"އިލްމީ, ގާބިލު, ޒުވާން ވެރިކަމަކަށް ރާއްޖެ އެބަ ގޮވާ، އެ ކަން އަޅުގަނޑަށް ވިސްނިއްޖެ، ވެރިކަމަކީ ޒުވާންކަމުގެ ރޫހެއް، އެއީ ޒުވާންކަމާ އެކީގައި އަޅުގަނޑުމެނަށް ކޮށްދެވޭނޭ މަސައްކަތެއް،" ރިޔާސީ އިންތިހާބުގެ ފޯރި ގަދަވި ދަނޑިވަޅުގައި މިދިޔަ ހަފުތާގައި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ދޫކޮށްލެއްވީ މި ހިޔާލެވެ.
ވެރިކަމުގެ ޝައުގުވެރިކަމުގައި އިންތިހާއަށް ސިޔާސީ މަސައްކަތް ކުރައްވާފައިވާ ނަޝީދު, އެރޭގެ ޕޯޑިއަމަށް ވަޑައިގެންނެވިއިރު ހުންނެވީ މުޅިން ހިޔާލު ބަދަލުވެފަ އެވެ. ވެރިކަން ކުރަންވީ ޒުވާނުން ކަމަށް ވިދާޅުވެ, ދެއްކެވީ އުމުރުން ފަންސާހުން މައްޗަށްދިއުމުން ދެން ވެރިކަމަށް ކުފޫ ހަމަ ނުވާނެ ސަބަބުތަކުގެ ލިސްޓެކެވެ.
"ޓެކްސްގެ ނިޒާމާއި ދަތުރުފަތުރުގެ ނިޒާމާއި ފްލެޓް ދޮންބެއާ މިއެންމެ ކަންކަމަކީ ފަންސާހުން މައްޗަށް އަޅައިލީމާ ދެން އަލުން ވިސްނައިގެން ގެނެވޭން ހުރި ކަންކަމެއް ނޫން،" އުމުރުން އެންމެ 41 އަހަރުގައި ވެރިކަމަށް ވަޑައިގެން ހޯއްދެވި ބައެއް ކާމިޔާބީތަކުގެ އުސްއަލިތައް ފާހަގަކުރައްވައި އެމަނިކުފާނު ވިދާޅުވި އެވެ.
ނަޝީދުގެ ވާހަކަފުޅުން ސިފަވި އެއް ކަމަކީ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމަށް އަންނަ މީހެއްގެ އެންމެ މަތީ އުމުރު ކަނޑައެޅުމަކީ މުހިންމު ކަމެއްގެ ގޮތުގައި އެމަނިކުފާނު ދެކެވަޑައިގަންނަވާ ކަމެވެ. އެތައް އަހަރެއްގެ ސިޔާސީ ތަޖުރިބާއަށްފަހު ނަޝީދު އުފެއްދެވި އާ ޕާޓީގެ ރިޔާސީ ކެންޑިޑޭޓަކީ ވެސް، ރައްޔިތުންގެ މަޖިލިހުގެ މެންބަރެއްގެ ގޮތުގައި ހުންނެވި، އުމުރުން 44 އަހަރުގެ އިލްޔާސް ލަބީބެވެ.
އިލްޔާސް ފިޔަވައި ދެން ރިޔާސީ އިންތިހާބަށް ނުކުންނަވަން އިއުލާންކުރެއްވީ އިލްޔާސާ އަޅާ ބަލާއިރު، އުމުރުން ދޮށީ ބޭފުޅުންނެވެ.
ވެރިކަން ކުރާ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އުމުރުފުޅަކީ 61 އަހަރެވެ. ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އުމުރުފުޅަކީ 64 އަހަރެވެ. ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓު، ގާސިމް އިބްރާހިމްގެ އުމުރުފުޅަކީ 71 އަހަރެވެ.
