ހއ. ތުރާކުނު މީހުން ދިރިއުޅޭ ސަރަހައްދާ ދުރުން، ބޯ ރުއްގަނޑެއްގެ ތެރެއިން ލާފައި ގޮސް ނުކުމެވުނީ ކަޅު މުރަކަ ގަލުގެ ސާލެއްގެ މައްޗަށެވެ. ގޮނޑުދޮށަށް ޖަހަމުންދިޔަ ރާޅުތަކާއެކު ވަކި ހިސާބަކަށް ހުދު އަކިރި އަރާފައި ހުއްޓަސް އެތަނުގެ ހާއްސަ ސިފައަކީ ޒަމާންތަކެއް ކުރިން ރާޅާއެކު އަރައި، ބިންގަނޑު އޭގެ ސަބަބުން އުފުލިފައިވާ އެތައް ހާސް ކަޅު ގަލެވެ.
މި ހުރެވުނީ ޖިއޮގްރަފީގެ ގޮތުން ރާއްޖޭގެ އެންމެ އުތުރުގައި އޮންނަ ހިކިފަސް ބިން، ތުރާކުނުގެ ވެސް އެންމެ އުތުރު ޕޮއިންޓު ކަމަށް ބުނާ ތަނުގަ އެވެ. މިއީ އިންޑިއާ ކަނޑުން އަންނަމުންދާ ބޮޑެތި ރާޅުތައް ހުއްޓުމެއް ނެތި ޖަހަމުންދާ އަޑު، ގަދައަށް އިވޭ، ފިނި ވައިރޯޅި ޖެހޭ ތަނެކެވެ.
މިތަނުގެ ބޭރުން ފަރުމައްޗަށް ޖަހަމުންދާ ބޮޑެތި ރާޅުތަކަށް ބަލާލުމުން މި ސަރަހައްދު ގުދުރަތީ ސިފަތައް އުފެދިފައި ހުރި ގޮތް ހިތަށް ގެނެވެ އެވެ. މޫދު ކައިރިން ގޮނޑުދޮށް އުފެދިފައި އޮންނަނީ އައު، ހުދު އަކިރިންނެވެ. އެއްގަމަށް އަރައިގެންދާއިރު ފެންނަނީ ޒަމާންތަކެއް ކުރިން ރާޅާއެކު އަރައި ކަޅުވެފައި ހުރި ގަލެވެ.

ތުރާކުނުގެ އެންމެ އުތުރު ޕޮއިންޓުގެ އަކިރި ގާތައް -- ފޮޓޯ: އަދަދު
މި ތަނުގައި ރާއްޖޭގެ އެންމެ އުތުރު ފާހަގަކުރަން، ދަގަނޑު ޓަވަރެއްގައި ބައްތިއެއް ހުރެ އެވެ. މީގެ ތިރީހަކަށް އަހަރު ކުރިން އެތަނުގައި އެންމެ ފުރަތަމަ ބައްތިއެއް ބެހެއްޓި އެ ސަރަހައްދުން ދުއްވާ އުޅަނދުފަހަރަށް މަގު ދެއްކުމަށެވެ. ފަހުން ޓެކްނޮލޮޖީއަށް އައި ބަދަލާއެކު ޖީޕީއެސް ބޭނުންކުރަން ފެށުމުން ބައްތީގެ ބޭނުން ކެނޑުމުން އެ ސަރަހައްދު ރަށު މީހުން ފާހަގަކުރަމުން އަންނަނީ ރާއްޖޭގެ އެންމެ އުތުރު ޕޮއިންޓުގެ ގޮތުގަ އެވެ.
ހަރުގަނޑަކުން މައްޗަށް އެރޭ ގޮތަށް ހުންނަ ވިއްސަކަށް ފޫޓު އުސް އެ ލައިޓްހައުސް މަތިން މުޅި ސަރަހައްދު ވަށައި ފެނެ އެވެ. އެހެންވެ، މިއީ ރަށަށް ޒިޔާރަތް ކުރާ މީހުން ފޮޓޯ ނަގާލަން ވަރަށް މަގުބޫލު ތަނެކެވެ. އެތަނުގެ މައްޗަށް އަރައި ތިބެ ވެސް ގިނަ ބަޔަކު ފޮޓޯ ނަގަ އެވެ.
ކައުންސިލުގެ ރައީސް އަލީ އަބްދުލްލަތީފު ވިދާޅުވި ގޮތުގައި، މި ތަނަކީ ރަށަށް ޒިޔާރަތް ކުރާ ފަތުރުވެރިންނާއި ދިވެހި ދަތުރުވެރިންނާއި އިއްޒަތްތެރިން އަބަދު ވެސް ބަލާލަން ބޭނުންވާ ތަނެކެވެ.
