ލިވަޕޫލް (ޖުލައި 26) - ލިވަޕޫލްގެ ކެޕްޓަން، ޖޯޑަން ހެންޑަސަން، ސައުދީ ޕްރޮފެޝަނަލް ލީގުގެ އަލް އިއްތިފާގަށް ދިއުމަށް ހުރިހާ ކަމެއް ނިމިފައިވާއިރު، އެ މަގާމަށް ލިވަޕޫލުން ގެންނަން ބޭނުންވަނީ ސައުތެމްޓަންގެ ޒުވާން މިޑްފީލްޑަރު، ރޮމެއޯ ލަވިއާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
މެންޗެސްޓާ ސިޓީ ޔޫތު ޓީމުގައި ވިދާލި ލަވިއާ، 19، މިދިޔަ އަހަރު ފަސް އަހަރުގެ ކޮންޓްރެކްޓެއްގައި ސައުތެމްޓަން އަށް ސޮއިކުރި އެވެ. ސައުތެމްޓަން ޓީމުގައި ލަވިއާ، މިދިޔަ ސީޒަނުގައި ދެއްކި މޮޅު ކުޅުމާ އެކު އޭނާ އަށް ގިނަ ޓީމުތަކެއްގެ ހުށަހެޅުން ވަނީ ލިބިފަ އެވެ. އެހެން ނަމަވެސް، ރަނގަޅު އަގެއްގައި ނޫނީ އޭނާ ދޫކޮށް ނުލަން ސައުތެމްޓަން އިން އޮތީ ނިންމައިފަ އެވެ.
ބެލްޖިއަމް އަށް ނިސްބަތްވާ ލަވިއާ އަށް ލިވަޕޫލުން ވަނީ ޖުމްލަ އެކު 50 މިލިއަން ޑޮލަރުގެ ބިޑެއް ކޮށްފަ އެވެ. އެކަމަކު، ސައުތެމްޓަން އިން އެ ބިޑް އަނބުރާ ފޮނުވާލާފައިވަނީ އެ އަގު ކުޑަކަމަށް ބުނެ އެވެ. އެ ގޮތުން، ސައުތެމްޓަން އިން ބޭނުންވަނީ 65 މިިލިއަން ޑޮލަރަށް ވުރެ ބޮޑު އަގުގައި ލަވިއާ ދޫކޮށްލުމަށެވެ.
ލިވަޕޫލްގެ ބްރެޒިލް މިޑްފީލްޑަރު، ފަބީނިއޯ ވެސް ސައުދީ އަރަބިއްޔާގެ އަލް އިއްތިހާދަށް ބަދަލުވާން މަސައްކަތް ކުރަމުން އަންނައިރު، އަގުބޮޑުކޮށް ވެސް ލަވިއާ ހޯދަން ލިވަޕޫލުން ބޭނުންވާ ކަމަށް ރިޕޯޓްތައް . ބުނެ އެވެ.
މި ފަހަރުގެ ޓްރާންސްފާގައި ލިވަޕޫލުން އެންމެ ބޮޑު އިންވެސްޓެއް ކުރަނީ މިޑްފީލްޑަރުންނަށެވެ. އެ ގޮތުން، އެ ޓީމުން ވަނީ ބްރައިޓަންގެ އަލެކްސިސް މެކް އަލިސްޓާ އާއި އާރްބީ ލައިޕްޒިގުގެ ޑޮމިނިކް ސޮބޯސްލާއި ގެނެސްފަ އެވެ. އިތުރު ކުޅުންތެރިން ހޯދަން ލިވަޕޫލުން އަންނަނީ ޓްރާންސްފާ މާކެޓްގައި މަސައްކަތް ކުރަމުންނެވެ.