ޒުވާން ވެރިންނާއެކު ރާއްޖޭގެ ތަޖުރިބާ
ފަހުގެ ތާރީހެއްގައި ވެރިކަމާ ހަވާލުވެވަޑައިގަތް އިރު އެންމެ ޒުވާން އުމުރެއްގައި ހުންނެވީ ނަޝީދެވެ. އެމަނިކުފާނު ފެނިގެން ދިޔައީ ރައްޔިތުންނާ ގުޅޭ ރައީސަކަށެވެ. ބޭސްފަރުވާއަށް ސަލާންޖެހުން ނިމުމަކަށް ގެނެސްދިން އާސަންދަ ސްކީމާއި, ބޯހިޔާވަހިކަމަށް ހައްލު ގެނެސްދިން ފްލެޓުތައް ފަދަ ރަނގަޅު ސިޔާސަތުތަކެއް ގެންގުޅުއްވި އެވެ.
މިހާރު ނަޝީދު ދެކެވަޑައިގަންނަވާ ގޮތުގައި އެ ސިޔާސަތުތައް ގެނެވުނީ, ޒުވާން އުމުރުގައި ވެރިކަމުގެ މަސްއޫލިއްޔަތުތަކާ ހަވާލުވެވަޑައިގެން އެކަން ކުރެއްވުމުންނެވެ. ނަމަވެސް, ނަޝީދުގެ ވެރިކަން ނިމިގެން ދިޔަ ގޮތަކީ އެމަނިކުފާނުގެ ވެރިކަމުގައި ގެނައި ރަނގަޅު ސިޔާސަތުތަކާ އެއް ނާޅިއަކުން ކިރާލަން ޖެހޭ ކަމެކެވެ.
ނަޝީދުގެ ވެރިކަން ނިމިގެން ދިޔަ ކަމަށް އެމަނިކުފާނު ވިދާޅުވާ "ބަޣާވާތަކީ" ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި ޅަ އުމުރުގައި ވެެރިކަމާ ހަވާލުވެވަޑައިގެންނެވި ނަޝީދު ހެއްދެވި ގޯސްތަކެއްގެ ނަތީޖާ އެވެ. ނަޝީދު ސިޔާސީ ގޮތުން ހެއްދެވި ކަމަށް އެމްޑީޕީ މެންބަރުން ގަބޫލުކުރާ ގޯސްތަކުގެ ލިސްޓެއް އެބަ އޮތެވެ.
- ވެރިކަމުގައި ބައިވެރިކުރުވި ވެރީންގެ ހިޔާލު އަޑު ނާހައި، ކޯލިޝަން ރޫޅިގެން ދާން ފުރުސަތު ދެއްވުން.
- ކޯޓު އަމުރެއް ނެތި، އޭރުގެ މެންބަރު އަދި ފަހުން ވެރިކަންކުރެއްވި އަބްދުﷲ ޔާމީން ހައްޔަރުކުރެއްވުން.
- ސިފައިން ބޭނުންކޮށްގެން ކްރިމިނަލް ކޯޓުގެ އޭރުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ހައްޔަރުކުރެއްވުން.
- ސުޕްރީމް ކޯޓުން އަމުރު ކުރުމުން ވެސް ޔާމީނާއި އަބްދުﷲ ގާޒީ ދޫކޮށްނުލުން.
- މުޅި ކެބިނެޓު އެއް ފަހަރާ އިސްތިއުފާ ދޭން ޖެއްސުން.
- އިދިކޮޅު ސިޔާސީ ފަރާތްތަކުން ކުރާ މުޒާހަރާއަށް ރައްދު ދެއްވުމަށް އެމްޑީޕީގެ މެންބަރުން ނެރުއްވައިގެން މުޒާހަރާ ކުރުވުން.
އެއް ބަޔަކު ގަބޫލު ކުރާ ގޮތުގައި ނަޝީދުގެ ވެރިކަން ނިމިގެން ދިޔައީ, އެމަނިކުފާނަށް އެ ކަމުގައި އެކަށީގެންވާ މިންވަރަށް ތަޖުރިބާ ލިބިފައި ނެތުމުންނެވެ.
"[ރައީސް ނަޝީދުގެ ވެރިކަމުގައި] ޒުވާން އުމުރުގައި ތަޖުރިބާ މަދުވުމުން ދިމާވި ގޮންޖެހުންތަކާއި، މެނޭޖު ނުކުރެވިގެން ގައުމުގެ ބޮއްސުންލި ކަންތަކުގެ ވާހަކަ [އެމަނިކުފާނު] ވިދާޅުވިތޯ،" ރިޕޯޓުގެ މައުޟޫއުގައި ވާހަކަ ދައްކަމުން، ނަޝީދާއެކު އެމްޑީޕީ އުފެއްދެވުމުގައި ހުންނެވި އެ ޕާޓީގެ އެއް ބާނީ އިބްރާހިމް އިސްމާއީލް (އިބްރާ) ވިދާޅުވި އެވެ.