އެކަމަކު، 2021 ވަނަ އަހަރުގެ މެއި މަހު ކުރި ވިއްސާރައެއްގައި އުދަ އަރައި ވަރަށް ބޮޑަށް ގިރާލައި އެންމެ އުތުރު ޕޮއިންޓުގެ ބޮޑު ބައެއް ވަނީ ގެއްލިފަ އެވެ. އާދައިގެ ދުވަހެއްގައި ނަގަމުންދިޔަ ރާޅުތަކަށް ބަލާލުމުން ވިއްސާރައިގައި އެތަނަށް ވާނެ ގޮތް ހިތައް ގެނެވެ އެވެ. ކައުންސިލުން ބުނާ ގޮތުގައި އަދިވެސް ހުއްޓުމެއް ނެތި އެތަން ދަނީ ގިރަމުންނެވެ.

2021 ވަނަ އަހަރު ކުރީކޮޅު ކުރި ވިއްސާރައިގައި ތުރާކުނު ލައިޓްހައުސް ގިރާލާފައި
އެންމެ ފުރަތަމަ ބެހެއްޓި ދަގަނޑު ބައްތި ޓަވަރު ބާވުމާއި އެތަން ގިރާލުމާއި ވަނީ ބަދަލުކޮށްފަ އެވެ. ކުރިން އެ ބައްތި ބަހައްޓާފައި ހުރި ތަނުގެ ބިންގާ މިހާރު ފެންނަނީ އެއްގަމާ ދިހަ ވަރަކަށް ފޫޓު ދުރުން ފަޅު ތެރެއިންނެވެ.
އަލީ ވިދާޅުވި ގޮތުގައި އެއީ ރާއްޖޭގެ ވަރަށް ހާއްސަ ލޭންޑްމާކަކަށް ވިޔަސް އެތަން އެކަށީގެންވާ ގޮތަށް ތަރައްގީ ނުކުރެވި އޮތީ، އެ ސަރަހައްދު ގިރާ ވަރުންނެވެ. މިހާރު ގިރާލާފައި އޮތަސް، ކުރީގެ ފޮޓޯތަކަށް ބަލާއިރު، އެއީ ވަރަށް އުސްކޮށް ބިންގަނޑު އޮތް ތަނެކެވެ.
"މިހާރު ތިން ވަނަ ޓަވަރު އެތަނުގައި ހެދިފައި އެވަނީ. މިދިޔަ އަހަރު ވެސް ރިލޮކޭޓު ކުރެވިފައި އިން އިރު ވެސް އަނެއްކާ ވެސް ގިރަމުން ދަނީ،" އޭނާ ވިދާޅުވި އެވެ.
ހިމާޔަތެއް ނެތި ދޫކޮށްލައިފި ނަމަ ޖިއޮގްރަފީ ބަދަލުވެ އެ ސަރަހައްދު ރަށުގެ އެންމެ އުތުރަށް ނުވާ ހިސާބަށް ވެސް ގޮސްދާނެ އެވެ. އެކަމަކު، އަލީ ވިދާޅުވި ގޮތުގައި އެވަރަށް އަދި ގިރާލާފައި ނުވެ އެވެ. ސާވޭތަކަށް ބަލާއިރު އެއީ އަދިވެސް ރަށުގެ އެންމެ އުތުރު ކަމަށެވެ.

ރާއްޖޭގެ އެންމެ އުތުރުގައި ހުންނަ ލައިޓްހައުސް މަތީގައި މީހަކު ފޮޓޯއަކަށް ހުއްޓިލައިގެން -- ފޮޓޯ:އަދަދު
ރަށް ގިރުމުގެ މައްސަލަށް ހައްލެއް ލިބޭނީ އޭނާ ވިދާޅުވި ގޮތުގައި ސަރުކާރުން މިދިޔަ އަންގާރަ ދުވަހު އެމްޓީސީސީއާ ހަވާލު ކުރި ބިން ހިއްކުމާއި ރިވެޓްމެންޓް ޖެހުމުގެ މަޝްރޫއު ނިމުމުންނެވެ. އޭނާ ވިދާޅުވި ގޮތުގައި، ބިން ހިއްކާ އިރު އެންމެ އުތުރު ޕޮއިޓަށް ވެސް ވެސް ބިން އިތުރު ކުރެވި އެތަން ވަށައި ރިވެޓްމެންޓް ޖެހޭނެ އެވެ.
"އެކަމަށް ދާއިމީ ހައްލެއް ލިބިގެންދާނެ، ބިން ހިއްކުމުގެ މަސައްކަތް އެމްޓީސީސީއާ އެވޯޑްކޮށްފަ އޮތީމަ، އެ ސަރަހައްދު އެއްކޮށް ރިވެޓްމެންޓު ޖަހައި ހިމާޔަތް ކުރެވޭނެ،" އޭނާ ވިދާޅުވި އެވެ.
