ހއ. ތުރާކުނު ކައިރީ އޮތް ވަނގާރު, އެ ރަށުގެ އިހްތިސޯސްގެ ތެރޭގައި ހިމެނުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވައުދުވެވަޑައިގެންފި އެވެ.
ރިޔާސީ އިންތިހާބުގެ ކެމްޕޭނުގައި ތުރާކުނަށް ވަޑައިގެން ރައީސް ސޯލިހް ވިދާޅުވީ ކުރިއަށް އޮތް ދައުރުގައި ވެސް ތުރާކުނުގެ ތަރައްގީއަށް ރައްޔިތުން ބޭނުންވާ ބަދަލު ގެނެސްދެއްވާނެ ކަމަށެވެ. އެގޮތުން, ރައްޔިތުން ބޭނުންވާ ގޮތަށް ވަނގާރު ތުރާކުނުގެ އިހްތިސޯސް ތެރެއަށް ލާން ވައުދުވެވަޑައިގެންނެވި އެވެ.
"ވަނގާރަކީ މިވަގުތު ޓޫރިޒަމް ތަރައްގީ ކުރުމަށް ލިސްޓުކޮށްފައި އޮތް ރަށެއް. އެހެން ނަމަވެސް ކައުންސިލުގެ އެދުމާއި, ރައްޔިތުންގެ އެދުމާއެކު އެރަށް ޓޫރިޒަމްގެ ލިސްޓުން ވަކިކޮށް, ރައްޔިތުންނަށް ބޭނުންކުރެވޭ ގޮތް ހަދައިދޭނަން," ރައީސް ވިދާޅުވި އެވެ.
މީގެ އިތުރުން ރައީސް ވަނީ ތުރާކުނުގެ ބިން ހިއްކުމުގެ މަސައްކަތް ކުރުމަށް އެމްޓީސީސީއާ ހަވާލުކޮށްފައިވާކަން ފާހަގަކުރައްވާފަ އެވެ. އަދި ވަނގާރު ތުރާކުނުގެ އިހްތިސޯސްގެ ތެރެއަށް ލުމާއި, ތުރާކުނުގެ ބިން ހިއްކުމާއެކު އެރަށަށް ދިމާވެފައިވާ ބިމުގެ ދަތިކަމަށް ހައްލު ލިބިގެންދާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
"އޭރުން [ތުރާކުނުގެ ބިން ހިއްކުމުން] ތިބޭފުޅުން ބޭނުންވާހެން ބިމުގެ ދަތިކަމަށް ހައްލު ލިބި, ވަނގާރު ބޭނުން ކުރެވޭ ގޮތަށް ވުމުން މިރަށަށް ދިމާވެފައި މިއޮތް ބިމުގެ ދަތިކަމަށް އަދި އެގްރިކަލްޗާ މަސައްކަތަަށް ވެސް އެރަށް ބޭނުންކުރުމުގެ ފުރުސަތު ރަށުގެ ރައްޔިތުންނަށް ލިބިގެންދާނެ" ރައީސް ވިދާޅުވި އެވެ.

ތުރާކުނުގައި ވާހަކަދައްކަވަމުން ރައީސް ވަނީ ތުރާކުނަށް ދިމާވެފައިވާ އަރާފޭބުމުގެ މައްސަލަ ފާހަގަކުރައްވާފަ އެވެ. އަދި އެ މައްސަލަ ހައްލު ކުރުމަށް ބަނދަރު ބޮޑު ކޮށްދެއްވުމަށް ވެސް އެމަނިކުފާނު ވަނީ ވައުދުވެ ވަޑައިގަންނަވާފަ އެވެ.