ނަޝީދަށް ފަހު ދެން ފެންނަން އޮތް މިސާލަކީ ކުރީގެ ސަރުކާރުގައި ޓުއަރިޒަމް މިނިސްޓަރު ކަން ކުރެއްވުމަށް ފަހު ނައިބު ރައީސް ކަމަށް ވަޑައިގެން މަދު ދުވަސްކޮޅެއްގެ ތެރޭގައި އެ މަގާމު ވެސް ގެއްލިގެން ދިޔަ އަހުމަދު އަދީބެވެ. ނައިބު ރައީސް ކަމުގައި ހުންނެވީ އެންމެ ތިން މަހާއި 14 ދުވަހަށެވެ.
އަދީބުގެ ސިޔާސީ ހަޔާތުން ވެސް ތަޖުރިބާ މަދުވުމުގެ ފިލާވަޅުތަކެއް ލިބިގެން ގޮސްފި އެވެ. އުމުރުން އެންމެ 34 އަހަރުގައި ނައިބު ރައީސްގެ މަގާމަށް ވަޑައިގެން, ސިޔާސީ ގޮތުން ކުރިއަރައިގެން ދިއުމަށްފަހު ފެނުނީ އޭނާގެ ތަރި އޮއްސުނު މަންޒަރެވެ.
އެ ކުރު މުއްދަތުގެ ތެރޭގައި, އެމްއެމްޕީއާރްސީ މެދުވެރިކޮށް ފަޅު ރަށްތަކެއް ކުއްޔަށް ދިނުމުގެ ބިޔަބޮޑު ހިޔާނާތުގެ މޭސްތިރިއަކަށް ވުމާއި, ލިބިވަޑައިގެންނެވި ބާރާއި ނުފޫޒުގެ ދަތިވެތިކަމުގައި ޖެހި, ރައީސް ކަމުގައި ހުންނެވި ޔާމީން އަވަހާރަކޮށްލަން މަސައްކަތް ކުރުމުގެ ތުހުމަތު ވެސް އޭނާއަށް ކުރެވުނެވެ.
ވެރިކަމަށް، ރާއްޖޭގައި އޮންނަ އުމުރުފުރާގެ ޝަރުތު
ރާއްޖޭގެ ގާނޫނުއަސާސީ އޮންނަ ގޮތުން, ރާއްޖޭގެ ރައީސް ކަމަށް އަދި ނައިބު ރައީސް ކަމަށް ކުރިމަތިލާ މީހަކީ އުމުރުން 35 އަހަރުވެފައިވާ މީހަކަށް ވާން ޖެހެ އެވެ. ވެރިކަމަށް ކުރިމަތިލުމުގައި އެންމެ ދޮށީ އުމުރެއް ކަނޑައަޅާފައެއް ނުވެ އެވެ.
ނަމަވެސް, ކުރީގެ ރައީސް އަބްދުالله ޔާމީންގެ ވެރިކަމުގައި, ގާނޫނުއަސާސީއަށް އެފަދަ ބަދަލެއް ގެނަ އެވެ. ޓޫރިޒަމް މިނިސްޓަރު ކަމުގެ މަގާމުގައި ހުންނަވަނިކޮށް, އަދީބު ނައިބު ރައީސް ކަމަށް ގެންނަން ބެލިއިރު, އޭރު އަދީބަށް އުމުރުން 34 އަހަރެވެ.

ކުރީގެ ނައިބު ރައީސް އަދީބު އަދި ކުރީގެ ރައީސް ޔާމީން; އަދީބު ނައިބު ރައީސް ކަމަށް ގެންނަން ގާނޫނުއަސާސީއިސްލާހު ކުރި
އެ މަގާމަށް ޝަރުތު ހަމަވަނީ 35 އަހަރު ފުރުމުން ކަމަށްވާތީ, ވަގުތުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅީ ގާނޫނުއަސާސީ އިސްލާހު ކުރުމަށެވެ. ވެރިކަމަށް ކުރިމަތިލެވޭ އުމުރު 30 އަހަރަށް ތިރިކުރުމާއެކު, 65 އަހަރު ފުރުމުން ވެރިކަމަށް ކުރިމަތިނުލެވޭ ގޮތަށް ވެސް ހެދި އެވެ.