އަލީ ވިދާޅުވީ، ބިން ހިއްކައި ރިވެޓްމެންޓު ޖެހުމުން އެތަން ތަރައްގީ ކުރާނީ ހާއްސަ ޒަމާނީ ފެންވަރުގެ މޮނިއުމެންޓެއް ވެސް ބަހައްޓާ ގޮތަށް ކަމަށެވެ. އަދި އެތަނުގައި އާންމުންނަށް ހިތްހަމަޖައްސާލަން ގޮސް ތިބެލެވޭ ކަހަލަ ހަޓުތަކާއި ބެންޗުތައް ވެސް ހުންނަ ގޮތަށް ކަމަށެވެ.
"އެތަނުގައި އިށީނދެލެވޭ ގޮތް ހުރުމާއި އެތަނުގައި ހިޔާވާ ގޮތަށް ތަންތަން ހެދުމާއި އެއީ އަޅުގަނޑުމެންގެ ވިސްނުން، އެއީ އަޅުގަނޑުމެންގެ ޕްލޭން. މި މަސައްކަތް ކުރެވެނީ މި ބުނާހެން ބިން ހިއްކުމާ ގުޅިގެން އަންނަ ރިވެޓްމެންޓުން އެތަން މުޅިން ކަވަރުވެގެން އަޅުގަނޑުމެންގެ މަސައްކަތް ރަސްމީކޮށް ފެށޭނީ،" އަލީ ވިދާޅުވި އެވެ.

ތުރާކުނުގައި ހުންނަ ރާއްޖޭގެ އެންމެ އުތުރު ޕޮއިންޓުގައި ހުންނަ ކަޅު އަކިރި ގާތައް -- ފޮޓޯ: އަދަދު
ހއ. ތުރާކުނު ބިން ހިއްކުމުގެ މަޝްރޫއުގެ ދަށުން އެރަށުން 8.16 ހެކްޓަރު ބިން ހިއްކާނެއެވެ. އަދި ހިއްކާ ސަރަހައްދު ހިމާޔަތްކުރުމުގެ ގޮތުން 1،215 މީޓަރުގެ ރިވެޓްމަންޓް ޖަހާނެ އެވެ. މި މަސައްކަތް 164 މިލިއަން ރުފިޔާއަށް އެމްޓީސީސީއާ ހަވާލުކޮށްފައި ވަނީ 630 ދުވަހުން ނިންމާ ގޮތަށެވެ.
އެންމެ އުތުރުގައި އޮތުމާއި އާބާދީ ކުޑަވުމުގެ ސަބަބުން ތުރާކުނަކީ މާ ބޮޑެތި އިގްތިސާދީ ފުރުސަތު އޮތް ރަށެއް ނޫނެވެ. އެކަމަކު، މި ރަށަކީ ރީތި ގޮނޑުދޮށްތަކާއި ތުނޑިއެެއް ވެސް އޮންނަ ހިތްފަސޭހަ ރަށެކެވެ. އެހެންވެ، ގެސްޓް ހައުސް ފަދަ ވިޔަފާރިތައް ފެށިއްޖެ ނަމަ އެ ރީތި މަންޒަރުތައް ބަލަން ގެސްޓުން ގެނެވޭނެ އެވެ.
އެންމެ ފަހުގެ ބޮޑެތި މަތިންދާބޯތުތަކަށް ޖެއްސޭ ވަރަށް އަދި 1.3 މިލިއަން މީހުންނަށް ހިދުމަތް ދެވޭ ވަރަށް ހދ. ހަނިމާދޫ އެއާޕޯޓު ތަރައްގީ ކުރަން ނިންމާފައިވާ އިރު އެ މަޝްރޫއު ރޭވިފައިވާ ގޮތަށް ނިމިއްޖެ ނަމަ ޓޫރިޒަމް ކުރިއަރުވަން ފުރުސަތު ލިބޭނެ އެއް ރަށަކީ މި އެވެ.
އެ ދުވަހަކަށް ރާއްޖޭގެ އެންމެ އުތުރު ޕޮއިންޓް ތައްޔާރުވެފައި އޮތިއްޔާ އެއީ ރަށަށް ލިބޭނެ އިތުރު ފުރިހަމަ ކަމެކެވެ. އަދި ބޭރުގެ ޓޫރިސްޓުންނާއި ދިވެހީން ވެސް އެ ރަށަށް ދަމައިގަންނާނެ އެއް ސަބަބަށް ވާނެ އެވެ.







