ލިވަޕޫލް (އޮގަސްޓް 1) - ލިވަޕޫލަށް ކުޅެމުން އަންނަ ބްރެޒިލްގެ މިޑްފީލްޑަރު، ފަބީނިއޯ، 51 މިލިއަން ޑޮލަރުގެ ޑީލެއްގެ ދަށުން ސައުދީ ޕްރޮފެޝަނަލް (ޕްރޯ) ލީގުގެ އަލް-އިއްތިހާދަށް ސޮއިކޮށްފި އެވެ.
ފަބީނިއޯ، 29، އަކީ ލިވަޕޫލް ދޫކޮށް ސައުދީ ލީގަށް ދިޔަ ތިން ވަނަ ކުޅުންތެރިޔާ އެވެ. މީގެ ކުރިން، ލިވަޕޫލްގެ ރޮބާޓޯ ފިރްމީނޯ އާއި ޖޯޑަން ހެންޑަސަން ވެސް ވަނީ ސައުދީ ލީގުގެ ކްލަބްތަކަށް ބަދަލުވެފަ އެވެ.
އަލް-އިއްތިހާދުން ފަބީނިއޯގެ ސޮއި ހޯދީ ތިން އަހަރުގެ ކޮންޓްރެކްޓެއްގަ އެވެ. މި ފަހަރުގެ ޓްރާންސްފާގައި އަލް-އިއްތިހާދުން ވަނީ މީގެ ކުރިން ރެއާލް މެޑްރިޑްގެ ކަރިމް ބެންޒެމާ އާއި ޗެލްސީގެ އެންގޯލޯ ކާންޓޭގެ ސޮއި ވެސް ހޯދައިފަ އެވެ.
މޮނާކޯ ދޫކޮށް 2018 ވަނަ އަހަރު ލިވަޕޫލަށް ބަދަލުވި ފަބީނިއޯގެ ސޮއި ހޯދަން އެ ޓީމުން 43 މިލިއަން ޑޮލަރު ހޭދަކުރި އެވެ. ފަބީނިއޯ ވަނީ ލިވަޕޫލަށް ކުޅެދިން ފަސް އަހަރު ތެރޭ އެ ޓީމަށް ޖުމްލަ އެކު، 219 މެޗު ކުޅެދީފަ އެވެ. އަދި އެ ޓީމާ އެކު، ޗެމްޕިއަންސް ލީގާއި ޕްރިމިއާ ލީގާއި ކްލަބް ވޯލްޑް ކަޕް، ލީގު ކަޕް އަދި އެފްއޭ ކަޕް ކާމިޔާބުކުރި އެވެ.











