މިހާރު ކުރިއަށްދާ ކްލަބް މޯލްޑިވްސް ކަޕް ފުޓްސަލް މުބާރާތުގައި އެންމެ ފަހުން ކުޅުނު މެޗުތަކަށް ފަހު، އާބަންކޯ އާއި އެމްޕީއެލް ގްރޫޕް ސްޓޭޖުގެ ތިން މެޗުން ވެސް މޮޅުވެ، އެއް ވަަނަ ޓީމުގެ ގޮތުގައި ދެ ވަނަ ބުރަށް ދަތުރުކުއިރު، ގްރޫޕްގެ ދެ ވަނަ ގޮތުގައި ގޭސް ކްލަބާއި އެމްއޭސީއެލް ވެސް ދެ ވަނަ ބުރުން ފުރުސަތު ހޯދައިފި އެވެ.
ގްރޫޕް ސީގައި އެމްޕީއެލް އިން ވަނީ 6-0 އިން ގޭސް ބަލިކޮށްފަ އެވެ. އެ ގްރޫޕްގެ އަނެއް މެޗުގައި އެލައިޑުން ވަނީ 4-5 އިން ޓީޓީއެސް އަތުން މޮޅުވެފަ އެވެ. އެމްޕީއެލް އަށް ނުވަ ޕޮއިންޓް ލިބުނުއިރު، ދެ ވަނައިގައި ނިންމި ގޭސް ކްލަބާއި އެލައިޑަށް ލިބުނީ ހަތަރު ޕޮއިންޓް ނަމަވެސް ލަނޑުގެ ތަފާތުން ގޭސް ކްލަބް އަނެއް ބުރަށް ދިޔައީ އެވެ. އެންމެ ފުލުގައި ނިންމި ޓީޓީއެސް ކެޓީ ޕޮއިންޓެއް ނުލިބި އެވެ.
ގްރޫޕް ޑީގައި އެމްއޭސީއެލް އާއި އިމިގްރޭޝަން ލަނޑެއް ނުޖެހި 0-0 އިން އެއްވަރުވިއިރު، އާބަންކޯ އިން ވަނީ ޕޮލިސް ކްލަބް އަތުން 10-0 އިން މޮޅުވެފަ އެވެ. އާބަންކޯ ނުވަ ޕޮއިންޓް ހޯދިއިރު، ދެ ވަނަ އަށް ދިޔަ އެމްއޭސީއެލް އާއި ތިނެއްގައި ނިންމި އިމިގްރޭޝަން އަށް ލިބުނީ ހަތަރު ޕޮއިންޓެވެ. އިމިގްރޭޝަން ކެޓީ ލަނޑުގެ ތަފާތުންނެވެ. މި ގްރޫޕްގެ ފުލުގައި ނިންމި ޕޮލިހަށް ޕޮއިންޓެއް ވެސް ނުލިބެ އެވެ.

އެމްޕީއެލްގެ ކުޅުންތެރިން ގޭސް ކްލަބް ކޮޅަށް ގޯލު ޖެހުމަށް ފަހު އުފާފާޅުކުރަނީ.--- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު
އިއްޔެ ހަވީރު ކުޅުނު މެޗުން އެމްޕީއެލްގެ މުހައްމަދު ސާދު ނިޒާރު ވަނީ ހެޓްރިކެއް ހަދައިފަ އެވެ. މުހައްމަދު ޔަފާއު ދެ ގޯލު ޖެހިއިރު، އަނެއް ލަނޑަކީ ގޭސް ކްލަބްގެ ކެޕްޓަން އަހުމަދު ރަޝީދު (އައްމަޑޭ) އަތުން ބައިކޮޅަށް ވަން ގޯލެކެވެ.
ރޭ ވަނީ ކްލަބް މޯލްޑިވްސް ކްލަސިކްގެ މެޗަކާއި ކްލަބް މޯލްޑިވްސް އިން ބާއްވާ އެއިޓީން ތާޓީ ކްލަސިކް (އަންހެން ޑިވިޝަން) މުބާރާތުގެ މެޗެއް ވެސް ކުޅެފަ އެވެ. އެ ގޮތުން، ކްލަބް މޯލްޑިވްސް ކްލަސިކް މުބާރާތުގެ ގްރޫޕް އީގައި ހާރިޖީ ޓީމުން ވަނީ 3-2 އިން ހެލްތު ރެކްރިއޭޝަން ކްލަބް ބަލިކޮށް އެ ގްރޫޕްގެ އެއް ވަނަ އަށް ޖެހިލައިފަ އެވެ. ހާރިޖީ ޓީމުގެ ދެ ގޯލު މުހައްމަދު ނާޝިދު (ނާއްޓެ) ޖެހިއިރު، އަނެއް ގޯލު ޖެހީ މުހައްމަދު ހޫދު އެވެ. ހެލްތު ޓީމުގެ ލަނޑުތައް ޖެހީ އަބްދުﷲ މުއާޒް އަދި މުހައްމަދު ޖިނާން އެވެ.

އައިޖީއެމްއެޗްގެ ކުޅުންތެރިއަކު ކައިރިން އެމްއޭސީއެލްގެ ފިރުޝާނާ ބޯޅަ ހިފައިގެންދަނީ.--- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު
އައިޖީއެމްއެޗް ބަލިކޮށް އެމްއޭސީއެލް އިން ވަނީ އެއިޓީން ތާޓީ ކްލަސިކްގެ ސެމީ ފައިނަލަށް ދަތުރުކޮށްފަ އެވެ. އައިޖީއެމްއެޗް އަތުން އެމްއޭސީއެލް 7-0 އިން މޮޅުވިއިރު، ލަނޑުތައް ޖެހީ ފިރުޝާނާ ނަސީރު ހަތަރު ގޯލާއި އަމާނީ މުހައްމަދު އާއި އާޒިނާ މަތީން އަދި މިލްނާ އިބްރާހިމް ކޮންމެ ކުުޅުންތެރިއަކު ގޯލެކެވެ.
ކްލަބް މޯލްޑިވްސް ކަޕްގެ ތިން މެޗަކާއި އެއިޓީން ތާޓީ ކްލަސިކް ޑިވިޝަނުގެ ދެ މެޗެއް މިއަދު ކުޅޭނެ އެވެ. އެ ގޮތުން، މިއަދު ހަވީރު 17:05 ގައި އޮންނާނީ ކްލަބް މޯލްޑިވްސް ކަޕްގައި އެސްޓީއޯ އާއި ހުޅުމާލެ ހޮސްޕިޓަލް ބައްދަލުކުރާ މެޗެވެ. މިރޭ، 20:15 ގައި އެއިޓީން ތާޓީ ކްލަސިކް ޑިވިޝަނުގައި ހުޅުމާލެ ހޮސްޕިޓަލް އާއި ޔޫތު މިނިސްޓްރީގެ މެޗާއި މީރާ އާއި ޕްރިޒަން ކްލަބްގެ މެޗު އޮންނާނެ އެވެ. މިރޭ، 21:45 ގައި ކްލަބް މޯލްޑިވްސް ކަޕްގައި ކުޅޭނީ ކްލަބް ފެން އާއި ކްލަބް އާސަންދަގެ މެޗާއި ދިވެހި ސިފައިންގެ ކްލަބާއި ޕްރިޒަން ކްލަބްގެ މެޗެވެ.