ގާނޫނު އަސާސީއަށް ގެނައި އެ އިސްލާހަކީ ވަކި ފަރުދުންތަކަކަށް އަމާޒުކޮށްގެން ކުރެވުނު ކަމެއްގެ ގޮތުގައި އޭރުގެ ވާދަވެރިން ދެކެ އެވެ. އެއް ކަމަކީ އަދީބަށް 35 އަހަރު ނުފުރޭތީ ނައިބު ރައީސް ކަމަށް ގެންނަވަން އުމުރު 30 އަހަރަށް ދަކޮށްލުމެވެ. އަނެއް ކަމަކީ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމަށް ގާތްގަނޑަކަށް 65 އަހަރު ވެފައިވާތީ މަތީ އުމުރެއްގެ ގޮތުގައި 65 އަހަރު ކަނޑައެޅުމެވެ.
ދުނިޔޭގައި ޒުވާން ލީޑަރުންގެ ޓްރެންޑެއް
ދުނިޔޭގެ އެހެން ބައެއް ގައުމުތަކުގައި މިކަން އޮންނަ ގޮތަށް ބަލާލާއިރު, ބައެއް ގައުމުތަކުގައި ވެރިކަމަށް އާދެވޭ އެންމެ ހަގު އަދި އެންމެ ދޮށީ އުމުރު ކަނޑައަޅާފައި ވެ އެވެ. އިރާން, އާޖެންޓީނާ, ކެމެރޫން އަދި އަލްޖީރިއާ ފަދަ ގައުމުތަކުގައި ރައީސް ކަމަށް ކުރިމަތިލާ ކެންޑިޑޭޓުން ވާން ޖެހެނީ އުމުރުން 75 އަހަރުން ދަށުގެ މީހުންނަށެވެ.
ދުނިޔޭގެ ތަރައްގީވެފައިވާ ގިނަ ގައުމުތަކުގައި އޮންނަނީ ރައީސް ކަމަށް ކުރިމަތިލެވޭ އެންމެ ހަގު އުމުރު ކަނޑައަޅާފަ އެވެ. އެމެރިކާ, ބްރެޒިލް, ރަޝިޔާ, ފިލިޕީންސް އަދި އިރާނުގައި ވެސް ވެރިކަމަށް ކުރިމަތިލެވޭ އެންމެ ހަގު އުމުރަކީ 35 އަހަރެވެެ. ދުނިޔޭގެ ގައުމުތަކުގެ ތެރެއިން ރައީސް ކަމަށް ޝަރުތު ހަމަވާ އެންމެ ހަގު އުމުރެއް ކަނޑައަޅާފައި އޮންނަނީ ފްރާންސްގަ އެވެ. އެއީ 18 އަހަރެވެ.
ދުނިޔޭގެ ސިޔާސީ މަސްރަހުން ފެންނަން އޮތް މަންޒަރަކީ, ޒުވާން ލީޑަރުން ނިކުމެ ވެރިކަމާ ހަވާލުވާ ތަނެވެ. އުމުރުން 40 އަހަރުގައި ވެރިކަމުގެ ބާރުތަކާ ހަވާލުވެ, ރައްޔިތުންނަށް ބޭނުންތެރި ހިދުމަތެއް ކޮށްދެއްވާފައިވާ ދުނިޔޭގެ ލީޑަރުން ވެސް އެބަ ތިއްބެވެ.
ނިއުޒީލެންޑުގެ ކުރީގެ ބޮޑު ވަޒީރު ޖެސިންޑާ އާޑޭނަކީ އޭގެ ފުރިހަމަ ނަމޫނާއެކެވެ.
