އާދީއްތަ ދުވަހު ޕާކިސްތާނުގައި މުޒާހަރާއެއްގެ ތެރޭގައި ބޮން ގޮއްވާލުމުގެ ޒިންމާ އިސްލާމިކް ސްޓޭޓް (އައިއެސް) ޓެރަރިސްޓް ގްރޫޕުން އުފުލައިފި އެވެ.
ހުޅަނގު އުތުރު ހައިބަރް ޕަހްތުންހްވާ ޕްރޮވިންސްގެ ދިން ބޮމުގެ ހަމަލާގައި 54 މީހުން މަރުވި އިރު، އޭގެ ތެރޭގައި ގިނަ އަދަދެއްގެ ކުޑަކުދިން ހިމެނެ އެވެ.
އައިއެސްގެ ޓެލެގްރާމް އެކައުންޓުން އާއްމުކުރި ބަޔާނެއްގައި ހަމަލާގެ ޒިންމާ އުފުލުމަށް ފަހު ބުނީ ބޮން ގޮއްވާލީ ޖެކެޓުގައި ގޮވާ ތަކެތި ހަރުކޮށްގެން ހުރި އެ ގްރޫޕުގެ މެމްބަރެއް ކަމަށެވެ.

ކައުންޓާ ޓެރަރިޒަމް ޑިޕާޓްމަންޓުގެ އިސް އޮފިޝަލެއް ކަމުގައުވާ ޝައުކަތު އައްބާސް އޭއެފްޕީއަށް ވިދާޅުވީ މަރުވި މީހުންގެ ތެރެއިން 23 މީހުންނަކީ 18 އަހަރުން ދަށުގެ ކުދިން ކަމަށެވެ.
އޭގެ އިތުރުން 130 މީހުންނަށް އަނިޔާވި އެވެ. ބޮން ގޮއްވާލީ ޖަމީއަތު އުލެމާ އިސްލާމް ފަޒްލް ޕާޓީގެ އެއްވުމަކަށް ގިނަ ބަޔަކު ޖަމާވެފައި އޮއްވަ އެވެ.










