިގެން ލިބޭ ލޯން އެޕްލިކޭޝަންތަކަށް އަލަށް މިކަނޑައެޅުނު ބަދަލުތަކަށް އަމަލުކުރަމުންދާނެ ކަމަށް ބީއެމްއެލް އިން ބުނެ އެވެ.
ބީއެމްއެލް ހޯމް ޕަރޗޭސް ލޯނާއި ގުޅޭ އިތުރު މައުލޫމާތު އެ ކުންފުނީގެ ވެބްސައިޓުން ލިބެން ހުންނާނެ އެވެ.