ޖެސިންޑާ އުމުރުން އެންމެ 37 އަހަރުގައި ބޮޑު ވަޒީރުކަމާ ހަވާލުވެވަޑައިގެންނެވި ޖެސިންޑާ ވަނީ ފަސް އަހަރާއި ދުވަސްކޮޅެއް ވަންދެން އެ މަގާމު ފުރުއްވާފަ އެވެ. އަދި އިސްތިއުފާ ދެއްވީ ވެސް އަމިއްލައަށް ފެނިވަޑައިގެން, ދެން އެ މަގާމުގައި ހުރެއްޖެނަމަ ރައްޔިތުން ލިބޭނެ ފައިދާއެއްް ނެތް ކަމަށް ވިދާޅުވެ އެވެ. ގިނަ ބަޔަކު ޖެސިންޑާ ސިފަކުރަނީ ނަމޫނާ ލީޑަރެއްގެ ގޮތުގަ އެވެ.
އެހެން ގައުމުތަކަށް ބަލާލާއިރު, އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ރިޝީ ސުނަކް އަދި, ޑެންމާކްގެ ބޮޑުވަޒީރު މެޓް ފެޑްރިކްސަންގެ އިތުރުން ނޯތު ކޮރެއާގެ ސުޕްރީމް ލީޑަރު ކިމް ޖޮން އުން އަކީ ވެސް 40-45 އުމުރުފުރައަށް ފެތޭ ބޭފުޅުންނެވެ.
ދުނިޔެއެކޭ އެއް ފަދައިން, ރާއްޖޭގައި ވެސް ޒުވާން ލީޑަރުން ނެރެ, މި ޓްރެންޑާ ގުޅުމަކީ މުހިންމު ކަމެއްގެ ގޮތުގައި ބައެއް ސިޔާސީ ބޭފުޅުން ދެކެވަޑައިގަންނަވަ އެވެ. އޭގެ ތެރޭގައި ނަޝީދު އިސްވެ ހުންނަވައިގެން އުފައްދަވާފައިވާ ޑިމޮކްރެޓްސްގެ ކެންޑިޑޭޓު އިލްޔާސް ވެސް ހިމެނިވަޑައިގަންނަވަ އެވެ.
"ގިނަ ގައުމުތަކުގައި މިހާރު ލީޑަރުންނަށް ތިބީ އަޅުގަނޑުމެން ޖެނެރޭޝަނުގެ މީހުން. ދުނިޔެއާ ފައި ހަމަކުރަން އަޅުގަނޑުމެން ބޭނުންވާކަމުގައި ވަންޏާ ރާއްޖެއަށް ވެސް މި ބަދަލު ގެންނަން ޖެހޭނެ. އަޅުގަނޑުމެންނަށް ރާއްޖޭގައި މިބަދަލު ނުގެނެސް ރާއްޖެ ކުރިއަރާނެ ކަމަކަށް ނުފެނޭ." ރައްޔިތުންގެ މަޖިލީހުގައި ދެވަނަ ދައުރަކަށް ހުޅުދޫ ދާއިރާ ތަމްސީލްކުރައްވާ މެންބަރު ވިދާޅުވި އެވެ.
ފުރަތަމަ ފަހަރަކަށް ރިޔާސީ އިންތިހާބުގެ ރޭހަށް ނުކުމެ ހުންނެވި އިލްޔާސް ގަބޫލު ކުރައްވާ ގޮތުގައި, ރާއްޖެ އިތުރު ހަރުފަތަކަށް ގެންގޮސްދެވޭނީ އޭނާގެ އުމުރުފުރައިގެ މީހުން އެ ކަމަށް މަސައްކަތް ކޮށްގެންނެވެ. މުޅި ދުނިޔެ އެގޮތަށް ބަދަލުވަމުން އަންނައިރު, އޭނާ ނުކުމެ ހުންނެވީ ރާއްޖެއިން ވެސް އެ ބަދަލު ގެނައުމަށެވެ.
"އުމުރަކީ ހަމައެކަނި ނަންބަރެެއް"
މި ރިޕޯޓުގެ ބޭނުމަށް ވާހަކަ ދެއްކެވި ސިޔާސީ ދާއިރާގެ ތަޖުރިބާކާރުންގެ ނަޒަރުގައި، ވެރިކަން ކުރުމުގައި އުމުރަކީ ހަމައެކަނި ނަންބަރެކެވެ. އުމުރުން ހަގުވުމަކީ ނުވަތަ ދޮށީވުމަކީ އެއީ މީހެއްގެ ގާބިލުކަން ކަނޑައެޅޭނެ މިންގަނޑެއް ނޫން ކަމަށް އެ ބޭފުޅުން ދެކެވަޑައިގަންނަވަ އެވެ.
