މިހާރު ކުރިއަށްދާ ކްލަބް މޯލްޑިވްސް ކަޕް ފުޓްސަލް މުބާރާތުގެ ގްރޫޕް އޭ އާއި ބީން ގަދަ 16 ބުރުގެ ބާކީ ޖާގަތަށް ސްޓެލްކޯ ކްލަބާއި މޯލްޑިވިއަން އަދި އެފްއެސްއެމް އިން ހޯދައިފި އެވެ.
ގްރޫޕް އޭގެ އެއް ވަނަ ހޯދީ އިއްޔެ ހަވީރު ބަރޮސް މޯލްޑިވްސް އަތުން 4-2 އިން މޮޅުވެ، ހަތް ޕޮއިންޓް ހޯދި ސްޓެލްކޯ އެވެ. ދެ ވަނަ އަށް ދިޔައީ އިއްޔެ، ޓީމު އެމްޓީސީސީއާ 3-3 އިން އެއްވަރުވި މޯލްޑިވިއަން އެވެ. މޯލްޑިވިއަން އަށް ފަސް ޕޮއިންޓް ލިބުނެވެ. އެމްޓީސީސީ ތިން ވަނަ އަށް ދިޔައީ ދެ ޕޮއިންޓް ހޯދައިގެންނެވެ. ފުލުގައި ނިންމި ބަރޮސް އަށް ވަނީ ޕޮއިންޓެއް ލިބިފަ އެވެ.
ގްރޫޕް ބީ އަށް ބަލާއިރު، އެއް ވަނަ ދިޔައީ ތިން މެޗުން ވެސް މޮޅުވެ، ނުވަ ޕޮއިންޓް ހޯދި ވެމްކޯ އެވެ. ވެމްކޯ، ގްރޫޕްގެ ފަހު މެޗުން އުރީދޫ އަތުން މޮޅުވީ 5-1 އިންނެވެ. އެ ގްރޫޕްގެ ދެ ވަނަ އަށް ދިޔައީ ރޭ އާރްއޯއެލް އަތުން 9-1 އިން މޮޅުވި އެފްއެސްއެމް އެވެ. އެފްއެސްއެމް އަށް ލިބުނީ ހަ ޕޮއިންޓެވެ. ތިން ވަނަ އަށް ދިޔަ އާރްއޯއެލް އާއި ހަތަރެއްގައި ނިންމި އުރީދޫ އަށް ލިބުނީ ޕޮއިންޓެކެވެ.
ސްޓެލްކޯ އިން އިއްޔެގެ މެޗުގައި ލަނޑުތައް ޖެހީ އަހުނަފް ރަޝީދު (އަހުއްކޮ)، ނާއިހު މުފީދު (ނާހު)، އިބްރާހިމް ރިމާހު އަދި މުހައްމަދު ވިލްފް އެވެ. ބަރޮސްގެ ދެ ގޯލު ވެސް ޖެހީ ވިޝާން ހަބީބު އެވެ. މޯލްޑިވިއަން އަށް އިއްޔެގެ މެޗުގައި ގޯލުތައް ޖަހައިދިނީ ހައްފާގު ސިދުގީ، އާދަމް އަޒުމީން އަދި މުހައްމަދު އަޖުފާން އެވެ. އެމްޓީސީސީގެ ގޯލުތައް ކާމިޔާބުކުރީ ނައުފް މުހައްމަދު ޖަލީލް، އައްޒާމް އަލީ ދީދީ އަދި އާރިފް އަހުމަދު އެވެ.
އެފްއެސްއެމް އިން ޖެހިޖެހިގެން ދެ ވަނަ މެޗުގައި ނުވަ ގޯލު ޖެހިއިރު، ރޭގެ މެޗުގައި އެ ޓީމުގެ އަބްުދުﷲ ޒިޔާން ވަނީ ހެޓްރިކެއް ހަދައިފަ އެވެ. ދެން އެ ޓީމުގެ ގޯލުތައް ޖެހީ މުހައްމަދު މަޒީން ދެ ގޯލާއި، އަހުމަދު އައިހަމް (އައިހު) ދެ ގޯލާއި، މުހައްމަދު ޝާން އަދި އަލީ އަލްސަން ގޯލެކެވެ. އާރްއޯއެލްގެ ހަމައެކަނި ގޯލު ޖެހީ ހުސެއިން މިބުޝާމް އެވެ.
