މިހާރު ކުރިއަށްދާ ކްލަބް މޯލްޑިވްސް ކަޕް ފުޓްސަލް މުބާރާތުގެ ގްރޫޕް ސްޓޭޖުގެ ތިން މެޗުން ވެސް މޮޅުވެ، ރޯޑް ރެކްރިއޭޝަން ކްލަބް (އާރްއާރްސީ) ފުރިހަމަ ރެކޯޑެއް ހެދިއިރު، ގްރޫޕްގެ ފަހު މެޗުން މޮޅުވެ، އެންމެ ފަހުގެ ޗެމްޕިއަން ޓީމު ފެނަކަ އާއި ކަސްޓަމްސް ރެކްރިއޭޝަން ކްލަބް މުބާރާތުގެ ގަދަ 16 ބުރުގެ ފަހު ދެ ޖާގަ ހޯދައިފި އެވެ.
ގްރޫޕް ޖީގައި އިއްޔެ ހަވީރު ފެނަކަ އިން ވަނީ 3-0 އިން ކްރޮސްރޯޑްސް މޯލްޑިވްސް ބަލިކޮށްފަ އެވެ. އެ ގްރޫޕްގެ އަނެއް މެޗުން، މީޑިއާނެޓުން ވަނީ 1-0 އިން ކްލަބް އޭވިއޭޝަން ސެކިއުރިޓީގެ މައްޗަށް ކުރިހޯދައިފަ އެވެ. ގްރޫޕް އެޗްގައި އާރްއާރްސީން ވަނީ 8-0 އިން ޔޫރޯ މާކެޓިން ބަލިކޮށްފަ އެވެ. އެ ގްރޫޕް އަނެއް މެޗުން ކްލަބް ޓީއެމްއޭ އަތުން ކަސްޓަމްސް މޮޅުވީ 3-0 އިންނެވެ.
ފެނަކަ އިން ކްރޮސްރޯޑްސް ބަލިކުރި މެޗުގައި ގޯލުތައް ޖެހީ ނަޝާހު އަހުމަދު (ނައްޓު)، މުހައްމަދު އިޔާދު އަލީ އަދި ހާޒިމް ފައުޒީ އެވެ. އެ ގްރޫޕްގެ އަނެއް މެޗުން މީޑިއާނެޓުން، އޭވިއޭޝަން ސެކިއުރިޓީ ބަލިކުރި ގޯލު ޖެހީ މުހައްމަދު މާއިލް އަރީފް އެވެ.

ފެނަކަ ޓީމުގެ ހާޒިމް ގޯލު ޖެހުމަށް ފަހު އުފާފާޅުކުރަނީ.--- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު
ގްރޫޕް ޖީގެ އެއް ވަނަ ފެނަކަ އިން ހޯދީ ހަތް ޕޮއިންޓާ އެކު އެވެ. ދެ ވަނަ އަށް ދިޔަ ކްރޮސްރޯޑްސް އަށް ހަ ޕޮއިންޓް ލިބުނުއިރު، މީޑިއާނެޓް ތިން ވަނަ ހޯދީ ތިން ޕޮއިންޓާ އެކު އެވެ. އޭވިއޭޝަން ސެކިއުރިޓީ އަށް ލިބުނީ އެންމެ ޕޮއިންޓެކެވެ.
އާރްއާރްސީން ޔޫރޯ މާކެޓިން ކޮޅަށް ޖެހި ގޯލުތަކުގެ ތެރޭގައި، އެ ޓީމުގެ ތަރި އަލީ ހާފިޒް (އައްޔަ) އާއި އިބްރާހިމް ސިނާހު ވަނީ ދެ ގޯލު ޖަހައިފަ އެވެ. އަނެއް ގޯލުތައް ޖެހީ، ހުސެއިން ގައްސާން ލަބީބް، ސާއިން އަސްލަމް، ހިސާމް ސަލީމް އަދި ހާމިދު ހޮދާއި އެވެ. ކަސްޓަމްސް އިން ޓީއެމްއޭ ބަލިކުރި މެޗުގައި ލަނޑުތައް ޖެހީ އިބްރާހިމް ހާމިދު ދެ ގޯލާއި މައުފޫޒް އާދަމް އެވެ.

ޓީއެމްއޭ ކުޅުންތެރިއަކު ކައިރިން ކަސްޓަމްސް ޓީމުގެ ހާމިދު (ކ) ބޯޅަ ހިފައިގެންދަނީ.-- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު
އާރްއާރްސީން ގްރޫޕް އެޗް ނިންމާލީ ނުވަ ޕޮއިންޓާ އެކު އެވެ. ދެ ވަނަ އަށް ދިޔަ ކަސްޓަމްސް އަށް ހަ ޕޮއިންޓް ލިބުނުއިރު، ތިން ވަނަ ހޯދި ޓީއެމްއޭގެ އޮތީ ތިން ޕޮއިންޓެވެ. އަދި ފުލަށް ދިޔަ ޔޫރޯ މާކެޓިން އަށް ތިން މެޗުން ބަލިވުމުން ޕޮއިންޓެއް ނުލިބެ އެވެ.
ކްލަބް މޯލްޑިވްސް ކަޕްގެ ގަދަ 16 ޓީމު ވާދަކުރާ ބުރުގެ ގުރުއަތުލުން މިރޭ ކުރިއަށްދާނެ އެވެ. ގަދަ 16 ބުރުގައި ހިމެނޭ ޓީމުތަކަކީ ސްޓެލްކޯ، މޯލްޑިވިއަން، ވެމްކޯ، ޓީމު އެފްއެސްއެމް، އެމްޕީއެލް، ގޭސް ކްލަބް، އާބަންކޯ، އެމްއޭސީއެލް، އެސްޓީއޯ، ބީއެމްއެލް، ކްލަބް ފެން، ޕްރިޒަން ކްލަބް، ޓީމު ފެނަކަ، ކްރޮސްްރޯޑްސް މޯލްޑިވްސް، އާރްއާރްސީ އަދި ކަސްޓަމްސް ރެކްރިއޭޝަން ކްލަބް އެވެ.












