އަންނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ "އެއާ ސާވިސް ވޯލްޑް ކޮންގްރެސް 2024" ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އިން ބާއްވާ ގޮތަށް ހަމަޖެހިއްޖެ އެވެ.
މިކަން އިއުލާންކޮށްފައިވަނީ އެމެރިކާގެ ސެން ފްރެންސިސްކޯގައި މި މަހުގެ 17 އިން 19 އަށް ކުރިއަށްގެންދިޔަ މިއަހަރުގެ ކޮންގްރެސް އިވެންޓެއްގެ ތެރެއިންނެވެ. މި އިވެންޓުގައި އެމްއޭސީއެލްގެ ސީއީއޯ އަދި އެމްޑީ މަހްޖޫބު ޝުޖާއު ވަނީ ކޮންގްރެސްގެ ބައިވެރިން ދިވެހިރާއްޖެއަށް ޒިޔާރަތްކޮށް ރާއްޖޭގެ އޭވިއޭޝަން އިންޑަސްޓްރީ ބަލާލުމަށް ދައުވަތު ދީފަ އެވެ.
ޖުލައި 2024 ގައި, ބޭއްވުމަށް ހަމަޖެހިފައިވާ މި ކޮންގްރެސްގެ ތެރެއިން ދުނިޔޭގެ ވައިގެ ހިދުމަތް ކުރިއެރުމާ ބެހޭގޮތުން ދުނިޔޭގެ އެކިކަންކޮޅުތަކުގެ އޭވިއޭޝަން ދާއިރާގެ މަންދޫބުންގެ މެދުގައި މަޝްވަރާތައް ކުރާނެ އެވެ.
ރާއްޖޭގައި ބޭއްވުމަށް ހަމަޖެހިފައިވާ މި ކޮންގްރެސްގެ ތެރެއިން، ކޮންގްރެސްގެ ބައިވެރިންނަށް ވައިގެ ހިދުމަތް ދިނުމުގެ ދާއިރާގެ މަސައްކަތުގެ ތަޖުރިބާ ހިއްސާކުރުމުގެ ފުރުސަތު ފަހިވެގެން ދިއުމުގެ އިތުރުން، މި ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކައި ގުޅުން ބަދަހިކުރުމަށް ވެސް މަގުފަހިވެގެންދާނެ އެވެ.
އަދި, މި މުއާމަލާތްތަކުގެ ސަބަބުން ރާއްޖޭގެ ބައިނަލްއަގްވާމީ ވައިގެ ބަނދަރުތަކަށް ދަތުރުކުރާނެ އެއާލައިންތައް އިތުރު ކުރުމަށް އެހީތެރިކަން ލިބިގެންދާނެ ކަމަށް ވެސް އެމްއޭސީއެލްއިން ބުނެ އެވެ.
މި ކޮންގްރެސް ވީއައިއޭ އިން ހޯސްޓްކުރުމާއި ގުޅޭގޮތުން ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓް ހިންގަމުން އަންނަ އެމްއޭސީއެލްގެ ސީއީއޯ އަދި އެމްޑީ މަހްޖޫބު ޝުޖާއު ވިދާޅުވީ، އޭވިއޭޝަން ދާއިރާގެ ކުރިއެރުމަށް އެ ކުންފުނިން ކުރާ މަސައްކަތަށް މި ކޮންގްރެސްގެ ސަބަބުން ކުރިއެރުންތަކެއް ލިބިގެންދާނެ ކަމަށެވެ.
އެއާ ސާވިސް ވޯލްޑް ކޮންގްރެސް 2024 އޮންނާނީ އަންނަ އަހަރު ޖުލައި މަހުގެ ތެރޭގަ އެވެ.