"ހިސާބު އަކުރުން އުމުރު ބަލާފައެއް އެ ބޭފުޅެއްގެ ކުފޫ ހަމަވުމާއި ނުވުން ކަނޑައަޅާކަށް ނުވާނެ، މިސާލަކަށް 30 އިން ދަށްވެއްޖިއްޔާ ދެން ސުވާލުތަކެއް އުފެދޭ, އުމުރު މައްޗަށް ގޮސްގެން ބަލަން ޖެހޭނީ ސިއްހީ ގޮތުން ބަލަންޖެހޭ ކަންތައްތަކެއް،" ކުރީގެ ފޮރިން މިނިސްޓަރު ޑރ. އަހުމަދު ޝަހީދު ވިދާޅުވި އެވެ.
ޑރ. ޝަހީދު ގަބޫލުކުރައްވާ ގޮތުގައި އުމުރުގެ މައްޗަށް އެކަނި ވާހަކަ ދެއްކުމަކީ އެހާ ބުއްދިވެރި ވެސް ކަމެއް ނޫނެވެ. ނަމަވެސް ޒުވާނުން ސިޔާސީ ހަރަކާތުގައި ބައިވެރިކުރުމަށް ޒުވާން ވެރިން ކުރިއަށް ނުކުތުމަކީ ރަނގަޅު ކަމެއްގެ ގޮތުގައި އޭނާ ވެސް ފާހަގަކުރައްވަ އެވެ.
މަތީ ތައުލީމުގެ ހިދުމަތް ފޯރުކޮށްދޭ، މަންދު ކޮލެޖުގެ ވެރިޔެއްގެ ގޮތުގައި ހުންނެވި އިބްރާގެ ވެސް ހިޔާލަކީ މީހަކު ރައީސް ކަމަށް ގާބިލުތޯ ކަނޑައެޅުމުގައި އުމުރަކީ އެހާ މުހިންމު އެއްޗެއް ނޫން ކަމެވެ. މުހިންމީ އޭނާގެ ތަޖުރިބާއާއި, ރައްޔިތުންނާ ގުޅޭ މިންވަރު އަދި ބުއްދިވެރިކަމެވެ. އަދި ތަޖުރިބާއަކީ ވަކި އުމުރެއް އޮވެގެން އެކަނި އަންނަ ކަމެއް ނޫން ކަމަށް ވެސް އިބްރާ ވިދާޅުވި އެވެ.

ސިޔާސީ ދާއިރަގެ ތަޖުރިބާކާރު އިބްރާ; އުމުރުން އެކަނި ވެރިކަމަށް ކުފޫ ހަމަނުވާނެކަން ފާހަގަކުރެއްވި
"ރާއްޖޭގައި މި އަންނަނީ އެހެން މައްސަލައެއް. ރާއްޖޭގެ އާބާދީގެ ބޮޑުބައި މި އޮތީ 50 އަހަރުން ދަށުގެ މީހުން. އެހެންވީމަ ޕަބްލިކް ސެންޓިމެންޓުގައި ހުންނާނީ ތަންކޮޅެއް ޒުވާން މީހެއް. އެކަމަކު އޭތި މި ކާވް ކުރަނީ ވިސްޑަމް (ބުއްދިވެރިކަމާއި ހިކުމަތްތެރިކަން)،" އިބްރާ ވިދާޅުވި އެވެ.
އޭނާ ގަބޫލުކުރައްވާ ގޮތުގައި މީހަކަށް ރަނގަޅު ހެޔޮ ވިސްނަން ފެށެނީ ގާތްގަނޑަކަށް އުމުރުން 40 އަހަރު ވީމަ އެވެ. އެހެންކަމުން, އެ އުމުރުގައި އޭނާ ކުރާ ތަޖުރިބާއަކީ އޭނާގެ ހިކުމަތްތެރިކަމަށް އަސަރު ކުރާނެ ކަމެކެވެ.
