މިހާރު ކުރިއަށްދާ ކްލަބް މޯލްޑިވްސް ކަޕްގެ ގަދަ 16 ބުރުގައި މުބާރާތުގެ ކާމިޔާބު ދެ ޓީމު ކަމަށްވާ މޯލްޑިވްސް ޕޯޓްސް ލިިމިޓެޑް (އެމްޕީއެލް) އާއި ޔުނައިޓެޑް ބީއެމްއެލް ބައްދަލުކުރަން ޖެހިއްޖެ އެވެ.
މުބާރާތުގެ ޗެމްޕިއަންކަން ތިން ފަހަރެއްގެ މަތިން ހޯދާފައިވާ އެމްޕީއެލް އަކީ ގްރޫޕް އެއް ވަނަ ހޯދި ޓީމެކެވެ. އަދި ދެ ފަހަރު ޗެމްޕިއަންކަން ހޯދި ބީއެމްއެލް ދިޔައީ އެ ޓީމު ވާދަކުރި ގްރޫޕްގެ ދެ ވަނަ އެވެ. މި ދެ ޓީމުގެ ކުރިމަތިލުން ވެގެންދާނީ މި ފަހަރުގެ ކްލަބް މޯލްޑިވްސް ކަޕްގެ ގަދަ 16 ބުރުގެ އެންމެ ވަރުގަދަ މެޗަށެވެ.

ހެންވޭރު ބޯޅަ ގޭގައި ރޭ ކުރިއަށްދިޔަ، ކްލަބް މޯލްޑިވްސް ކަޕްގެ ގަދަ 16 ބުރުގެ އެހެން މެޗުތަކަށް ބަލާއިރު، އެންމެ ފަހުގެ ޗެމްޕިއަން، ޓީމު ފެނަކަ އިން ދެ ވަނަ ބުރުގައި ބައްދަލުކުރާނީ މުޅިން އަަލަށް ގަދަ 16 ބުރުގައި ފެނިގެންދާ ގޭސް ކްލަބާ ދެކޮޅަށެވެ.
މުބާރާތަށް އެންމެ ރަނގަޅަށް ތައްޔާރުވި އެއް ޓީމު ކަމަށްވާ ކްލަބް އާބަންކޯ އިން ނޮކައުޓް ބުރުގެ ފުރަތަމަ މެޗުގައި ކުޅޭނީ މީގެ އެއް މުބާރާތް ކުރިން ސެމީ ފައިނަލަށް ދިޔަ ޕްރިޒަން ކްލަބާ އެވެ. ކްރޮސްރޯޑް މޯލްޑިވްސް އިން ބައްދަލުކުރަން ޖެހޭނީ މީގެ ކުރިން ދެ ފަހަރު ފައިނަލް ކުޅެފައިވާ ކްލަބް ވެމްކޯއާ އެވެ.
ސްޓެލްކޯ ކްލަބުން ކަސްޓަމްސްއާ ކުޅެން ޖެހުނުއިރު، ކުރީގެ ޗެމްޕިއަނެއް ކަމަށްވާ ރޯޑް ރެކްރިއޭޝަން ކްލަބް (އާރްއާރްސީ) ކުޅެން ޖެހޭނީ ޓީމު އެމްއޭސީއެލްއާ އެވެ.
މުބާރާތުގެ އެންމެ ކާމިޔާބު ޓީމު، އެސްޓީއޯ ރެކްރިއޭޝަން ކްލަބް ގަދަ 16 ބުރުގައި ކުޅެން ޖެހެނީ އިސްމާއިލް އަނިލްގެ ކޯޗުކަމުގައި ކުޅޭ މޯލްޑިވިއަންއާ އެވެ. މީގެ ކުރިން ފައިނަލްގައި ކުޅެފައިވާ ޓީމު އެފްއެސްއެމް އިން ނޮކައުޓް ބުރު ފަށާ މެޗުގައި ކުޅެން ޖެހިފައިވަނީ ކްލަބް ފެންއާ އެވެ.
ކްލަބް މޯލްޑިވްސް ކަޕް ގަދަ 16 ބުރުގެ މެޗުތައް ފަށާނީ އަންނަ އާދިއްތަ ދުވަހު އެވެ.