ވެމްކޯ އަށް ރޭގެ މެޗުގައި ލަނޑުތައް ޖަހައިިދިނީ އިބްރާހިމް މަހުދީ ހުސެއިން (ފޭދޫ އިއްބެ) ހެޓްރިކެއްގެ އިތުރުން، އަހުމަދު ވިޖުދާން (ވިޖުއްކޮ) އާއި އިސްމާއިލް ވަޖީހު (ވައްޖެ) އެވެ. އުރީދޫގެ ގޯލު ޖެހީ ހުސެއިން ޝަރީފް އެވެ.
ކްލަބް މޯލްޑިވްސް ކްލަސިކް މުބާރާތުގައި ރޭ އޭސީސީ ރެކްރިއޭޝަން ކްލަބް އަތުން ޓީމު ޕެމާ (ރައްޔިތުންގެ މަޖިލީހުގެ ކްލަބް) ވަނީ 2-1 އިން މޮޅުވެ، އަނެއް ބުރުން ޖާގަ ޔަގީންކޮށްފަ އެވެ. ޕެމާ ޓީމުގެ ދެ ގޯލު ވެސް ޖެހީ މެމްބަރު ހުސެއިން މުހައްމަދު ލަތީފް އެވެ. އޭސީސީ ޓީމުން ލަނޑު ޖެހީ ހުސެއިން ނުހާދު އެވެ.
ކްލަބް މޯލްޑިވްސް އަންހެން ޑިވިޝަންގެ އެއިޓީން ތާޓީ ފުޓްސަލް ފިއެސްޓާގެ އެންމެ ފަހުގެ ޗެމްޕިއަން، ދިވެހި ސިފައިންގެ ކްލަބް ވަނީ މި ފަަހަރު ކުޅުނު ފުރަތަމަ މެޗުން ޓީމު ފެނަކަ އަތުން 4-1 އިން ބަލިވެފަ އެވެ. ފެނަަކަ ޓީމުގެ ކެޕްޓަން ޝަހުލާ ތައުފީގު ދެ ގޯލު ޖެހިއިރު، އެ ޓީމުގެ އަނެއް ދެ ގޯލު ޖެހީ މަރިޔަމް މިރުފަތު އާއި ފާތިމަތު އިނާޝާ އާދަމް އެވެ. ސިފައިންގެ ޓީމުގެ ހަމައެކަނި ގޯލު ޖެހީ މައީޝާ އަބްދުލް ހަންނާން އެވެ.
ކްލަބް މޯލްޑިވްސް މުބާރާތްތަކުގެ މިރޭގެ މެޗުތަކަށް ބަލާއިރު، ހަވީރު ގްރޫޕް ސީގައި 17:05 ގައި ބައްދަލުކުރާނީ ޓީމު އެލައިޑް އާއި ކްލަބް ޓީޓީއެސް އަދި އެމްޕީއެލް އާއި ގޭސް ކްލަބް އެވެ. މިރޭ، 20:15ގައި ކުޅޭނީ ކްލަބް މޯލްޑިވްސް ކްލަސިކް މުބާރާތުގައި ހާރިޖީ އާއި ހެލްތު ރެކްރިއޭޝަން ކްލަބްގެ އިތުރުން އެއިޓީން ތާޓީ ކްލަސިކް މުބާރާތުގައި އެމްއޭސީއެލް އާއި އައިޖީއެމްއެޗް ކްލަބް އެވެ. އަދި މިރޭ ފަހު މެޗުތަކަށް ބަލާއިރު، 21:45 ގައި އާބަންކޯ ނުކުންނާނީ ޕޮލިސް ކްލަބާ ދެކޮޅަށެވެ. އަދި އިމިގްރޭޝަން އިން އެމްއޭސީއެލްއާ ބައްދަލުކުރާނެ އެވެ.