"ގާނޫނުން ކަނޑައަޅަން ޖެހޭ ކަމެއް ނޫން އުމުރަކީ. ރައްޔިތުންގެ ވޯޓުން ރައީސް ހޮވަނީ. އިންތިހާބު ކުރާ މީހެއްގެ ގާބިލުކަން ކަނޑައަޅާނީ ރައްޔިތުން. (ވެރިކަމަށް ކުރިމަތި ލެވޭނޭ) ދޮށީ އުމުރު ކަނޑައެޅުމަކީ ވެސް މުހިންމު ކަމެއް ނޫން." ގާނޫނުން ވަކި ގޮތަކަށް ރައީސްގެ އުމުރު ކަނޑައެޅުމާ ދެކޮޅަށް ވާހަކަދައްކަވަމުން އިބްރާ ވިދާޅުވި އެވެ.
ޑރ. ޝަހީދު ގަބޫލުކުރައްވާ ގޮތުގައި, ރާއްޖޭގެ ސިޔާސީ މަސްރަހުން މައްސަލަ ނިކުންނަނީ ވެރިޔާގެ އުމުރަކުން ނޫނެވެ. އެއީ ވައްކަން ކުރާ ބަޔަކަށް ވެރިކަމުގެ ބާރުތައް ލިބުމުގެ ސަބަބުން ނިކުންނަ މައްސަލަ އެކެވެ.
"ކޮބާތޯ ރައްޔިތުންގެ ތެރޭގައި އިތުބާރު ހިފޭ, ވައްކަން ކުރުވިޔަ ނުދޭން, ވަގުން ޒިންމާދާރު ކުރުވާނެ މީހަކީ. ރާއްޖެއަށް މުހިންމީ އުމުރެއް ނޫން." ޑރ. ޝަހީދު ވިދާޅުވި އެވެ.

ޕޮލިޓިކަލް އެނަލިސްޓް ޑރ. ޝަހީދު; އުމުރަކީ ހަމައެކަނި ނަންބަރެއް ކަމަށް ވިދާޅުވި
ރައީސް ކަމަށް ކުރިމަތިލާ މީހަކީ ފަންސާސް އަހަރުން ދަށުގެ މީހަކަށް ވުން ރަނގަޅު އެއް ސަބަބެއްގެ ގޮތުގައި ރައީސް ނަޝީދު ދެއްކެވީ, ރަނގަޅު ސިޔާސަތުތައް ގެނެވުމެވެ. އިބްރާ ވިދާޅުވި ގޮތުގައި, ސަރުކާރެއްގެ ތެރޭގައި ޒުވާނުންގެ އަޑު ވެސް އޮންނަން ޖެހެ އެވެ. ނަމަވެސް އެއަށް އެއްކޮށް ބަރޯސާ ވެއްޖެނަމަ ގޯސްތައް ހެދި, އޭގެ ނަތީޖާ ހިތިވެދާނެ އެވެ.
ރިޕޯޓަށް ވާހަކަ ދެއްކެވި ތަޖުރިބާކާރުންގެ މައިގަނޑު ނުކުތާއަކީ މިއީ އެވެ. އުމުރު މުހިންމެއް ނޫނެވެ. ހުރިހާ ކަމެއް ދަންނަ މީހަކު ވެސް ނުހުންނާނެ އެވެ. ބޭނުމީ ޓީމެއް ގޮވައިގެން ރަނގަޅު ސިޔާސަތުތައް ތަންފީޒުކުރަން އެނގޭނޭ ލީޑު ނެގޭނެ ލީޑަރެކެވެ. ސިޔާސަތުތައް ކަނޑައެޅުމަކީ ވެސް ހަމައެކަނި ދައުލަތުގެ އިސް ވެރިޔާ ކުރާ ކަމެއް ނޫނެވެ. އެއީ, އެތައް ބައެއްގެ މަޝްވަރާއާއެކު ކުރާ ކަމެކެވެ.
ވެރިކަމުގައި ހުންނަ މީހާގެ ޒިންމާއަކީ, އެ ގޮތުގެ މަތީން ހަރުދަނާ ޓީމަކާއެކު, މަސައްކަތްކޮށްގެން ހެޔޮ ވެރިކަމެއްގެ ނަތީޖާތަކެއް ނެރެ ދެއްކުމެވެ.












