ރާއްޖޭގައި ބޭއްވޭ އެންމެ ބޮޑު އިންޓަނޭޝަނަލް ޓްރެވަލް ޓްރޭޑް ޝޯ، ޓީޓީއެމް މޯލްޑިވްސް 2023ގެ ޕްލެޓިނަމް ޕާޓްނަރަކަށް އުރީދޫ ހަމަޖައްސައިފި އެވެ.
ޓީޓީއެމް މޯލްޑިވްސް 2023ގެ ދަށުން ދެ ދުވަހު މީރުމާ ކޮންފަރެންސް ފެސިލިޓީގައި ޓީޓީއެމް ކަނެކްޓް މީޓިންތަކެއް އޮންނާނެ އެވެ. އަދި އެންމެ ފަހު ދުވަހު ކްރޮސްރޯޑްސް މޯލްޑިވްސްގައި ޓީޓީއެމް އެވޯޑްސް އަދި ގާލާ ނައިޓް އޮންނާނެ އެވެ.
މިއަހަރުގެ ޓްރޭޑް ޝޯގައި ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގެ އެންމެ ފަހުގެ ހިޔާލުތަކާއި ޓްރެންޑްތައް މަޝްވަރާކޮށް ދެނެގަތުމަށް ޓީޓީއެމްއަށް 100 އަށް ވުރެ ގިނަ ރިސޯޓް އަދި ހޮޓަލުން ޒިޔާރަތްކުރާނެ ކަމަށް ބެލެވެ އެވެ. އަދި ފާހަގަކޮށްލެވޭ 30 ގައުމެއްގެ 250 އަށް ވުރެ ގިނަ ބޮޑެތި އޮޕަރޭޓަރުން ޓޮރޭޑް ޝޯގައި ބައިވެރިވާނެ އެވެ.
ގާލާ ނައިޓްގއި ފަތުރުވެރިކަމުގެ ސިނާއަތުގައި ފާހަގަކޮށްލެވޭ ފަރާތްތަކަށް ޓީޓީއެމް އެވޯޑް ދިނުމުގެ އިތުރުން އައު ކެޓެގަރީތަކެއްވެސް އިއުލާނުކުރުމަށް ވަނީ ހަމަޖެހިފައެވެ.
ޓީޓީއެމްގައި ބައިވެރިވުމަށް އެގްޒިބިޓަރުންނާއި ޒިޔާރަތްކުރާ ފަރާތްތަކުން މިމަހުގެ 31ގެ ކުރިން މި އިވެންޓަށް connect.traveltrademaldives.com ޕޯޓަލް މެދުވެރިކޮށް ރަޖިސްޓްރީ ކުރަންޖެހޭނެ އެވެ.
އުރީދޫއިން އަންނަނީ ރާއްޖޭގެ ޑިޖިޓަލް ސޮލިއުޝަންތަކުގެ ޒަރިއްޔާއިން ފަތުރުވެރިކަމުގެ ސިނާއަތުގެ ކުރިއެރުމަށް މަސައްކަތްކުރަމުންނެވެ. މިގޮތުން އުރީދޫއިން ވަނީ ޑެސްޓިނޭޝަން މާކެޓިން ކެމްޕެއިނެއް ކަމަށްވާ "ވިޒިޓް މޯލްޑިވްސް ނައު" އިފްތިތާހުކޮށްފަ އެވެ.
މި ކެމްޕެއިނުގެ ޒަރިއްޔާއިން އެ ކުންފުނިން ވަނީ 10 ގައުމެއްގެ 117 މިލިއަނަށް ވުރެ ގިނަ މީހުންނަށް ރާއްޖެ މާކެޓްކޮށް، ކޮވިޑަށް ފަހު ފަތުރުވެރިކަން އަލުން ފެށުމަށް އެހީތެރިކަން ފޯރުކޮށްދީފަ އެވެ.










