ރޭ ކުއްލިއަކަށް ވެރި ރަށް މާލޭގައި ވަރަށް ގިނަ އަދަދެއްގެ މީހުން ބަލިވެގެން ހޮސްޕިޓަލުގެ އެމަޖެންސީއަށް އައިސްފައިވާތީ ފެން ބޯއިރު ސަމާލުވާން އޭޑީކޭ ހޮސްޕިޓަލުން އެދެފި އެވެ.
އޭޑީކޭ ހޮސްޕިޓަލުގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އަފްއާލް މި ނޫހާ ވާހަކަ ދައްކަވަމުން ވިދާޅުވީ ރެއިން ފެށިގެން ވަރަށް ގިނަ އަދަދެއްގެ ބަޔަކު ހޮޑުލެވި، ބޭރަށް ހިންގާތީ އެ ހޮސްޕިޓަލަށް އަންނަމުންދާ ކަމަށެވެ.
"މިހާރު ވެސް ވަރަށް ގިނަ ބަޔަކު އެބަ އާދޭ. އަޅުގަނޑަށް ސީދާ ނަމްބަރެއް ބުނަން ދަތި. އެކަމަކު ފުދޭ ވަރަކަށް ގިޔަ ބަޔަކު އެބަ އާދޭ،" އަފްއާލް ވިދާޅުވި އެވެ.
މީހުން ބަލިވަނީ ރޭގެ ފުޅަނދުބރު ބަލަން ނިކުތް އާންމުން ބޭނުން ކުރަން ބެހި އެއްޗެއްގެ ސަބަބުން ކަމަށް ސޯޝަލް މީޑިއާގައި ވަނީ އަޑުފެތުރިފަ އެވެ. ނަމަވެސް އަފްއާލް ވިދާޅުވީ ބަލީގެ ސަބަބު މިހާތަނަށް ދަނެގަނެވިފައިނުވާ ކަމަށެވެ.
"އެޕިޑަމޮލަޖިސްޓުން އެކަން ބަލާނީ. އަޅުގަނޑުމެންނަށް އަދި ބުނާކަށް ނޭނގޭނެ،" އޭނާ ވިދާޅުވި އެވެ.

ހޮޑުލެވޭ އަދި ބޭރަށް ހިންގާ މީހުން ކުއްލިއަކަށް ގިނަވެފައިވާތީ އެކަމުގެ ސަބަބު ދަނެގަތުމަށް ހެލްތު ޕްރޮޓެކްޝަން އޮތޯރިޓީން މަސައްކަތް ފަށާފައިވާ ކަމަށް އެ އިދާރާއިން ބުންޏެވެ. ނަމަވެސް އިތުރު އެއްވެސް މައުލޫމާތެއް އެޗްޕީއޭއިން ނުދެ އެވެ.
ބަލި މީހުން ކުއްލިއަކަށް ގިނަވުމުން އެކަމާ ކަންބޮޑުވުން ފާޅު ކުރައްވައި އޭޑީކޭގެ ޗީފް މެޑިކަލް އޮފިސަރު އަބްދުﷲ ނިޔާފް ވަނީ އާންމު ސާފުތާހިރުކަމުގައި ސަމާލުވާން އެދިވަޑައިގަނެފަ އެވެ.
"ހޮޑުލެވޭތީ އަދި މީހުން ބޭރަށް ހިންގާތީ އީއާރްއަށް ދައްކާ މީހުންގެ އަދަދު ކުއްލިއަކަށް ވަރަށް ބޮޑަށް އިތުރުވެއްޖެ. ބޯ ފެނަކީ ސާފު ފެންކަން ޔަގީން ކުރައްވާ. ފެން ކައްކައި، ހިހޫކޮށްގެން ބުއިން އަދި ފިލްޓަރުކޮށްފައި ހުންނަ ފެނަކީ ރައްކާތެރި ގޮތެއް،" ނިޔާފް ވިދާޅުވި އެވެ.
އޭޑީކޭގެ އިތުރުން ސަރުކާރުން ހިންގާ އައިޖީއެމްއެޗް ހޮސްޕިޓަލުގެ އެމަޖެންސީ ބަޔަށް ވެސް ވަރަށް ގިނަ ބަލިމީހުން ދާ ކަމަށް މައުލޫމާތު ލިބެ އެވެ. ނަމަވެސް އެ ހޮސްޕިޓަލަށް ގުޅުމުން މިވަގުތު ކޮމެންޓެއް ލިބޭ ގޮތެއް ނުވި އެވެ.












